ކެމްޕޭނުގައި އެކުގައި ނުތިބޭ މީހުން ބާކީ ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން، އެކަމެއް ނުކުރާނަން: މީކާއިލް

ޗެއާޕާސަންގެ އިންތިހާބުގައި އެކުގައި ތިބި މީހުންނާއި ވާދަވެރިންގެ ގޮތުގައި ތިބި މީހުން ތަފާތު ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށާއި އެއްވެސް މީހެއްގެ މެދުގައި ތަފާތު ނުކުރައްވާނެ ކަމަށް މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މީކާއިލް މިރޭ ވިދާޅުވީ ވާދަވެރި ބޭފުޅުން ދައްކަވަމުންދާ ވާހަކައާ ގުޅިގެން 2023 އަލުން އިއާދަވެދާނެކަމުގެ ބިރު ހީވާ ކަމަށެވެ.
"މި އިންތިހާބުން އެކަނިވެސް އަޅުގަނޑު ހިތާމަކުރަން 2023 އިއާދަވެދާނެ ފަދަ ވާހަކަތައް ބޭފުޅުން ދައްކަވާތީ އަޅުގަނޑު ހަމަ ހިތާމަކުރަން، މި ޕާޓީގައި އަޅުގަނޑާ އެކުގައި ނުތިބޭ އެންމެން ތިބެންޖެހޭނީ އެންމެ ފަހަތު ސަފުގައި ކަމަށް ބުނާ ސިޔާސަތަކީ އަޅުގަނޑު ގަބޫލުކުރާ އެމްޑީޕީވަންތަ ސިޔާސަތެއް ނޫން،" މީކާއިލް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޗެއާޕާސަންކަމެއްގައި އަޅުގަނޑާއެކު ތިބޭފުޅުން ތިއްބެވިޔަސް އަޅުގަނޑާއެކު ނުތިބެވިޔަސް އެންމެ ކުރީ ސަފުގައި އެކުއެކީ ތިބޭފުޅުންނަށް ޖާގަ ކަށަވަރު ކޮށްދޭނަން."
މީކާއިލް މިފަދައިން ވިދާޅުވެފައި މި ވަނީ ޗެއާޕާސަން އިންތިހާބުގައި ދެން ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކުގައި ނުތިއްބަވާ ބޭފުޅުން، އެމަނިކުފާނުގެ ޗެއާޕާސަންކަމުގައި ތިއްބަވަން ޖެހޭނީ ދުރުގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ނަޝީދު ކުރެއްވި މެސެޖަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
މިރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ އޭނާގެ ޗެއާޕާސަންކަމެއްގައި ޒުވާނުންނަށް ވެސް އެ ޕާޓީގެ އެންމެ މަތީ މަގާމަށް ކުރިމަތިލެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި، އެއީ އޭނާ ގަބޫލުކުރައްވާ އެމްޑީޕީގެ ސިޔާސަތު ކަމަށް މީކާއިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ