ހައިކޯޓުން އަމުރެއް ނެރުން ހިމެނޭ ގޮތަށް، މަސްދަރު ހާމަކުރަން އެންގޭ އިތުރު ހާލަތްތައް ހިމެނޭ އިސްލާހެއް

ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް އެންގޭ އިތުރު ހާލަތްތަކާ އެކީ، އެ މައުލޫމާތު ހާމަކުރުމަށް ހައިކޯޓަށް އަމުރު ނެރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މާދަމާގެ ޖަލްސާއަށް އެ ބިލުގެ މަސައްކަތް އެޖެންޑާކޮށްފިއެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމެވެ. އެ ބިލުގައި ވަނީ، ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން، ނޫސްވެރިޔާ މަސްދަރު ހާމަކުރުމަކީ ކުށަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައިވާނަމަ، މަސްދަރު ހާމަކުރުމަށް އަމުރެއް ނެރެދިނުމަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށް ބިލުގައިވެއެވެ. އިސްލާހުގައިވާ ގޮތުން، ހައިކޯޓުގައި އެފަދަ އަމުރަކަށް އެދޭތާ 24 ގަޑިއިރު ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަން ޖެހެއެވެ. އަދި އެ ނިންމުމެއް އިސްތިއުނާފު ކުރާނަމަ ގިނަވެގެން ދިހަ ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް އިސްލާހުގައިވެއެވެ. އޭގެއިތުރަށް، މި އިސްލާހުގައި ވަނީ ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް އިތުރުކޮށްފައެވެ. އެއީ، ޓެރަޒިމްގެ ކުށާއި ގާނޫނުލް އުގޫބާތުގެ ދަށުން ކަނޑައަޅާފައިވާ ކުށެއްގެ ހުއްދަ ނޫން ސިއްރު މައުލޫމާތު ހާމަކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ކަމުގައި ބުނެފައިވެއެވެ. ރާއްޖޭގެ އިސްތިގުލާލަށް ނުވަތަ ސިޔާދަތަށް ގެއްލުން ލިބޭނެ ފަދަ އަމަލުތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް އެކުލެވޭ ކުށެއްގައި މަސްދަރު ހާމަކުރަން އެންގޭނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އެމްޑީޕީ ސަރުކާރުގެ ރައީސަކަށް ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގުކުރައްވައި، އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރިއެވެ. ހެއްކާބެހޭ ބިލް ފާސްކުރިއިރު އޭގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ރައީސް އޮފީހަށް ގިނަ އަދަދެއްގެ ނޫސްވެރިން ޕެޓިޝަނެއް ވެސް އޭރު ހުށަހެޅިއެވެ. ނަމަވެސް އޭރު އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އެއްވެސް ކަމެއް ސަރުކާރުން ކޮށްފައެއްނުވެއެވެ. https://sun.mv/168212 އެ ގާނޫނު ތަސްދީގުކުރެއްވި ފަހުން، ޞާލިހު ވަނީ، އަލުން ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ