ގުޅީފަޅުން ދޫކުރި ގޯތިތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެޕޮއިންޓްމެންޓު ހެދުން ހުއްޓުމަކަށް ގެންނަނީ ގުޅީފަޅުން ދޫކުރި ގޯތިތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެޕޮއިންޓްމެންޓު ހެދުން ހުއްޓުމަކަށް ގެންނަނީ

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުން، އައު ރަޖިސްޓްރީ އާއި އެއްބަސްވުންތަކުގައި ސޮއިކުރުމަށް އެޕޮއިންޓްމަންޓު ހެދުމުގެ ފުރުސަތު ނިމުމަކަށް ގެނައުމަށް ހައުސިން މިނިސްޓްރީން ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.
މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އައު ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއި ކުރުމަށް ދިގު މުއްދަތެއް ދީފައިވާ ކަމަށާއި އެކަމަށް އެޕޮއިންޓްމަންޓު ހެދުމުގެ ފުރުސަތު ނޮވެމްބަރު 6، ގައި ބަންދުވާނެ ކަމަށެވެ. މިއީ ގުޅީފަޅުން ލިބުނު ގޯތިތަކުގެ ރަޖިސްޓްރީ އާއި އެއްބަސްވުމުގައި ހަވާލުވުމަށް ލިބޭ ފަހަރު ފުރުސަތު ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
"މި މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދިފައިނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަން،" ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
އެއްބަސްވުމާއި ރަޖިސްޓްރީ އާއި ހަވާލުވާން ދާއިރު ގެންދަން ޖެހޭ ލިޔެކިޔުންތަކުގެ ލިސްޓާއި އިތުރު ތަފުސީލުތައް އިއުލާނުގައި ހިމަނާފައިވެ އެވެ. މި ލިޔެކިޔުންތައް ފުރިހަމަނުކޮށް ދާ ފަރާތްތަކާއި ގަޑިއަށް ނުދާ ފަރާތްތަކުގެ އެޕޮއިންޓްމަންޓު ކެންސަލް ވާނެ ކަމަށް ވެސް އިއުލާނުގައި މިނިސްޓްރީން ބުނެފައިވެ އެވެ.
ގުޅީފަޅުން ދޫކުރި ގޯތިތަކުގެ އައު އެއްބަސްވުންތަކަށް ބަދަލެއް ގެންނަން ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް، އެކަން ނުކުރާން ނިންމީ އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ހިޔާލުފާޅު ކުރަން ފެށުމުންނެވެ.
އޭގެ ފަހުން ހައުސިން މިނިސްޓްރީން ބުނީ މެއި 30، 2025 ގައި ނެގި ގުރުއަތާ އެއްގޮތަށް ގޯތިތައް ހަވާލު ކުރުމުގެ ގޮތުން، ހަމައެކަނި ގޯތީގެ އާ ރެޖިސްޓްރީ ނަންބަރާއި، ގޯތި އޮތް ތަން ބަޔާން ކޮށްދިނުމަށް ހިމަނާ ކޯޑިނޭޓްސްގެ އިތުރުން ގޯތީގެ ނަންބަރު ބަދަލުކޮށް، ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ސޮއި ކުރުމަށް ކަމަށް ނިންމާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ހަދާފައިވާ އެއްބަސްވުންތަކާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ހުރި ފުށުއެރުންތައް ހައްލު ކުރުމަށް ބަންޑާރަނައިބާ މަޝްވަރާ ކޮށްގެން ޖުމުލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފަ އެވެ. އެއީ ކޮން ބޭނުމެއްގައި އިތުރު ކުރި ގޯތިތަކެއް ކަމެއް ނޭނގެ އެވެ.
ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން މިދިޔަ ސަރުކާރުން ޝާއިއު ކުރީ އޯގަސްޓު 24، 2023، ގަ އެވެ. އެ ޕްލޭނަށް މި ސަރުކާރުން އެންމެ ފުރަތަމަ ބަދަލުތަކެއް ގެނައީ އޮކްޓޯބަރު 27، 2024، ގަ އެވެ. އެ ބަދަލު ގެނައީ އެ ރަށުގައި މުހިންމު އިންފްރާސްޗަކްތާތައް ގާއިމްކޮށްފައި ނެތުމުން ކަމަށް ސަރުކާރުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ