ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އެމްޑީޕީ ސަރުކާރުގައި ފާސްކޮށް ތަސްދީގުކުރި ހެއްކާއި ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް އިތުރުކޮށް މި ސަރުކާރުން އެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް އެވެ. އެ ބިލު މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
އެމްޑީޕީ ސަރުކާރުގައި ހެއްކާއި ބެހޭ ގާނޫނު އެކުލަވާލި އިރު ނޫސްވެރިންނާއި ޖަމިއްޔާތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ ގައުމީ ސަލާމަތް މާނަކޮށްފައި ނެތުމުންނެވެ. އަލަށް ހުށަހެޅި އިސްލާހުގައި ވެސް ގައުމީ ސަލާމަތް މާނަކޮށްފައެއް ނުވެ އެވެ.
މި އިސްލާހުގެ ދަށުން ހައި ކޯޓުގެ އަމުރަށް އެދުމުގެ ބާރު ލިބެނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް، ކުށެއްގެ ތުހުމަތު ކުރެވޭ، ނުވަތަ ދައުވާ ލިބޭ ފަރާތަށެވެ. އައު އިސްލާހުގެ ދަށުން އަމުރަށް އެދޭތާ 24 ގަޑިއިރުގެ ތެރޭ ހައި ކޯޓުން އެކަމާމެދު ގޮތެއް ނިންމަން ޖެހެ އެވެ. ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ލިބެނީ 10 ދުވަހެވެ.
ހެއްކާއި ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން ކޯޓުން ކުރާ އަމުރާއި އެއްގޮތަށް މަސްދަރު ހާމަނުކޮށްފިނަމަ، އެ ނޫސްވެރިޔަކަށް ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތު އޮވެ އެވެ.
އެމްޑީޕީ ސަރުކާރުގައި ބިލު މަޖިލީހުން ފާސްކުރި ދުވަހު މަޖިލިސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖު ވެސް ކުރި އެވެ. އަދި، އެ މާއްދާ އިސްލާހު ނުކޮށް ތަސްދީގު ނުކުރުމަށް ގޮވާލައި ޕެޓިޝަނެއް ވެސް ރައީސް އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅި އެވެ. އެ ޕެޓިޝަންގައި ޖުމުލަ 158 މީހަކު ސޮއިކުރި އެވެ.
ހެކީގެ ބިލު ތަސްދީގު ނުކުރަން އެމްޖޭއޭގެ އިތުރަށް އެޑިޓާސް ގިލްޑާއި މިހާރު އުވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދުނެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މަސްދަރު ހާމަކުރަން ކޯޓުން އެންގޭހެން އޮތް މާއްދާ އިސްލާހުކޮށް، ނޫސްވެރިން ކުރިން ފާހަގަކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުންޏެވެ.
މުއިއްޒުގެ ސަރުކާރުން ނޫސްވެރިންނަށް އިތުރު ދަތިތަކެއް ކުރިމަތި ކުރުވަން އިސްލާހެއް ހުށަހަޅާފައި މިވަނީ، މިނިވަން މީޑިއާ ނެތިކޮށްލަން މިދިޔަ އޮގަސްޓު މަހު މަޖިލީހުން ބިލެއް ފާސްކޮށް، މަޖިލީހަށް ފުރިހަމަ ބާރު އޮންނަ މީޑިއާ ކޮންޓްރޯލް ކޮމިޝަނެއް އުފެއްދުމަށް ފަހު އެވެ.
މި ގާނޫނު އުވައިލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.
މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގޭ ހާލަތްތައް އިތުރުކޮށް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގޭ ހާލަތްތައް އިތުރުކޮށް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ