ސަލާމަތީ ގޮންޖެހުންތައް ބޮޑުވަމުންދާތީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގައި އިންޑިއާގެ ފަޅުވެރިން ނުބޭތިއްބުމަށް، ޝިޕިން ކުންފުނިތަކަށާއި އުޅަނދުތައް މެނޭޖްކުރާ ފަރާތްތަކަށާއި ރެކްރޫޓްމަންޓް އެޖެންސީތަކަށް އިންޑިއާއިން އަންގައިފި އެވެ.
މެދުއިރުމަތީގައި ހަނގުރާމަ އަލުން ފެށިފައިވާއިރު، ފާއިތުވި ތިން ދުވަހުގެ ތެރޭގައި އުޅަނދުތަކަށް ދިން ހަމަލާތަކެއްގައި އިންޑިއާގެ ދެ މީހަކު މަރުވުމާ ގުޅިގެން، ޑިރެކްޓަރޭޓް ޖެނެރަލް އޮފް ޝިޕިން އިން ވަނީ މި އެންގުން އަންގާފަ އެވެ.
އެ ތަނުން ބުނީ، ދާދި ފަހުން ދިން ހަމަލާތަކުގެ ސަބަބުން ވިޔަފާރި އުޅަނދުތަކަށާއި އޭގައި މަސައްކަތްކުރާ ފަޅުވެރިންނަށް ކުރިމަތިވާ ނުރައްކާތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކުގައި މަސައްކަތްކުރާ އިންޑިއާގެ ފަޅުވެރިންގެ މަސްލަހަތު ހިމާޔަތްކުރުމަށް އިތުރު ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް ވެސް ބުނެފައިވެ އެވެ.
މި އަމުރުގައި އުޅަނދުތަކުގެ ކެޕްޓަނުންނަށް އަންގާފައިވަނީ ގަލްފާއި ހޮރްމޫޒް ކަނޑުއޮޅި އާއި އެ ސަރަހައްދުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ދަތުރުފަތުރުގެ އިންޒާރުތައް އަބަދު ވެސް ބަލަމުން ދިއުމަށެވެ.
ދުނިޔޭގެ ޝިޕިން ފްލީޓްތަކުގައި 300،000އަށް ވުރެ ގިނަ ފަޅުވެރިންނާ އެކު، ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ކަނޑުދަތުރުކުރަނީ އިންޑިއާ މީހުންނެވެ. މި ހަފުތާގެ ކުރީކޮޅު އިންޑިއާގެ ފަޅުވެރިއަކު މަރުވުމާ ގުޅިގެން، އިންޑިއާއިން ވަނީ އީރާނުގެ ޑެޕިއުޓީ އެމްބެސެޑަރު ހާޒިރުކޮށް، އެ ގައުމަށް ރަސްމީކޮށް ނުރުހުން ފާޅުކޮށްފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅީގައި އިންޑިއާގެ ފަޅުވެރިން ނުބޭތިއްބުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ