ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާ އިންޑިއާ އެކްޓިވިސްޓް: 19 ދުވަހުން 9 ކިލޯ ލުުއިވެއްޖެ
އިންޑިއާގެ މަޝްހޫރު ތަޢުލީމީ މާހިރު އަދި އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް 19 ދުވަސް ވެފައިވާއިރު، އޭނާގެ ސިއްހީ ހާލަތު ހަލުވިކަމާއެކު ގޯސްވަމުންދާތީ ހަޅުތާލު ނިންމާލުމަށް ގިނަ ބަޔަކު ގޮވާލައިފިއެވެ. އުމުރުން 59 އަހަރުގެ ވަންގްޗުކް ފާއިތުވި 19 ދުވަހު ދިރިއުޅެމުން އައީ ހަމައެކަނި ލޮނުފެން ބޮއެގެންނެވެ. މި މުއްދަތުގެ ތެރޭގައި އޭނާގެ ބަރުދަނުން 9.1 ކިލޯ ލުއިވެފައިވާއިރު، އޭނާގެ އެހީތެރިން ބުނާ ގޮތުގައި ވަންގްޗުކް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެ، އެކަނި ކޮޅަށްވެސް ނުހުރެވޭ ވަރުވެފައެވެ. ވަންގްޗުކްގެ ސިއްހީ ހާލަތާ ގުޅިގެން ދިއްލީ ހައިކޯޓުން ވަނީ ވަގުތުން ފިޔަވަޅު އަޅައި އޭނާއަށް ބޭސްފަރުވާ ދިނުމަށް އަންގާފައެވެ. ބުރާސްފަތި ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޯޓުން އަންގާފައިވަނީ އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އޭނާ މަރުވެދާނެ ކަމުގެ ބިރު އޮތް ކަމަށެވެ. ޑޮކްޓަރުން ވަންގްޗުކްގެ ސިއްހީ ޕެރަމިޓަރުތައް ޗެކްކުރަނީ. ފޮޓޯ/ީބީސީ މި ބަނޑުހައިހޫނުކަމުގެ ހަޅުތާލަކީ ތަޢުލީމީ ދާއިރާއަށް އިސްލާހުތައް ގެނައުމަށް ގޮވާލައި، ކޮކްރޯޗް ޖަންޓާ ޕާޓީ (ސީޖޭޕީ) ގެ ނަމުގައި އޮންލައިންކޮށް ހިންގާ ހަރަކާތަކަށް ތާއީދުކުރުމުގެ ގޮތުން ވަންގްޗުކް ފެށި ހަޅުތާލެކެވެ. މި މުޒާހަރާގެ ބައިވެރިން އަންނަނީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދްރާ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމަށް ޑިމާންޑް ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން މިނިސްޓަރު ވަޒީފާއިން ވަކިވާން ޖެހޭނެއެވެ. އާންމުންގެ ތެރޭގައި “ސޯނަމް ސާ” ގެ ނަމުން މަޝްހޫރުވެފައިވާ ވަންގްޗުކަކީ ލަޑާކްގެ އިތުރުން މުޅި އިންޑިއާގައިވެސް ނުފޫޒުގަދަ ޝަޚުސިއްޔަތެކެވެ. އޭނާގެ މަސައްކަތްތަކަށް ބައިނަލްއަގްވާމީ ފެންވަރުގައިވެސް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، 2018 ވަނަ އަހަރު އޭނާއަށް ވަނީ އޭޝިއާގެ ނޮބެލް އިނާމުގެ ގޮތުގައި ބެލެވޭ “ރެމޮން މެގްސޭސޭ އެވޯޑް” ލިބިފައެވެ. މީގެ އިތުރުން، 2009 ވަނަ އަހަރު ނެރުނު ބޮލީވުޑްގެ މަޝްހޫރު ކާމިޔާބު ފިލްމު “ތްރީ އިޑިއަޓްސް” އަކީވެސް އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އަދި 2017 ވަނަ އަހަރު ސުޕަސްޓާ އަމީތާބް ބައްޗަން ހޯސްޓްކުރި މަޝްހޫރު ޓީވީ ޝޯ “ކޯން ބަނޭގާ ކްރޯޑްޕަތީ” ގެ ޚާއްސަ މެހެމާނެއްގެ ގޮތުގައިވެސް އޭނާ ވަނީ ބައިވެރިވެފައެވެ. ވަންގްޗުކްގެ މުޒާހަރާގައި ބައިވެރިވާ މީހުން. ފޮޓޯ/ގެޓީ ވަންގްޗުކްގެ ހާލަތު ގޯސްވަމުންދާތީ އޭނާގެ ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އޭނާގެ ހާލު ދެރަވަމުންދާތީ، އިންޑިއާގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުންނާއި، ބޮލީވުޑްގެ އެކްޓަރުންގެ އިތުރުން މިއުޒީޝަނުންވެސް ވަނީ މި ހަޅުތާލު ނިންމާލުމަށް އޭނާއަށް ގޮވާލާފައެވެ. ނަމަވެސް، މިހާތަނަށްވެސް ވަންގްޗުކް ވަނީ ހަޅުތާލު ހުއްޓާލުމަށް ދެކޮޅު ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ