މިއަދު އެކަނިވެސް 81 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު: އިމިގްރޭޝަން

ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޤައުމީ ފެންވަރުގައި މިހާރު ހިންގަމުންގެންދާ އޮޕަރޭޝަނުގައި މިއަދު އެކަނިވެސް 81 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ވަނީ ރާއްޖޭގައި ގަވާއުދާ ހިލާފަށް އުޅެމުންގެންދާ ބިދޭސީން ހޯދުމަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފަށާފައެވެ. މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ، މިއަދު ހެނދުނު 6 ޖެހިއިރު ފެށި މި އޮޕަރޭޝަނުގައި 932 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާކަމަށެވެ. މީގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭކަމަށް ފާހަގަ ކުރެވިގެން 81 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އުސޫލާ ހިލާފަށް ބިދޭސީން ހިންގާ 10 ވިޔަފާރިއެއް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެތަންތަނުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފެށުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފ.ނިލަންދޫގައި ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވެފައިވަނީ، ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މިހާރު ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، ނުގަވައިދުން އުޅެމުންދާ ބިދޭސީންގެ ސަބަބުން ދިވެހިންނަށް ލިބެންޖެހޭ ފުރުސަތުތައް ހަނިވެފައިވާކަމަށެވެ.
މި އޮޕަރޭޝަން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދާނޭކަމަށާއި، ހާއްސަ ގޮތެއްގައި ބޮޑެތި އާބާދީތައް ދިރިއުޅެމުންދާ ރަށްތައް ބަލާނޭކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތު ނެގުމަށް ފެށި އޮޕަރޭޝަނުގައި މިހާތަނަށް 178،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ނަގާފައިވާކަމަށް ރައީސް ވަނީ ރޭ ވިދާޅުވެފައެވެ. މީގެ ތެރެއިން ޤަވާއިދާ ހިލާފަށް އުޅޭކަމަށް ފާހަގަކުރެވުނު މީހުންގެ ތެރެއިން 8609 ޤައުމަށް ފޮނުވާލާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި އަދަދުތަކަށް ބަލާއިރު މިއީ ވަރަށް ބައިވަރު މީހުން ކަމަށާއި، ރާއްޖޭގައި ދެ ލައްކައަށްވުރެ ގިނަ ބިދޭސީން އުޅެމުންދާނޭކަމަށް ލަފާކުރެވޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ