ދަފުތަރު ވަގުތުން ވަގުތަށް އުވާލައި ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް ބޭރު ބަޔަކާ ހަވާލުކުރަން ޖެހޭ: ޝާހިދު ދަފުތަރު ވަގުތުން ވަގުތަށް އުވާލައި ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް ބޭރު ބަޔަކާ ހަވާލުކުރަން ޖެހޭ: ޝާހިދު

މާލޭގެ ދަފުތަރު ވަގުތުން ވަގުތަށް އުވާލައި ގޯއްޗާއި ފްލެޓު ދޫކުރުމުގެ މަސައްކަތް ކުރަން ބޭރުގެ ބަޔަކާ ހަވާލު ކުރަންޖެހޭ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ހައްގަށް ބެލުމެއްނެތި ރަސްމާލެއަށް އިސްކަންދޭ މައްސަލައިގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝާޑު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ މިއަދު އޮތް މިންވަރަށް ބޮޑުވެގެން ދިޔައީ ސިޔާސީ ވެރިން، އެމީހުންގެ ބާރުތައް ދެމެހެއްޓުމަށްޓަކައި ކުރި ސިޔާސީ ކަންކަމުގެ ސަބަބުން ކަމަށެވެ.
މާލޭގެ ދަފުތަރަކީ ސިޔާސީ ބާރުވެރިކަން ހިފެހެއްޓުމަށް ހަދާފައި އޮތް އެއްޗެއް ކަމަށް ޝާޑު ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް މާލޭގެ ދަފުތަރު އުވައިލަންޖެހޭ ކަމަށް ޝާޑު ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ގޮވައިލަން އިއްޒަތްތެރި ރައީސް، މި މަޖިލީހުން ވަގުތުން، ވަގުތުން ވަގުތަށް ދަފުތަރު އުވައިލަން، ދަފުތަރު އޮވެގެނެއް ނުވޭ، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަމަށް، މި ދަންނަވާ ބޯހިޔާވަހިކަމަށް އެޕްލައި ކުރެވޭނެ، އެއީ އަޅުގަނޑުމެންގެ ފައިސާއިން ކޮންމެ ތަނެއްގައި ބިން ހިއްކިޔަސް ހިއްކަނީ، މިއަކަށް އޮންނާކަށް ނުޖެހޭ ވަކި ރަށެއް، ތަފާތު ކުރުމެއް،" ޝާޑު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަފުތަރު އުވާލައިފައި އެމީހެއްގެ ރަށަށް އެމީހެއްގެ ރެޖިސްޓްރީ ބަދަލުކުރަންޖެހޭ ކަމަށެވެ. މިހާރު އޮތް ގޮތުން ދަފުތަރުގައި ތިބި މީހުންނަށް އެމީހުންގެ ރަށްރަށުގައި ނަގާ ވޯޓުތަކުގައި ބައިވެރިނުވެވޭ ކަމަށް ޝާޑު ވިދާޅުވި އެވެ. އަދި ދަފުތަރުގައި ޖެހިފައި ތިބި މީހުންނަށް، މާލެއިން ފްލެޓެއް ނުވަތަ ގޯއްޗެއް ވެސް ނުލިބޭ ކަމަށް ޝާޑު ވިދާޅުވި އެވެ.
ދަފުތަރު އުވާލައިފައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް ސަރުކާރުން ދޫކޮށްލައި، ބޭރުގެ ބަޔަކަށް އެ މަސައްކަތް ހަވާލުކުރަންޖެހޭ ކަމަށް ޝާޑު ވިދާޅުވި އެވެ.
"ދަފުތަރު އުވާލައިފައި މި ބޯހިޔާވަހިކަން ދޫކޮށްލަންވީ މުޅީން އެހެން ބަޔަކަށް، ސަރުކާރުން ވެސް ބެހިގެން ނުވާނެ، މި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މުޅިން އެހެން ބަޔަކަށް ހަވާލުކޮށްލަންވީ، އެހެންގޮތަކަށް ދަންނަވާ ކަމަށްވަންޏާ ބޭރުގެ ބަޔަކާ ހަވާލުކުރަން އަޅުގަނޑަށް ފެންނަނީ، އޭރުން މިކަން ހަމައަކަށް އަންނާނީ،" ޝާޑު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ކަން ހިނގަނީ ސިޔާސީ ޕާޓީތަކުގެ އޮފީހުން ފްލެޓު ލިސްޓު ތައްޔާރުކުރާ ގޮތަށް ކަމަށް ޝާޑު ވިދާޅުވި އެވެ. އެއީ އިންސާފެއް ނޫން ކަމަށާއި ފްލެޓުތަކާއި ގޯތި ލިބެންޖެހޭނީ އޭގެ ހައްގުވެރިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިބޭ މީހާއަށް ލިބެނީ ކޮންމެ ސަރުކާރެއްގައި ވެސް، ލިބޭ މީހާއަށް އެ ފްލެޓު މި ލިބެނީ، މިގޮތަށް ކިހިނެއްތޯ މިކަން ކުރާނީ؟ މިއީ މިހާރު ބޮޑު ވިޔަފާރި އުސޫލުން ކުރާ ކަމެއްގެ ގޮތުގައި މިކަން މި ވަނީ، ފްލެޓު ލިބޭ މީހާ މި ހުންނަނީ ފްލެޓުތައް ކުއްޔަށް ދީފައި، މާލޭގައި ވެސް ހުޅުމާލޭގައި ވެސް ވިލިމާލޭގައި ވެސް، ކޮންމެ ތަނަކުން ލިބޭ އެއްޗެއް ވެސް ކުއްޔަށް ދީފައި އެ މީހާ މި ހުންނަނީ ރާއްޖެއިން ބޭރުގައި،" ޝާޑު ވިދާޅުވި އެވެ.
"އެއްކަލަ ނިކަމެތި މީހާއަށް ނުލިބޭ ރަށުން ވެސް ގޯއްޗެއް، ފްލެޓެއް ވެސް ނުލިބޭ، ހުޅުމާލެއަކުން ވެސް ނުލިބޭ، އެހެންވީމާ މިކަމަށް އެބަޖެހޭ ދާއިމީ ހައްލެއް ގެނެސްގެން މިކަން ނައްތާލަން، އެހެންނޫނީ ފްލެޓު ނާޅަންވީ، މި އުސޫލުން މި ފްލެޓު ދޭކަމަށްވަންޏާ ފްލެޓު އަޅާނެކަމެއް ނެތް."
ޝާޑު ވިދާޅުވީ ހައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރު ނުކޮށްދީ ބިން ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ