ގޯނާގެ 41 މައްސަލަ މިދިޔަ މަހު ރިޕޯޓުކުރީ ކުޑަކުދިން އަމިއްލައަށް

ނިމުނު ސެޕްޓެމްބަރު މަހު، ގޯނާގެ 41 މައްސަލަ ކުޑަކުދިން އަމިއްލައަށް ރިޕޯޓުކުރި ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުގައި ވަނީ، ކުޑަކުދިންނާ ގުޅޭ 241 މައްސަލަ މިދިޔަ މަހު ހުށަހަޅައިގެން އެޓެންޑުވެފައިވާ ކަމަށެވެ. އެ މަހުގެ ތެރޭގައި، 1،770 މައްސަލަ ގުޅައިގެން ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރެއިން، 41 މައްސަލަ ރިޕޯޓުކުރީ ކުޑަކުދިން ކަމަށްވާއިރު، ބޮޑު މީހަކު ގުޅައިގެން 1،370 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި، ކާކުކަން ނޭނގޭ ގޮތަށް 389 މައްސަލައެއް ވެސް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: ގޯނާގެ 41 މައްސަލަ މިދިޔަ މަހު، ރިޕޯޓުކުރީ ކުޑަކުދިން އަމިއްލައަށް-- ސަން ފޮޓޯ/ ފަޔާޒު މޫސާ ނިމުނު ސެޕްޓެމްބަރުގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތެކެވެ. އެ ބާވަތުގެ 32 މައްސަލަ ހުށަހަޅާފައިވާއިރު، އޭގައި ގިނައީ އަންހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތެކެވެ. އެ ބާވަތުގެ 23 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެއިތުރަށް، ޖިސްމާނީ އަނިޔާގެ 19 މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ކުރުމުގެ 11 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ރޭޕްއާ ދެކޮޅަށް ކުރި މުޒާހަރާއަކުން: ގޯނާގެ 41 މައްސަލަ މިދިޔަ މަހު، ރިޕޯޓުކުރީ ކުޑަކުދިން އަމިއްލައަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެއާއެކު، ކުޑަކުއްޖަކަށް ފެންނަ ގޮތަށް އަނިޔާ ކުރުމުގެ ހަތް މައްސަލައަކާއި ގަނާ ކުރުމުގެ ހަތަރު މައްސަލައާއި ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ ވެސް މިދިޔަ މަހު ހުށަހެޅިއެވެ. ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި ޒަމާންތަކެއް ވަންދެން ހައްލު ނުލިބި އޮތް މައްސަލައެކެވެ. އޭގެތެރެއިން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާ މިންވަރު އިތުރުކަމަށް ހިސާބުތަކުން ދައްކައެވެ. އެފަދަ ހުތުރު އަމަލު ހިންގައިގެން ކުށް ސާބިތުވެފައިވާ އުމުރުން ދުވަސްވީ ގިނަ ގައިދީންތަކެއް މިހާރު ވެސް ޖަލުގައި އެބަތިއްބެވެ. މިފަދަ މީހުންގެ މައުލޫމާތު އެނގޭނެ ވެބްސައިޓެއް ވެސް މިހާރު ވަނީ ގާއިމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ