މީހަކު މަރާލައިގެން އެކަން ސިއްރެއް ނުކުރެވޭނެ، މޭރީގެ މަރުން ދައްކައިދެނީ އެ ހަގީގަތް

މާވިން ވަގާސް އާއި ހަލީމަތު ލަމްހާ އަބްދުއްރަހުމާންއަށް، އެމީހުންނާ ގުޅިފައި ހުރި އެންމެ އާންމު ކަންކަމާ މެދު ވެސް ރަނގަޅަށް ވިސްނާލެވިފައެއް ނެތެވެ. އެމީހުންގެ އަމިއްލަ އެދުމުގެ ފަރުދާ އެއަށް ވުރެ ބޯވެފައި ފުޅަލެވެ.
ދެ މީހުން ވެސް ވަޒީފާ އަދާކުރަމުން އައީ އައިޖީއެމްއެޗުގެ އެމަޖެންސީ ނުވަތަ އީއާރުގެ ނަރުހުންގެ ގޮތުގަ އެވެ. އެއީ ކުއްލި މަރުތަކާއި ކުއްލި ބޮޑެތި ހާދިސާތަކުގައި އަނިޔާ ލިބޭ މީހުންނަށް ރާއްޖޭގައި އެންމެ ގިނައިން ފަރުވާ ދޭ، އެފަދަ ހާލަތްތަކުގައި ރާއްޖެއިން ލިބެން ތިބި އެންމެ ތަޖުރިބާކާރު ނަރުހުންނާއި ތަޖުރިބާކާރު ޑޮކްޓަރުން ވެސް އެހާމެ ގިނަ ޑިޕާޓްމެންޓެކެވެ.
ދަންޖެހިގެން އީއާރަށް ގެންނަ މީހުންގެ ކިބައިން ފެންނަ އަލާމާތްތައް، އެ ނަރުހުންނާއި ޑޮކްޓަރުންނަށް އަލެއް ނޫނެވެ. ހިތުދަހެވެ. އެހެންކަމުން މާވިން އޭނާގެ އަންހެނުން، އައިޖީއެމްއެޗުގެ ޑައިލަސިސް ޑިޕާޓްމަންޓްގެ ނަރުސް، މޭރީ ގްރޭސް ދަންޖެހިގެން މަރުވީ ކަމަށް ބުންޏަސް، އެކަމާ މެދު ސުވާލު އުފެދޭ ކިތައްމެ އަލާމާތެއް ހުރީ ފެންނާށެވެ.
ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މާވިން އާއި ލަމްހާގެ ރޭވުންތައް، 19 އޮކްޓޯބަރު 2021ގެ މެންދުރު އެކެއްޖަހާކަންހާއިރުން ފެށިގެން އައިޖީއެމްއެޗުގެ އީއާރުގެ ނަރުހުންނާއި ޑޮކްޓަރުންގެ ތެރޭގައި އައީ ރޫޅެމުންނެވެ. މޭރީގެ މޫނާއި އިނގިލިތައް ނޫކަލައަކަށް ބަދަލުވެފައި ހުރުމެވެ. ދަންޖެހިގެން މަރުވާ މީހުންގެ ދެ ލޮލުން ފެންނަ އެއްވެސް އަލާމާތެއް ނެތުމެވެ. ކަރަށް އެވަރުގެ އަނިިޔާއެއް ނުވުމެވެ.
އެ ޝައްކުތަކާއި ތުހުމަތުތަކުގެ އޮށް، މީހެއްގެ އަމިއްލަ އިހުތިޔާރަކާ ނުލާ ވެސް، އެހާ ހިސާބުން އެ އޮތީ އިންދިފަ އެވެ.
ދިވެހި ފުލުހުންގެ ތަހުގީގުގެ ފުރަތަމަ ފިޔަވަޅާ އެކު ވެސް ހާމަވާން ފެށީ، މޭރީގެ މަރަކީ އޭނާ އަމިއްލައަށް ދަންޖެހިގެން ހިނގި ކަމެއް ނޫންކަމެވެ. މާވިން ހަދަމުން ދިޔައީ ދޮގުކަމެވެ. ދޮގަކަށް ފަހު ދޮގެކެވެ. އެއް ދޮގުން އަނެއް ދޮގުގެ ކުރި ވެސް ފަޅަނީ އެވެ.
ކްރިމިނަލް ކޯޓުގައި އެންމެ ފަހުން އެ ހަގީގަތް ދައްކައިދީފި އެވެ: އެ މަރަކީ، މާވިން އާއި ލަމްހާގެ ދެމެދު އުފެދުނު ލޯތްބަށް އެޅިފައި އޮތް ހުރަހަކަށް މޭރީ ވެއްޖެ ކަމަށް ބަލައި، އޮހޮރުވާލި ލެއެކެވެ.
ފުރާނައަކަށް ވުރެ އަމިއްލަ އެދުން ބޮޑުވީ އެވެ. އެ އެދުމުގައި އިންސާނިއްޔަތުކަމާއި ކުލުނު ވެސް ވަޔަށް ބުރައިގެން ދިޔައީ އެވެ. 
ޅ. ހިންނަވަރަށް އުފަން، މިހާރު އުމުރުން 29 އަހަރުގެ ލަމްހާ އާއި މާވިން ދިމާވަނީ އައިޖީއެމްއެޗުގެ އީއާރުގައި ލަމްހާ މަސައްކަތްކުރަން ފެށި ހިސާބުންނެވެ. އޭރު ވެސް މާވިންއަކީ އެތަނުގައި ސީނިއަ ނަރުހުންގެ ތެރެއިން އެކެކެވެ.
މޭރީ ހުރީ އައިޖީއެމްއެޗުގެ ޑައިލިސް ޑިޕާޓްމަންޓްގެ ނަރުހަކަށެވެ. މޭރީ އާއި މާވިން 2016ގައި ކުރި ކައިވެންޏަށް އަންހެން ކުއްޖަކު ވަނީ ލިބިފަ އެވެ. އުމުރުން ފަސް އަހަރުގެ އޮލީވިއާ ވެސް އުޅެމުން އައީ ދެމަފިރިންނާ އެކު މާލޭގަ އެވެ.
މާވިން އާއި ލަމްހާގެ ގާތް ގުޅުން އީއާރުގައި މަސައްކަތްކުރާ ބައެއް ނަރުހުންނަށް އެނގޭކަށް މާ ގިނަ ދުވަހެއް ނުވި އެވެ. މާވިންއަކީ ސީނިއަ ނަރުހަކަށް ވުމުން އޭނާއަށް ލިބިފައި އޮންނަ ބާރު ލަމްހާގެ ފައިދާއަށް ބޭނުންކުރެ އެވެ. މިސާލަކަށް ދެ މީހުން އެއް ޑިއުޓީއެއްގައި އުޅޭ ދުވަސްތަކުގައި އީއާރުގައި އެވަގުތު ތަންކޮޅެއް ފަސޭހަކޮށް އޮންނަ ޒޯނަކަށް ލަމްހާ ލުން ފަދަ ކަންކަމެވެ. 
ދެ މީހުން އެކަނި ތަންތަނަށް ދެ އެވެ. ގާތް ގުޅުމެއް އޮންނަހެން ހީވާ ގޮތަށް ވާހަކަ ދައްކަން ތިބެ އެވެ.
މޭރީ ވެސް މަސައްކަތްކުރަނީ އެއް ހޮސްޕިޓަލެއްގައި ކަމަށް ވުމުން، ފިރިމީހާގެ އެ ގުޅުމުގެ ވާހަކަ އޭނާއާ ހިސާބަށް ނުފޯރާ ނޯންނާނެތާ އެވެ. އެކަމަކު އެ ލޯބި އޭނާއަށް ކަށަވަރުކުރެވުނީ، ތޯތޯ ވާހަކަތަކަށް ވުރެ ބޮޑަށް، މާވިންގެ ފޯނުން ފެނުނު މެސެޖްތަކުންނެވެ. އެއީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ޝޮކެވެ. ފިކުރާއި ހާސްކަމުގެ ބިޔަ ރާޅެކެވެ.
އެހާ ހިސާބުން މޭރީގެ ރައްޓެހި ބައެއް ނަރުހުން ކައިރީގައި ވެސް މާވިން އާއި ލަމްހާގެ ގުޅުމުގެ ވާހަކަ ދެއްކި އެވެ. އެކަމަކު ޕިލިޕީންސްގައި، ކްރިސްޓިއަނުންނަށް ވަރިނުކުރެވޭނެތީ މާވިން އާއި ލަމްހާގެ ލޯބި ކައިވެންޏަކަށް ބަދަލުނުވާނެކަން، ބައެއް ރައްޓެހިން ގާތު، މޭރީ ބުންޏެވެ. 
މުޅި އުމުރަށް ފެށި ޒަވާޖީ ހަޔާތުގައި ފިރިމީހާ ގެއްލޭކަށް ނުވަތަ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އެ ދިރިއުޅުން ބާއްވާކަށް މޭރީ ބޭނުމެއްނުވި އެވެ. އޭނާ އުޅުނީ ހައްލެއް ލިބޭތޯ އެވެ. އެގޮތުން އައިޖީއެމްއެޗުގެ ވެރިންނާ ހިސާބަށް މައްސަލަ ގެންދިއުމުގެ ވިސްނުމެއް ވެސް ގެންގުޅުނެވެ. 
ލަމްހާ އާއި މޭރީއާ ދެމެދު ހޫނު މެސެޖްތަކެއް ބަދަލުކުރި އެވެ. މޭރީ ދުށް ގޮތުގައި އެއީ އައިޖީއެމްއެޗުގެ ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ގެންދެވިދާނެ ހެއްކެކެވެ. އެހެންކަމުން އައިޖީއެމްއެޗުގެ ވެރިންނަށް އެ މެސެޖްތައް ދައްކާނެ ކަމަށް ބުނެ ލަމްހާއަށް އޭނާ އިންޒާރު ދިނެވެ.
ލަމްހާގެ ހިތުގައި މޭރީއާ މެދު އޮތް ނަފުރަތާއި ރުޅިވެރިކަން، އޭގެ ތަންކޮޅެއް ކުރިން، ދިޔައީ ފާޅުވަމުންނެވެ. މިސާލަކަށް ޑައިލިސް ޔުނިޓްގައި މޭރީއާ އެކު މަސައްކަތް ކުރަމުން އައި ދިވެހި ނަރުހެއް ކަމަށްވާ ޝުޒްނާ މުހައްމަދަށް މޭރީ ދެއްކި މެސެޖެވެ.
މާވިން އާއި ލަމްހާގެ ލޯތްބާ އެކު މޭރީއަށް ކުރި އަސަރު އެނގޭނެ އެކަކީ ޝުޒްނާ އެވެ. އޭނާ ކައިރީގައި ރޮއިރޮއިފައި މޭރީ ވަނީ އެ ވާހަކަތައް ކިޔައިދީފަ އެވެ. ދެން ޝުޒްނާއަށް ދެއްކީ ލަމްހާ ފޮނުވި މެސެޖެކެވެ. އޭގައި އޮތީ "މަގުމަތިން ދާއިރުގައި އިސްތަށިގަނޑުގައި މިހެން ހިފާލާ ހިތްވެއޭ" އެވެ.
"މިހާ ގިނަ ދުވަހު ރާއްޖޭގައި އުޅުނު އިރު މިފަދަ ޖެއްސުމެއް، އުނދަގުލެއް ކުރިމަތިވީ ލަމްހާގެ ފަރާތުން އެކަނި،" އެއް ދުވަހަކު ޝުޒްނާ ކައިރީގައި މޭރީ ބުންޏެވެ.
ދެން އޭނާ ބުނީ ރާއްޖޭގައި މޭރީއަށް ގެއްލުމެއް ލިބުނަސް ލިބޭނީ ލަމްހާގެ ފަރާތުން އެކަނި ކަމަށެވެ.
މޭރީ އާއި ލަމްހާއާ ދެމެދު ބަދަލުކުރި ރުޅިވެރިކަމުގެ މެސެޖްތަކުގެ މައްސަލަ، އައިޖީއެމްއެޗުގެ މެނޭޖްމަންޓާ ހަމައަށް ދިއުމުގެ ކުރިން ހައްލުކުރަން ލަމްހާ ބޭނުންވި އެވެ. އެހެންވެ އެހީއަކަށް އެދުނީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށްވާ މުހައްމަދު މުބީންގެ ކިބައިންނެވެ. 
ސީކްރެޓް ރެސިޕީގައި މުބީން އާއި މޭރީ ބައްދަލުކުރީ ޖުލައި މަހު ފަހުކޮޅު ނުވަތަ އޮގަސްޓް 2021ގެ ކުރީކޮޅުގެ ދުވަހެއްގެ މެންދުރު ވަގުތުގަ އެވެ. މޭރީ ދިޔައީ ލަމްހާ ފޮނުވި މެސެޖްތައް ޕްރިންޓް ވެސް ކޮށްގެންނެވެ.
އެ ބައްދަލުވުން ނިމުނީ، މުބީން ބުނި ގޮތުގައި، މައްސަލަ 'ހައްލުވެގެން'ނެވެ. މޭރީ އެއްބަސްވީ އައިޖީއެމްއެޗުގެ ވެރިންނަށް އެ މެސެޖްތައް ނުދައްކާށެވެ. ލަމްހާ އެއްބަސްވީ މާވިންއާ އޮތް ގުޅުން ކަނޑާލުމަށެވެ.
އެފަދަ 'ހައްލެއް' ލަމްހާ ބޭނުންވީ، މުބީން ކައިރީގައި ބުނި ގޮތުން ނަމަ، އޭރު އޭނާ ހުރީ އައިޖީއެމްއެޗުގެ ޕްރޮބޭޝަންގައި ކަމަށް ވުމުން، އެފަދަ މައްސަލައަކާ ހެދި ވަޒީފާއަށް ނުބައި އަސަރެއްކޮށްފާނެކަމުގެ ބިރަށެވެ.
ލަމްހާ އާއި މާވިންގެ ލޯބީގެ ގުޅުން ނިމި، "މިހާރު މާވިން ރަނގަޅަށް އުޅެމުން އަންނަ" ކަމަށް، އޮގަސްޓް މަހު ޝުޒްނާ ކައިރީގައި މޭރީ ބުންޏެވެ.
އެކަމަކު އެއީ ހަގީގަތެއް ނޫނެވެ. ލަމްހާ އާއި މާވިންގެ ގުޅުން ނިމުމަކަށް ނާދެ އެވެ.
ދެން އެ ގުޅުމުގައި ރޭވެން ފެށީ މުޅިން އެހެން ކަމެކެވެ. ދެ މީހުންގެ ލޯތްބަށް އޮތް ހުރަސް ނައްތާލާނެ ގޮތެއް ހޯދުމެވެ. އެކަމަކު އެއީ އެންމެ ގޮތެކެވެ: މޭރީ މަރާލުމެވެ.
މޭރީއަށް އެދުވަހުގެ ފެށުން އުފާވެރި އެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އެދުވަހު ހަވީރު  އެމީހުންނަށް ޒިޔާރަތްކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
މއ. އުދުހޭކޮކާ ހުންނަނީ މާވެޔޮމަގު ނިމޭ ކޮޅުގައި އޮންނަ ކޯރުކެނޑި މަގާއި ބުރުޒު މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގެ އިރުދެކުނު ކަނުން ދެވަނައަށެވެ. ފަސް ބުރީގެ ކުޑަކުޑަ ގެއެކެވެ. ކޮންމެ ބުރިއެއްގައި ހުންނަނީ ދެ ކޮޓަރީގެ އެޕާޓްމަންޓެކެވެ.
މޭރީގެ ދެމަފިރިންނާއި ދަރިފުޅު އޮލީވިއާ އެއް ކޮޓަރީގައި އުޅޭއިރު އަނެއް ކޮޓަރީގައި މާވިންގެ މަންމަ މައިރިވިކް ވާގަސް އާއި ފިލިޕީންސްގެ އެހެން އަންހެނެއް ކަމަށްވާ ޖޮއޭނާ ކޮންކޮން އާގްއެލްސް އެވެ. މި ދެ މީހުން ވެސް އުޅެނީ ވަޒީފާގަ އެވެ.
ކޮންމެ ދުވަހަކު ވެސް ގޭގައި ކައްކަނީ، ދެ ދުވަހުން އެއް ދުވަހު މީހަކަށް ޖެހޭ ގޮތަށް، ބަހާލައިގެންނެވެ. ބޭބެ އަންނާތީ 19 އޮކްޓޯބަރު 2021ގައި މޭރީ ކެއްކީ ފިލިޕީންސްގެ ހާއްސަ ކެއުމެކެވެ. ހެނދުނު ޑިއުޓީއަށް އޭނާ ގެއިން ނުކުތީ އެކަން ނިންމައިފަ އެވެ.
މޭރީ އައިޖީއެމްއެޗަށް ދަނީ މާވިންއާ އެކު ސައިކަލްގަ އެވެ. ހޮސްޕިޓަލަށް މޭރީ ލައިފައި މާވިން އަނެއްކާ މިސްރާބު ޖެހީ ގެއަށެވެ. ގެއަށް ވަދެ ދަރިފުޅު އޮލީވިއާ ގޮވައިގެން ސައިކަލްގައި ދަނީ، މާލޭ ހިޔާ 2 ކައިރީގައި ހުންނަ ލަމްހާ އުޅޭ ގެ، ލައިލަކްއަށެވެ.
ދަރިފުޅު އެގެއަށް ލާފައި މާވިން ދިޔައީ އުދުހޭކޮކާއަށެވެ.
އެ ދުވަހުގެ މެންދުރު ބްރޭކަށް މޭރީ އައިޖީއެމްއެޗުން ނުކުމެ ގެއަށް ދަނީ ހިނގައިފަ އެވެ. އޭނާ އުދުހޭކޮކާއަށް ވަންނަނީ މެންދުރު 12:05ގަ އެވެ.
އެއީ ދިރި ހުއްޓާ މޭރީ ފެނުނު އެންމެ ފަހު ފަހަރެވެ.
އުދުހޭކޮކާގެ އެތެރޭގައި ދެން ހިނގި ކަންކަން އެނގޭނީ މާވިންއަށެވެ. އެއީ އޭނާ އާއި މޭރީ ނޫން އެހެން އެއްވެސް މީހަކު އެވަގުތު އެ އެޕާޓްމަންޓްގައި ނެތީމަ އެވެ.
މެންދުރު 12:30 ވާން އުޅެނިކޮށް އެގޭ ދޮށަށް އޮލީވިއާ ގޮވައިގެން ސައިކަލްގައި ލަމްހާ ދެ އެވެ. 
އުދުހޭކޮކާގެ ކައިރިއަށް ލަމްހާ ދިއުމުން އެއްވަނަ ބުރިން ތިރިއަށް މާވިން ވައްޓާލަނީ ތަޅުދަނޑި އެވެ. ލަމްހާ ގޭތެރެއަށް ވަދެ އެވެ. އޭރު ގަޑިން މެންދުރު 12:27:42 އެވެ. ދެން އޭނާ އެގެއިން ނުކުންނަނީ 12:51 ގަ އެވެ. ގާތްގަނޑަކަށް 20 މިނިޓަށް ވުރެ ގިނަ އިރު އެގޭގައި ލަމްހާ ހޭދަކުރެ އެވެ.
"ދިސް އިޒް މާވިން، މައި ވައިފް ހޭންގްޑް، [މިއީ މާވިން، އަހަރެންގެ އަންހެނުން ދަންޖެހިއްޖެ]" އައިޖީއެމްްއެޗުގެ ކޯލް ސެންޓަރަށް ގުޅާފައި މާވިން ބުންޏެވެ.
އެ ކޯލަށް ވާހަކަ ދެއްކެވި އެކަކީ ޑރ. ސާއިނާ އިބްރާހިމް އެވެ.
ދެ ޑޮކްޓަރުންނާ އެކު އެމްބިއުލެންސްގައި ޕެރެމެޑިކް ޓީމު އުދުހޭކޮކާއަށް، ވަގުތުން، ދިޔަ އެވެ. އޭރު އެތަނުގައި މާވިންގެ މަންމަ މައިރިވިކް އާއި އޭނާއާ އެކު އެއް އޮފީހެއްގައި އުޅޭ ދިވެހި މުވައްޒަފެއް ކަމަށްވާ އައިޝަތު ފަޒާ ފަޒީލް ވެސް ހުއްޓެވެ. އައިޖީއެމްއެޗަށް ގުޅުމުގެ ކުރިން މާވިން ފުރަތަމަ ގުޅީ އޭނާގެ މަންމައަށެވެ. މޭރީ ދަންޖެހުނު ކަމަށް މައިރިވިކް ކައިރީގައި ބުނުމުން ލިބުނު ހާސްކަމާ އެކު ފަޒާ ގޮވައިގެން އެ ގެއަށް ދިޔައީ އެވެ.
މޭރީ ބާއްވާފައި އޮތީ ކޮޓަރިއެއްގެ ތަޅުންގަނޑު މަތީގަ އެވެ. އޭނާގެ މޫނާއި އިނގިލިތައް ހުރީ ނޫވެފަ އެވެ. މުޅި ތަން ތެމިފަ އެވެ. މާވިން ވެސް ހުރީ ކޮންމެވެސް ވަރަކަށް ތެމިފަ އެވެ. އެކަމާ ބެހޭ ގޮތުން ޑރ. ސާއިނާ ސުވާލުކުރެއްވި އެވެ. މާވިން އެއްވެސް ޖަވާބެއް ނުދިނެވެ.
މޭރީ ދަންޖެހުނުކަމުގެ އެއްވެސް ނިޝާނެއް އޭނާގެ ހަށިގަނޑުން ޑރ. ސާއިނާއަށް ފެނިވަޑައެއް ނުގަތެވެ.
ސީޕީއާރު ދޭން ފެށި އެވެ. އެކަމަކު މޭރީގެ ނޭވާ އަނބުރާ ގެނެވޭ ގޮތެއް ނުވި އެވެ.
ދެން އަވަހަށް މިސްރާބު ޖެހީ އައިޖީއެމްއެޗަށެވެ.
އައިޖީއެމްއެޗުގެ އީއާރުގެ ޑޮކްޓަރުންނާއި ނަރުހުންނާ ހަމައަށް ހަގީގަތުގައި ގެންދެވުނީ މަރުވެފައި އޮތް މޭރީގެ ހަށިގަނޑެވެ. އެކަމަކު އުއްމީދު ކަނޑާނުލައި، އެންމެ ފަހު ވަގުތާ ހަމައަށް ވެސް، އޭނާއަށް ކުއްލި ފަރުވާގެ ހުރިހާ ކަމެއްހެން ތަންފީޒުކުރި އެވެ.
މިއީ މުޅި އީއާރު އާއި ޑައިލަސިސް ޔުނިޓްގެ ނަރުހުންނާއި ޑޮކްޓަަރުންނަށް ލިބުނު ކުއްލި ޝޮކެކެވެ. އެހާމެ ހިތާމަވެރި ހަބަރެކެވެ. އެހެންކަމުން މޭރީގެ ހަށިގަނޑު ބަލަން އެކި ނަރުހުން އީއާރުއަށް ޒިޔާރަތްކުރި އެވެ. މާވިންއާ ސުވާލުތައް ވެސް ކުރިމެ އެވެ.
މާވިން ދެއްކީ އެކި ވާހަކަ އެވެ. އޭގެ ތެރޭގައި:
ފާހާނާއެއްގެ އިސްކުރު ހަދައިނުދޭތީ ބޮޑު ޒުވާބެއް މޭރީ ފެށި
މޭރީ ވަންނަނީ މާވިންގެ މަންމަ އުޅޭ ކޮޓަރީގެ ފާހާނާއަށް
އެ ފާހާނާގައި ހުރި އެއްޗެހިތަކެއް މާވިންއާ ދިމާއަށް އުކި
ޒުވާބުގަނޑަށް ފަހު ދެ މީހުން ކޮޓަރިން ނުކުމެ، މާވިންއަށް ކާން ހަދައިދިން
ދެން އަނެއްކާ މޭރީ ވަންނަނީ މާވިންގެ މަންމަގެ ކޮޓަރިއަށް. ވަދެ ދޮރު ލައްވާ
މޭރީގެ ލަންޗު ބްރޭކް ގަޑި ހަމަވާތީ އޭނާއަށް ގޮވަން މާވިން ކޮޓަރިއަށް ވަންނަ އިރު ހުންނަނީ، ބެޑްޝީޓެއް ބޭނުންކޮށްގެން، ދަން ޖެހިފައި
އީއާރުގައި ހުރެ މާވިން މި ގޮތަށް ވާހަކަ ދެއްކީ، މޭރީއާ އެކު ޑައިލަސިސް ޔުނިޓްގައި މަސައްކަތްކުރާ ނަރުހެއް ކަމަށްވާ ފަރުޒާނާ ސާބިގު ކައިރީގަ އެވެ. އެހާ ހިސާބުން ފަރުޒާނާ ސުވާލުކުރީ، ދެން މާވިން ހެދީ ކިހިނެއްތޯ އެވެ. އޭނާ ބުނީ "ފަސް ލީޓަރުގެ ފެން ފުޅިއެއް ގެންގޮސް މޭރީގެ ގަޔަށް އަޅާލީ" ކަމަށެވެ.
އެހެން ހެދީ ކީއްވެގެންތޯ ސުވާލުކުރުމުން މާވިންއަށް ޖަވާބެއް ނުދެވުނެވެ.
އީއާރުގައި ފިޒީޝަނެއްގެ ގޮތުން މަސައްކަތްކުރައްވާ ޑރ. އިބްރާހިމް އިޔާޒަކީ ހޮސްޕިޓަލަށް މޭރީގެ ހަށިގަނޑު ގެނައުމުން ފަރުވާގެ ކަންކަން ކުރިއަށް ގެންދެވި އެއް ޑޮކްޓަރެވެ. 
ހާދިސާ ހިނގި ގޮތް ޑރ. އިޔާޒަށް މާވިން ކިޔައިދިނީ މުޅިން ތަފާތުކޮށެވެ. އޭނާ ކައިރީގައި މާވިން ބުނީ ދެ މީހުންގެ ދެމެދު ޒުވާބު ހިނގި ފަހުން އެ ވަގުތު ގެއިން ނުކުންނަން މޭރީ އެދުނު ކަމަށެވެ. އެހެންވެ މާވިން ނުކުތީ ގެއިން ބޭރަށެވެ. ކުޑައިރުކޮޅަކު ބޭރުގައި ހިނގާލާފައި އޭނާ ގެއަށް ވަންއިރު މޭރީ ހުރީ ދަންޖެހިފަ އެވެ.
އެކަމަކު ދަންޖެހުނުކަމުގެ އެއްވެސް ނިޝާނެއް މޭރީގެ ކަރާއި ހަށިގަނޑުން ޑރ. އިޔާޒަށް ފާހަގައެއްނުކުރެއްވުނެވެ.
އީއާރުގެ އެހެން ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ސައިފުﷲ އަބްދުލްގަނީ އާއި ޑރ. އަލީ ރިޔާހު މުހައްމަދު ކައިރީގައި މާވިން ދެއްކި ވާހަކާގައި ދަރިފުޅު އޮލީވިއާގެ ނަން ވެސް ގެނަ އެވެ. އެގޮތުން އޭނާ ބުނީ މޭރީ ދަން ޖެހިފައި ހުރި ތަން ފެނުނީ ޒުވާބަށް ފަހު އޮލީވިއާ ގޮވައިގެން މާވިން ގެއިން ބޭރަށް ނުކުމެ ގެއަށް ވަން ތަނުން ކަމަށެވެ. ބޭރުގައި 10 ނޫނީ 15 ވަރަކަށް މިނިޓް ވާނެ ކަމަށް، އެއްބަޔަކު ކައިރީ މާވިން ބުންޏެވެ.
މޭރީ ދަން ޖެހިފައި ހުރީ ފަންކާގައި ބެޑްޝީޓް އައްސައިގެން ކަމަށް ބުނެފައި އަނެއް ފަހަރު ބުނަނީ ބެޑްޝީޓް އައްސާފައި ހުރީ ކޮޓަރީގެ ކުޑަދޮރެއްގައި ކަމަށެވެ. މި ދެ ގޮތަށް މާވީން ވާހަކަ ދެއްކީ ނަރުހެއް ކަމަށްވާ ފާތުމަތު ރިޝްމާ ކައިރީގަ އެވެ.
ދެ ގޮތަށް ބުނަނީ ކީއްވެގެންހޭ ރިޝްމާ ސުވާލުކުރި އެވެ. މާވިން ބުނި ކަމަށް ވަނީ، ހަމަޖެހިލަން، "ވަގުތުކޮޅެއް ދޭށޭ" އެވެ.
އެކި މީހުން ކައިރީ އެކި ގޮތަށް މާވިންގެ ވާހަކަތައް ކިޔައިދެމުން ދިޔައިރު ލަމްހާއަށް ގޭގައި ނުހުރެވުނެވެ. އޭނާ އައިޖީއެމްއެޗުގެ އީއާރުއަށް ދިޔަ އެވެ. މާވިން އާއި ލަމްހާ ވަކިން ވާހަކަ ދައްކަން ތިބި ތަން، ބައެއް މީހުންނަށް ފެނުނެވެ. މާވިން ހާސްވެގެން އުޅުނު ގޮތް ފާހަގަކުރެވުނު ނަރުހުން ވެސް ތިއްބެވެ. އޭގެ ތެރެއިން އެކަކީ އީއާރުގެ ސީނިއަ ނަރުހެއް ކަަމަށްވާ ޖަބީން މުހައްމަދެވެ.
އޭނާ މާވިން އާއި ލަމްހާއާ ވެސް ވާހަކަދެއްކި އެވެ. އެކަމަކު ލަމްހާ ވާހަކަދެއްކީ ޖަބީން ވަކި އެއްޗެއް އަހައިގެންނެއް ނޫނެވެ: ލަމްހާ އަމިއްލައަށް އިސްނަގައިގެންނެވެ. ދެކެވުނު ވާހަކަތަކުގެ ތެރޭގައި މާވިން ސަލާމަތްވާނެތޯ އާއި އަދަބެއް ލިބޭނެތޯ ޖަބީން ކައިރީ ލަމްހާ އެހި އެވެ. ދެން ބުނީ އޭނާ ދަންނަ ބާރުގަދަ މީހުން އުޅޭނެ ކަމަށެވެ. އެހެންވެ މާވިން ސަލާމަތްކުރެވޭނެ ކަމަށް ލަމްހާ ބުންޏެވެ.
މި ސުވާލުގެ ޖަވާބު ދޭން އެނގޭނެ ހަމައެކަނި މީހަކީ މާވިން އެވެ. އެކަމަކު އޭނާ ދެއްކި ވާހަކަތަކުގައި ހުރި ތަފާތުތައް ބޮޑެވެ. ލިބެން ހުރި މައުލޫމާތުތަކާއި ތަހުގީގުގައި މޭރީގެ ހަށިގަނޑު މާލޭގައި ބެއްލެވި ފޮރެންސިކް ޕެތޮލޮޖީ ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް، ޑރ. ހަސަން އުމަރުގެ ރިޕޯޓާއި އިންޑިއާއަށް ފޮނުވައިގެން ހެދި މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓަށް ބެލުމުން އެއް ކަމެއް ޔަގީނެވެ: މޭރީ މަރުވީ ދަންޖެހިގެން ނޫން ކަމެވެ. އޭނާ މަރުވީ ބޮލަށާއި ކަރަށް ކުއްލިއަކަށް ލިބުނު އަނިިޔާތަކެއްގައި ކަމެވެ.
ދުނިޔޭގައި އޭނާ ދިރިހުރި ފަހު ދުވަހު، 19 އޮކްޓޯބަރު 2021ގެ މެންދުރު 12:05ގައި މޭރީ އުދުހޭކޮކޯއަށް ވަން އިރު މާވިން ހުރީ ގޭތެރޭގައި އެކަނިމާއެކަންޏެވެ. މާވިންގެ މަންމަ މައިރިވިކް އާއި ދެން އެގޭގައި އުޅޭ ޖޮއޭނާ ވެސް ވީ އޮފީހުގަ އެވެ. ދަރިފުޅު އޮލީވިއާ ހުރީ ލަމްހާ ކައިރީގަ އެވެ.
އެ ދުވަހު މާވިން އިންޓަނެޓުން ހާއްސަ މައުލޫމާތެއް ހޯދި އެވެ: އިންސާނަކު ކަރުގައި ހިފާ ހާސްކޮށްލަން ހަދާނެ ގޮތެވެ.
ލަމްހާގެ ހާއްސަ މެސެޖެއް އޭނާއަށް ކުރިން އޮތީ ލިބިފަ އެވެ: ސަކްސިނަލްކޮލިން ކްލޮރައިޑް އިންޖެކްޝަން މޭރީއަށް ދޭނެ އިރުޝާދެވެ. މިއީ މެޝިނުން ނޭވާލައްވަން ހޮޅި ގުޅާއިރު ނޭވާލާ ނިޒާމުގެ މަސްތަކުގެ ވާގި ކުޑަ ވަގުތުކޮޅަކަށް ކަނޑުވާލަން ދޭ ވަރަށް ނުރައްކާތެރި އިންޖެކްޝަނެކެވެ. ކުއްލި ހާލަތުގައި ބޭނުންވާ ހުރިހާ ސާމާނެއް ހުރި ސިއްހީ ހިދުމަތް ދޭ ތަނެއްގައި ނޫނީ ޖަހައިގެން ނުވާނެ ފަދަ އެއްޗެކެވެ.
މޭރީ އާއި މާވިންއާ ދެމެދު، މައިރިވިކްގެ ކޮޓަރީގެ ފާހާނާ ތެރޭގައި ތަޅާފޮޅުމެއް ހިނގަ އެވެ. 
ހޮސްޕިޓަލްގައި ހުރެ ފުލުހުންނާ ވާހަކަ ދައްކަމުން މާވިން ބުނި ގޮތުން ނަމަ މޭރީ އުޅުނީ އަމިއްލަ ގައިގައި ތަޅާ އަމިއްލައަށް އަނިޔާކުރާށެވެ. އެހެންވެ މޭރީގެ ދެ އަތުގައި އޭނާ ހިފެހެއްޓި އެވެ. އެހާ ހިސާބުން ފާހާނާގެ ފާރުގައި ބޮލުގެ ފުށްކިބައިން ތަޅަން ފެށި އެވެ. ދެން މާވިން ބުނީ މޭރީގެ މުޅި ހަށިގަނޑުގައި ހިފެހެއްޓި ކަމަށެވެ.
އޭނާ ދެއްކި ވާހަކަތަކުގެ ތެރޭގައި ދެން ހިމެނެނީ ފާހާނާގައި ހުރި ޕްލާސްޓިކް ހަރުގަނޑެއް މޭރީ ފައިން ޖަހާ ވައްޓާލި ކަމެވެ. އޭގައި ހުރި އެއްޗެހިތައް މާވިންއާ ދިމާއަށް އުކިކަމެވެ. އޭގެ ތެރޭގައި ވަޅިއެއް ވެސް ހިމެނޭ ކަމެވެ. އެ ވަޅިން ކަކުލުގައި ޖެހިފައި އޭނާއަށް ކުޑަކޮށް އަނިިޔާވި ކަމެވެ. އުކި އެއްޗެހި ނަގަން އުޅުމުން ކޮޓަރިން ނުކުންނަން މޭރީ އެންގިކަމެވެ. އޭނާ ނުކުތީ އެވެ. މޭރީ ދޮރު ލެއްޕީ އެވެ. އޭނާ ގޮސް އުނދުން މަތީ ހޫނުކުރަން ހުރި އެއްޗެހި ހޫނުކުރަން ފެށީ އެވެ. މޭރީގެ ހަބަރެއް ނުވެ 15 ވަރަކަށް މިނިޓް ވުމުން ގޮސް ބެލިއިރު ހުރީ، ކުޑަދޮރުގައި ބެޑްޝީޓަކުން ދަންޖެހިފަ އެވެ. ގޮސް ބެޑްޝީޓް ބުރިކޮށްލި އެވެ. މޭރީ ތަޅުންގަނޑު މަތީ ބޭއްވި އެވެ. ސިޓިން ރޫމުން ފެން ފުޅިއެއް ގެންގޮސް މޭރީގެ ގަޔަށް އަޅާލީ އެވެ. މޭރީގެ ހަބަރެއް ނުވި އެވެ. ދެން މަންމައަށް ގުޅާ، ގެއަށް އަންނަން އެންގީ އެވެ.
އެކަމަކު މައިރިވިކްއަށް މާވިން ގުޅުމުގެ ކުރިން، ދަރިފުޅު އޮލީވިއާ ގޮވައިގެން އެގެއަށް ވަންނަނީ ލަމްހާ އެވެ. ލަމްހާ އެ ގޭތެރޭގައި 20 މިނިޓަށް ވުރެ ގިނަ އިރު ހޭދަކުރެ އެވެ. އޭރު މޭރީ އޮންނާނީ އޭނާއަށް ވީ އެއްޗެއް ވެފަ އެވެ. އޭނާއަށް މާވިން ހެދި ގޮތެއް ހަދައިފަ އެވެ.
މާވިން ބުނާ ގޮތުން ލަމްހާ އެގެއަކަށް ނުވަދެ އެވެ. އޮލީވިއާ އެ ގެއަށް ގެނެސްދެނީ އެހެން މީހެކެވެ. އެމީހަކު ސިޑި މަތިން އޮލީވިއާ ހަވާލުކޮށްފައި ދިޔައީ އެވެ. އެއީ ކާކުކަމެއް މާވިންގެ ހަނދާނަކު ނެތެވެ.
ހަގީގަތަކީ މި އެވެ: އޮލީވިއާ ގޮވައިގެން އުދުހޭކޮކާއަށް ލަމްހާ ވަންނަނީ 12:27:42 އެވެ. ދެން އޭނާ އެގެއިން ނުކުންނަނީ 12:51 ގަ އެވެ.
އެކަމަކު ނުކުންނަން ބޭރު ދޮރު ހުޅުވަން ބަޓަންއަށް އޮބާލަނީ އިނގިލީގެ ހުދުހަން ނުޖައްސަ އެވެ. ފުރަތަމަ އުޅުނީ އިނގިލިން ފިތާލާށެވެ. އެކަމަކު ކޮންމެވެސް އެއްޗެއް ވިސްނިގެން، ބަޓަންއަށް އޮބާލަނީ ހެދުމުގެ އަތުކުރި ބޭނުންކޮށްގެންނެވެ. ދޮރުގެ އަތްގަނޑުގައި ވެސް ހިފަނީ ހެދުމުގެ އަތުކުރީގެ 'ހިމާޔަތް' ހޯދައިގެންނެވެ.
މާވިންގެ އެޕާޓްމަންޓުން ނުކުމެ ސިޑިން ތިރިއަށް ފައިބައިގެން ގެއިން ބޭރަށް ފައި އެޅި އިރު ވެސް ލަމްހާ ހުންނަނީ ވާތުން ކަންފަތުގައި ފޯނު ޖައްސައިގެންނެވެ.
މާވިންގެ މަންމަ މައިރިވިކް އާއި އޭނާއާ އެކު އޮފީހުގައި އުޅޭ ފަޒާ އުދުހޭކޮކާއަށް ވަންނަނީ ލަމްހާ ދިޔަ ފަހުންނެވެ. މާވިންއަކީ ސިއްހީ ގޮތުން އިންސާނުންނަށް ދިމާވާ ކުއްލި ހާލަތުގައި ފަރުވާ ދޭނެ ގޮތް އެނގޭ ތަޖުރިބާކާރު ނަރުހެކެވެ. މޭރީ ދަންޖެހުނު ނަމަ ފުރަތަމަ ވެސް އައިޖީއެމްއެޗަށް ނުގުޅީ ކީއްވެގެން ހެއްޔެވެ؟ އެހާ ނާޒުކު ވަގުތެއްގައި ލަމްހާ އެގެއަށް ވަދެ، އެ އެހީތެރިކަން ނުދިނީ ކީއްވެގެން ހެއްޔެވެ؟ މަންމަ ގެއަށް އަންނަންދެން ޕެރަމެޑިކްގެ އެހީތެރިކަން ހޯދަން ނޫޅުނީ ކީއްވެގެން ހެއްޔެވެ؟
މި ހުންނަނީ ވަރަށް ބޮޑެތި އެކަމަކު މާވިން އާއި ލަމްހާގެ ފަރާތުން ވެސް ޖަވާބު ނުލިބުނު ސުވާލުތަކެވެ.
އެކަމަކު ސީދާ ޖަވާބު ލިބި، ހުރިހާ ކަމެއްގެ މަންޒަރު ސާފުނުވިޔަސް، ލިބެން ހުރި މައުލޫމާތާއި ހެކިތަކަށް ބަލައި، މި މަހު އެކެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ވަނީ ހުކުމް އިއްވަވައިފަ އެވެ. މޭރީ މަރުވީ ދަންޖެހިގެން އަމިއްލައަށް ނޫން ކަމެވެ. މާވިން އޭނާ މަރާލީކަމެވެ. އޭގައި އެއްވެސް ޝައްކެއް ނެތް ކަމެވެ. އެ މަރުގައި ލަމްހާ ވެސް ބައިވެރިވިކަމެވެ.
ލިބެން ހުރި މައުލޫމާތުތަކުން ލަފާކުރެވެނީ މޭރީ މަރާލުމުގެ ރޭވުން މާވިން އާއި ލަމްހާއާ ދެމެދު އުފެދުން އެކަށީގެންވަނީ، މޭރީ އާއި ލަމްހާ ބަދަލުކުރި ރުޅިވެރި މެެސެޖްތަކަށް ފަހު ކަމެވެ. އެ މެސެޖްތައް އައިޖީއެމްއެޗުގެ މެނޭޖްމަންޓާ ހަމައަށް ގެންދާނެކަމަށް މޭރީ ބުނުމުން، މައްސަލަ ހައްލުކުރަން ލަމްހާ މެދުވެރިކުރަނީ މުހައްމަދު މުބީން އެވެ.
ޖުލައި ފަހުކޮޅު ނުވަތަ އޮގަސްޓް 2021ގެ ކުރީކޮޅުގެ ދުވަހެއްގައި ސީކްރެޓް ރެސިޕީގައި މުބީން އާއި މޭރީ ބައްދަލުކޮށް، މޭރީ އާއި ލަމްހާ 'ސުލްހަކުރެ' އެވެ. އޭގެ ފަހުން މާވިން ވެސް ރަނގަޅު ކަމާއި ލަމްހާއާ އޮތް ގުޅުން ނުބާއްވާކަން، މޭރީ ހުރީ ރައްޓެހިން ގާތު ބުނެފަ އެވެ.
އެކަމަކު މޭރީ މަރާލުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ލަމްހާ އެހެން ވާހަކަތަކެއް އެކި މީހުން ކައިރީގައި ދައްކަން ފެށި އެވެ. މޭރީއަކީ ވަރަށް ރުޅިގަދަ މީހެއް ކަމާއި މާވިން އޭނާއަށް އަނިޔާކުރާކަމުގެ ތުހުމަތު އަޅުވައިގެން މާވިން ޑީޕޯޓްކުރަން ކަމެވެ.
މޭރީ މަރުވި ދުވަހުގެ މެންދުރު ފަހު 1:00 އާއި 1:30އާ ދެމެދު މުބީންއަށް ގުޅައިގެން ލަމްހާ ދެއްކީ އެވާހަކަ އެވެ. މޭރީ އަމިއްލައަށް ހަށިގަނޑަށް ގެއްލުން ދޭން އުޅޭ ކަމަށް ބުންޏެވެ. އޭރު މުބީން ހުރީ ގެއަށް ދިއުމުގެ މަގުމަތީގައި ސައިކަލްގަ އެވެ. އެހެންވެ އޭނާ ލަމްހާ ކައިރީގައި ބުނީ ފުލުހަށް ގުޅުމަށެވެ.
އޭނާ ގެއަށް ވަދެވަދެ ހުއްޓާ ލަމްހާ މެސެޖްކޮށް ބުނީ "އިންކިއުބޭޓް"ކޮށްފި ކަމަށެވެ. މާނައަކީ ނޭވާ ލައްވަން ހޮޅި ގުޅައިފި ކަމެވެ. އޭގެ ފަހުން މެންދުރު 2:30 އާއި 2:45އާ ދެމެދު ފޯނުން ލަމްހާ ބުނީ މޭރީ ދަންޖެހިގެން މަރުވެއްޖެ ކަމަށެވެ.
މުބީން އައިޖީއެމްއެޗަށް ޒިޔާރަތްކުރި އެވެ. އެކަމަކު މީހަކު މަރުވުން ފަދަ ކަމެއް ދިމާވެގެން މޫނު މަތިން ފެންނާނެ ހިތާމައިގެ އެއްވެސް އަސަރެއް ލަމްހާގެ ފަރާތުން އޭނާއަކަށް ނުފެނުނެވެ. އޭނާ ބުނި ގޮތުން ނަމަ ލަމްހާ ހުރީ ހިތްހަމަޖެހިފަ އެވެ.
އޭގެ ފަހުން އެދުވަހުގެ ހަވީރު ވެސް ލަމްހާ އޭނާއަށް ގުޅި އެވެ. މާވިންއަށް ދެން ވާނެ ގޮތަކާއި ޑީޕޯޓްކޮށްފާނެތޯ ސުވާލުކުރި އެވެ. އެ ވާހަކަތަކުގެ ތެރޭގައި މުބީން އެހީ މޭރީ އާއި މާވިންގެ ދަރިފުޅު އޮލީވިއާ ކޮބައިތޯ އެވެ. ލަމްހާ އައީ ރުޅި އެވެ.
"ކަލޭ ކީއްވެހޭ ދަރިފުޅު ވީ ތަނެއް ބަލަން މާ ވަރަކުން ތި އުޅެނީ؟ ތިމަންނަ މި އުޅެނީ މައްސަލައަށް ވާނުވާ ނޭނގިގެންނޭ" ކިޔައި ލަމްހާ ވާހަކަދެއްކި އެވެ.
މޭރީގެ މަރުގެ ތުހުމަތުގައި މާވިން ހައްޔަރުކުރީ އެ މަރު ހިނގިތާ ހަފުތާއެއް ފަހުން 27 އޮކްޓޯބަރު 2021ގަ އެވެ. އެކަމަކު ލަމްހާ ހައްޔަރުކުރީ ދެ މަހެއްހާ ދުވަސް ފަހުން 16 ޑިސެމްބަރު 2021ގަ އެވެ.
އޭގެ ކުރިން ފުލުހުން ލަމްހާގެ ގެ ފާސްކޮށް، އޭނާގެ ކޮޓަރިން އިންޖެކްޝަންތަކެއް ހޯދި އެވެ. އެއީ އައިޖީއެމްއެޗުގެ އީއާރުގައި ހުރި، ވަރަށް ނާޒުކު ހާލަތްތަކުގައި ބަލިމީހުންގެ ފުރާނަ ސަލާމަތްކުރާށާއި ފަރުވާތަކުގައި ބޭނުންކުރާ އިންޖެކްޝަންތަކެކެވެ. އެ ހުރިހާ އެއްޗެއް އޭނާ ގެއަށް ގެންދިޔައީ ވަގަށެވެ.
އޭގެ ތެރޭގައި ހިމެނޭ ސަކްސިނަލްކޮލިންގެ އަސަރު މޭރީގެ ހަށިގަނޑުން ފެނުނެވެ. ލަމްހާގެ ކޮޓަރިން ފުލުހުން ގެންދިޔަ އިންޖެކްޝަންތަކުގެ ތެރޭގައި އޮތް ސަކްސިނަލްކޮލިން ފުޅިއެއް ތަހުލީލުކުރި އިރު ޝައްކުކުރެވޭ ހެކިތަކެއް ފެނުނެވެ. ފުރަތަމަ ކަމަކީ އެ ފުޅީގައި ހުރި މިންވަރެއް ކަމަށް ޖަހާފައި އޮތީ 10 މިލިލީޓަރެވެ. އެކަމަކު އެ ފުޅީގައި އޭރު ހުރީ 4.2 މިލިލީޓަރެވެ.
ފުލުހުންގެ ތަހުގީގުން އެނގުނީ އިންޖެކްޝަން ކަނޑާފައި ނެތަސް އޭގެ މަތިގަނޑުގެ މަތިން ތޫނު އެއްޗެއް ހަރާފައި ހުރި ކަމެވެ. އާންމު ވިސްނުމަކުން ވިސްނާ ނަމަ ސިރިންޖެއްގެ ކަށި ކޮއްޕައިގެން އެއިން އެއްބައި ނަގާފައި ހުރީ އެވެ.
މާވިންއަށް ލަމްހާ ފޮނުވި އިރުޝާދުގެ މެސެޖްގައި މޭރީއަށް އިންޖެކްޝަން އެކުގައި ދީ ނިންމާލަން އެދިފައި އޮތެވެ. އެ މެސެޖް އޭނާ އޮތީ ޑިލީޓް ވެސް ކޮށްފަ އެވެ. 
އެކަމަކު ލަމްހާ އާއި މާވިންއަށް ވެސް ނުފޮރުވުނު ކަމަކީ ހަގީގަތެވެ. ކްރިމިނަލް ކޯޓުގައި ހަތަަރު އަހަރަށް ދެމިގެންދިޔަ ޝަރީއަތުގައި ގާޒީ މުޒައްމިލު ނާސިރަށް ނިންމެވުނީ މޭރީގެ މަރުގެ މައްސަލާގައި މާވިން އާއި ލަމްހާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށެވެ. 
މާވިން ވަނީ ޖަލުގައި ހުރެ އިސްލާމްވެ އޭނާގެ ނަން ޔޫސުފަށް ބަދަލުކޮށްފަ އެވެ.
އޭނާގެ މަައްޗަށް އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ. ލަމްހާއަށް 15 އަހަރުގެ ޖަލު ހުކުމެކެވެ.
މިއީ ކޮންމެ ފަަދަ ގޮތެއް ހަދައިގެން ވެސް ތިމާ ބޭނުންވާ ކަމެއް ހާސިލްކުރެވިދާނެ ކަމަށް ގަބޫލުކުރިކުރުން އެކޮޅުކޮޅުން ޖެހުމެވެ. މިއީ މީހަކު މަރާލައިގެން އުފަލެއް އަދި ކީއް؟ ހަމަޖެހިގެން ދުނިޔޭގައި އުޅެވޭނެ ގޮތެއް ވެސް، ނުހޯދޭނެކަމުގެ ސާފު މިސާލެކެވެ.
ލޯތްބެއްގައި އަނިޔާއެއް އޮވެގެން ނުވާނެ އެވެ. އެކަމަކު ލަމްހާ އާއި މާވިންގެ ލޯބީގައި މި ފެނުނީ އަނިޔާގެ އެންމެ މަތީ ދަރަޖަ އެވެ. މޭރީގެ ދިރިހުރުމުގެ ހައްގު ނިގުޅައިގަތީ އެވެ. އޭނާގެ ދަރިފުޅު އޮލީވިއާއަށް ލިބެން ޖެހޭ މައިވަންތަކަމުގެ ލޯބި އަބަދުގެ އަބަދަށް ނެތިކޮށްލީ އެވެ.
މާވިން އާއި ލަމްހާއަށް އޮތީ ދިގު މުއްދަތެއްގައި ޖަލުގައި ހުރުމާއި ދުވަހަކު ވެސް ފިލައިގެން ނުދާނެ ބޮޑު ލަދުވެތިކަމަކާ އެކު ދެ މީހުން ބޭޒާރުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ