އޭޝިއަން ޔޫތު ގޭމްސް 2025: ތަޒްކިޔާ، 200 މީޓަރު އަންހެން ބެކްސްޓްރޯކް ރިކޯޑު އައުކޮށްފި

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ސްވިމިން އިވެންޓްތައް މިއަދު ފަށައިފައިވާއިރު، އަމްނާ ތަޒްކިޔާ މިރުޝާދު 200 މީޓަރު އަންހެން ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑު އައުކޮށްފިއެވެ. ތަޒްކިޔާ މިއަދު ރެކޯޑު އައުކޮށްފައި ވަނީ ދެ މިނެޓް، 45.97 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިންވެސް ތަޒްކިޔާ އަތުގައި އޮތް ރެކޯޑެކެވެ. އޭނާ މިދިޔަ އަހަރު ރެކޯޑު ހެދީ ދެ މިނެޓް، 51.26 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެހެންކަމުން މިފަހަރުގެ ޔޫތު ގޭމްސްގައި ތަޒްކިޔާގެ ފަރާތުން ބޮޑު ކުރިއެރުމެއް ވަނީ ފެނިފައެވެ. އޭޝިއަން ޔޫތު ގޭމްސް 2025: އަންހެނުންގެ 200 މީޓަރު އަންހެން ބެކްސްޓްރޯކް ރިކޯޑު އައުކުރި ތަޒްކިޔާ--- ފޮޓޯ: އެމްއޯސީ މިއަދު ދިވެހި އެތުލީޓުން ވާދަކުރި އިތުރު އިވެންޓްތަކަށް ބަލާއިރު، ޒުކައިން ހަނީފް ވަނީ 200 މީޓަރު ބެކްސްޓްރޯކްގައި ވާދަކޮށްފައެވެ. އޭނާ ވަނީ ރަނގަޅު ޓައިމިންއެއް ކަމަށްވާ ދެމިނެޓް، 35.65 ސިކުންތުން ރޭސް ނިންމައިފައެވެ. އަންހެން އެތުލީޓުން ވާދަކުރި އިވެންޓްތަކަށް ބަލާއިރު، 200 މީޓަރު އަންހެން ބެކްސްޓްރޯކް އިވެންޓްގައި ވާދަކުރި މަލައިކާ ލިންޑާ އިމްރާން ވަނީ ދެމިނެޓް، 54.85 ސިކުންތުން ރޭސް ނިންމައިފައެވެ. އަޔާނާ އަރީފް ވާދަކޮށްފައި ވަނީ 400 މީޓަރު އަންހެން ފްރީސްޓައިލް އިވެންޓްގައެވެ. އެ އިވެންޓްގެ ހީޓް އެކެއްގައި ވާދަކޮށް އޭނާ ރޭސް ނިންމާފައި ވަނީ ފަސް މިނެޓް، 29.92 ސިކުންތުންނެވެ. މިއަދު ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުންވެސް ރިލޭ އިވެންޓްގައި ވާދަކޮށްފައިވެއެވެ. ފިރިހެން ރިލޭ ޓީމުގައި ހިމެނެނީ ލޫތު ހުސައިން، މަކީން ޝަކީބް، ޝައިމް އިބްރާހީމް އަދި އިޒްޔާޏް ނާޒިމެވެ. އެ ޓީމުން ވާދަކުރީ ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގައެވެ. އެޓީމްގެ ޓައިންނަކީ ހަތަރު މިނެޓް، 4.40 ސިކުންތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ