އެމެރިކާ ސިފައިން ކޮންމެ އަހަރަކު ހަދަންޖެހޭ ހެލްތް ސްކްރީނިންގެ ބައެއްގެ ގޮތުގައި ޓެސްޓޮސްޓެރޯން ޑެފިސިއެންސީ ނުވަތަ ޖިންސީ އެދުންވެރިކަމުގެ ހޯމޯން މަދުތޯ ބަލަން ނިންމައިފި އެވެ.
އެ ޓެސްޓު ހަދަން ނިންމާފައިވަނީ އުމުރުން 30 އަހަރުން މަތީގެ މީހުންގެއެވެ. އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް އެ ޓެސްޓު ހެދުމަކީ އިހްތިޔާރީ ކަމެކެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އެކަން އިއުލާން ކުރަމުން ބުނީ، އެ ޓެސްޓު ހަދަން ނިންމީ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ މިންވަރަށް ޓެސްޓޮސްޓެރޯން ހުރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އަދި ޓެސްޓޮސްޓެރޯން ދަށްކޮށް ހުންނަ ސިފައިންނަށް ހޯމޯން ރިޕްލޭސްމަންޓް ތެރަޕީ ފޯރުކޮށްދޭނެ ކަމަށްވެސް ބުންޏެވެ.
އުމުރުން ދުވަސްވުމުން ޓެސްޓޮސްޓެރޯން ލެވެލް ދަށްވާ އަންހެނުންނަށް މި ޓެސްޓު ހަދަންޖެހޭނެ ކަމެއް ހެގްސެތު ހާމަކޮށްފައެއް ނުވެ އެވެ.
”އަޅުގަނޑުމެންގެ ސިފައިންނަށް ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް، އަދި މި ޕްރޮގްރާމަކީ އެ ވާޖިބު އަދާކޮށްދޭ ކަމެއް،“ ހެގްސެތު ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ، ސިފައިން ހަމައެކަނި ބަލަންޖެހޭނީ ކުރިއަށް އޮތް މިޝަނަށް އޭނާގެ ސިއްހަތު ރަނގަޅުތޯ އެކަނި ނޫން ކަމަށާއި ސިފައިންނަކީ ވަރުގަދަ، ކެތްތެރި އަދި ގާބިލު ބައެއްކަން މުޅި އުމުރުގައިވެސް ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ. އޭރުން ޔުނީފޯމް ބޭލުމަށްފަހުވެސް ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅެވޭނެ ކަމަށް އޭނާ ބުންޏެވެ.
ޑޮކްޓަރެއްގެ އިރުޝާދާ ނުލައި، މަސްތައް ވަރުގަދަކުރުން ފަދަ ސިއްހީ ނޫން ބޭނުންތަކަށް ޓެސްޓޮސްޓެރޯން ބޭނުންކުރުމަކީ އަސްކަރިއްޔާގައި މަނާ ކަމެކެވެ.
އެމެރިކާ ސިފައިންގެ ޖިންސީ އެދުންވެރިކަމުގެ ހޯމޯން މަދުތޯ ބަލަން ޓެސްޓުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ