"ސްވައިޕް" ޑިޖިޓަލް ވޮލެޓް ބޭނުންކުރާ މީހުންގެ އަދަދު 20،000 އިން މައްޗަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ޑިޖިޓަލް ވޮލެޓް، 'ސްވައިޕް' ބޭނުންކުރާ ދިވެހިންގެ އަދަދު 20،000 އަށްވުރެ މައްޗަށް އަރާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް، އެ ބޭންކުން ބޭއްވި ޔޫތު އެންޓްރަޕްރިނިއާސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. ޝަރީފް ވިދާޅުވީ މިއަހަރުގެ މާރިޗު މަހު ތައާރަފުކުރި ސްވައިޕް އަކީ ބައިނަލްއަގުވާމީ ސަލާމަތީ މިންގަނޑުތަކަށް ފެތޭގޮތަށް، ސައްތަ އިން ސައްތަ ދިވެހިން އުފައްދާފައިވާ ޑިޖިޓަލް ވޮލެޓެއް ކަމަށެވެ.
ޑިޖިޓަލް އިގްތިސާދަށް އެއްބާރުލުން ދިނުން
ޝަރީފް ވިދާޅުވި ގޮތުގައި މި އެޕްލިކޭޝަނަކީ ސަރުކާރުގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމުގެ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިގްތިސާދުން ހޯދާ އާމްދަނީއަށް ހެދުމެވެ. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 3،300 އަށްވުރެ ގިނަ ވިޔަފާރިތަކުން ސްވައިޕް މެދުވެރިކޮށް ފައިސާ ބަލައިގަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ސްވައިޕްގެ މުހިންމު ފީޗާތައް
ސްވައިޕް މެދުވެރިކޮށް މިހާރުވެސް ގިނަ ހިދުމަތްތަކެއް ލިބެން ހުރިކަން ބޭންކުން ފާހަގަކުރެއެވެ. އޭގެ ތެރޭގައި އިތުރު ފީއަކާ ނުލައި ބޭރު ގައުމުތަކުން ފައިސާ ފޮނުވުމާއި، ބޭރުގެ ފަރާތްތަކަށް އީ-ކޭވައިސީ (e-KYC) ރަޖިސްޓްރޭޝަން ފުރިހަމަކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ފައިސާ ދެއްކުން ހިމެނެއެވެ. މީގެ އިތުރުން، ޔޫއެސް ޑޮލަރު، ޕައުންޑް އަދި ޔޫރޯ އިން ބައިނަލްއަގުވާމީ ބޭންކް އެކައުންޓް ނަންބަރުތައް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.
މި ހިދުމަތުގެ ސަބަބުން ކޮންޓެންޓް ކްރިއޭޓަރުންނާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ބޭރު ގައުމުތަކުން ލިބޭ ފައިސާ، ރާއްޖޭގެ ބޭންކް ޓްރާންސްފާއެއް ފަދައިން ސީދާ ސްވައިޕް ވޮލެޓަށް ލިބޭނެއެވެ. މިއީ ޒުވާން ވިޔަފާރިވެރިންނަށާއި ޑިޖިޓަލް މަސައްކަތްތައް ކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ މާކެޓުގައި ބައިވެރިވުމަށް ލިބޭ ބޮޑު ލުޔެކެވެ.
ކުރިއަށް ހުރި ތަރައްގީތައް
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މިއަހަރުގެ ނިޔަލަށް ބައިނަލްއަގުވާމީ ބޮޑެތި ޕޭމަންޓް ނެޓްވޯކްތައް ކަމަށްވާ Alipay، WeChat Pay، Mastercard، އަދި Visa ސްވައިޕްއާ ގުޅާލުމަށް ވަނީ ރޭވިފައެވެ. މި ބަދަލާއެކު ސްވައިޕްގެ ބޭނުންތެރިކަން އިތުރަށް ބޮޑުވެ، ދުނިޔޭގެ ކޮންމެ ތަނަކުންވެސް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ