ފްލެޓް ދޭއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިސްކަމެއް ފްލެޓް ދޭއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިސްކަމެއް

މި ސަރުކާރުން ކުރިއަށްގެންދަ "ބޯހިޔާވެހިކަން އެންމެންނަށް" ސްކީމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޭއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިސްކަމެއް ދިނުމަށް އުސޫލުގައި ހިމަނައިފި އެވެ.
ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ބޯހިޔާވެހިކަމަށް އެދި ހުށަހަޅާފައިވާ ޝަރުތު ފުރިހަމަވަ އެޕްލިކަންޓުންގެ ތެރޭގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް އިސްކަން ދޭނެ އެވެ.
ފްލެޓަށް ކުރިމަތިލައިގެން އެންމެ ގިނައިން ވެސް ލިބޭނީ 150 ޕޮއިންޓް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މާލޭ ސަރަހައްދުން ފްލެޓު ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓެގަރީ އާއި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީ އެވެ. މާލޭގެ ރަށްވެހިން ކަމުގައި ބަލަނީ އުފަންވީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި، މާލޭ ރަށްވެހިކަމުގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާއި ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނެވެ.
ފްލެޓަށް އެދި ހުށަހެޅުމަށް ސަރުކާރުން ދެ މޮޑެލްއެއް ގެންގުޅެ އެވެ. އެއް މޮޑެލްއަކީ ބޭންކުތަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީތަކަށް ޝަރުތުހަމަވާ، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ހާއްސަ "އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލް" އެވެ. މިއީ ތަނަވަސް އާއިލާތަކަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މޮޑެލްއެކެވެ.
ސަރުކާރުން ފްލެޓް ދިނުމުގައި ގެންގުޅޭ ދެވަނަ މޮޑެލްއަކީ "ރެންޓް-ޓު-އޯން މޮޑެލް" އެވެ. އެ މޮޑެލްގެ ދަށުން ޔުނިޓް ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާދައްކަންޖެހޭނެ އެވެ. އަދި ޔުނިޓުގެ ޖުމްލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިމުމުން ބޯހިޔާވެހިކަން ލިބުނު ފަރާތަށް ޔުނިޓް މިލްކު ކުރެވޭނެ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރި 7000 ފްލެޓާއި ރަސްމާލޭން ދޫކުރާ 15،000 ގޯތި ދޫކުރަނީ މި ސްކީމުތަކުގައި ކަނޑައެޅި އުސޫލުތަކުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ