މަސްދަރު ހާމަކުރާ އަމުރަކަށް އެދޭތާ 24 ގަޑިއިރު ތެރޭ ހައި ކޯޓުން ގޮތް ނިންމަން ހިމަނައި ގާނޫނު ބަދަލުކުރަނީ މަސްދަރު ހާމަކުރާ އަމުރަކަށް އެދޭތާ 24 ގަޑިއިރު ތެރޭ ހައި ކޯޓުން ގޮތް ނިންމަން ހިމަނައި ގާނޫނު ބަދަލުކުރަނީ

ހެއްކާއި ބެހޭ ގާނޫނުގެ ދަށުން ނޫސްވެރިޔަކު ލިޔާ ލިޔުމަކަށް ނުވަތަ ގެނެސްދޭ ހުށަހެޅުމަކަށް މައުލޫމާތު ދިން މަސްދަރު ހާމަކުރަން އެދި ހައި ކޯޓަށް ހުށަހަޅާ މައްސަލައާމެދު 24 ގަޑިއިރުގެ ތެރޭގައި ގޮތް ނިންމަން ޖެހޭނެހެން ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ހުށަހެޅި ބިލުގައި އަމުރަށް އެދުމުގެ ބާރު ލިބެނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް، ކުށެއްގެ ތުހުމަތު ކުރެވޭ، ނުވަތަ ދައުވާ ލިބޭ ފަރާތަށެވެ.
އެފަދައިން އަމުރަށް އެދޭތާ 24 ގަޑިއިރުގެ ތެރޭ ހައި ކޯޓުން އެކަމާމެދު ގޮތެއް ނިންމަން ޖެހެ އެވެ. މަސްދަރު ހާމަކުރަން ޖެހޭ މަގުސަދާއި މައުލޫމާތު ބޭނުންވަނީ ކޮން ކުށަކާއި ގުޅިގެންކަން އަދި މައުލޫމާތު ހާމަކުރަން ޖެހެނީ ކޮން ފަރާތަކަށްކަން އައު އިސްލާހުގެ ދަށުން ނެރޭ އަމުރުގައި ހިމަނަންޖެހެ އެވެ.
ހައި ކޯޓުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އަމުރުކޮށްފިނަމަ، އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ލިބެނީ އެންމެ 10 ދުވަހުގެ މުއްދަތެކެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގައި ހެއްކާއި ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް ވަނީ އިތުރުކޮށްފަ އެވެ. އަދި، މި ގާނޫނާއި ބެހޭގޮތުން ނޫސްވެރިން މީގެ ކުރިން ފާޅުކުރި ކަންބޮޑުވުންތަކަށް މި އިސްލާހުން ހައްލެއް ނުލިބެ އެވެ.
އެމްޑީޕީ ސަރުކާރުގައި ހެއްކާއި ބެހޭ ގާނޫނު އެކުލަވާލި އިރު ނޫސްވެރިންނާއި ޖަމިއްޔާތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ ގައުމީ ސަލާމަތް މާނަކޮށްފައި ނެތުމުންނެވެ. އަލަށް ހުށަހެޅި އިސްލާހުގައި ވެސް ގައުމީ ސަލާމަތް މާނަކޮށްފައެއް ނުވެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މަސްދަރު ހާމަކުރަން ކޯޓުން އެންގޭހެން އޮތް މާއްދާ އިސްލާހުކޮށް، ނޫސްވެރިން ކުރިން ފާހަގަކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުންޏެވެ.
މުއިއްޒުގެ ސަރުކާރުން ނޫސްވެރިންނަށް އިތުރު ދަތިތަކެއް ކުރިމަތި ކުރުވަން އިސްލާހެއް ހުށަހަޅާފައި މިވަނީ، މިނިވަން މީޑިއާ ނެތިކޮށްލަން މިދިޔަ އޮގަސްޓު މަހު މަޖިލީހުން ބިލެއް ފާސްކޮށް، މަޖިލީހަށް ފުރިހަމަ ބާރު އޮންނަ މީޑިއާ ކޮންޓްރޯލް ކޮމިޝަނެއް އުފެއްދުމަށް ފަހު އެވެ.
މި ގާނޫނު އުވައިލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ