2023 އިއާދަވާކަށް ނޭދެން؛ އިސްކަން ދޭނީ އެކުވެރިކަމާ އެކު 2028އަށް ދާން: މީކާއިލް

އެންމެ ފަހުން ބޭއްވި 2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބައިބައިވެގެންދިޔަ ގޮތަށް އެ ތާރީހު އިއާދަވާކަށް ބޭނުމެއް ނޫން ކަމަށާއި އޭނާގެ ޗެއާޕާސަންކަމުގައި 2028ގެ ރިޔާސީ އިންތިހާބަށް ދާން ބޭނުންވަނީ ޕާޓީ ބައިބައި ނުވެ، އެކުވެރިކަންމަތީ ކަމަށް، އެ މަގާމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީކާއިލް މިގޮތަށް ވިދާޅުވީ، އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޭނާގެ 'އިތުބާރު' ކެމްޕެއިން ނިންމާލުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - ޕޯޑިއަމްއަށް އަރާވަޑައިގެން މީކާއިލް ފުރަތަމަ ވެސް ވިދާޅުވީ، މިދިޔަ ނޮވެމްބަރުގައި އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވީ ވަރަށް ފޮނި އުންމީދަކާއި ތަސައްވުރަކާ އެކު ކަމަށެވެ. އަދި ކުރެވުނު އެންމެ ފޮނި އުންމީދަކީ، އޭނާގެ ޗެއާޕާސަން ކަމުގައި 2028ގެ ރިޔާސީ އިންތިހާބަށް ޕާޓީ އެއްބައިވަންތަ، އެކުވެރި ޕާޓީއެއްގެ ގޮތުގައި ގެންދެވޭނެ ކަމުގެ އުންމީދު ކަމަށެވެ.
"އަޅުގަނޑުގެ ޗެއާޕާސަންކަމުގައި މި ޕާޓީގެ ސަފުތަކުގައި އެކުވެރިކަން ދެމެހެއްޓޭނެކަމުގެ އުންމީދު. އެ އުންމީދަށް އެންމެ ބޮޑު ބާރެއް ލިބުނީ، އަޅުގަނޑު މި މަގާމަށް ވާދަ ކުރާނެކަން އިއުލާން ކުރުމާ އެކު ޕާޓީގެ އާންމު މެންބަރުންނާއި ޕާޓީގެ ލީޑާޝިޕް ބޭފުޅުންގެ ފަރާތުން ލިބުނު ތާއީދާ އެކު،" އުމުރުން 16 އަހަރުން ފެށިގެން އެމްޑީޕީގެ ހަރަކާތްތަކާ ގުޅިވަޑައިގެން، މިއަދު މަޖިލީހުގައި ދެ ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ މީކާއިލް ވިދާޅުވި އެވެ.
އެ ތާއީދު އޭނާއަށް ލިބިވަޑައިގެންނެވީ، މީގެ 16 އަހަރު ކުރިން 2012ގައި ރާޅުގަނޑުގައި ބޭއްވި ހަރަކާތުގައި "ޕާޓީގެ ޕޯޑިއަމްގައި ހުއްޓުނު ގޮތަށް މެދުނުކެނޑި، ވަފާތެރި ހިދުމަތްތަކެއް" ޕާޓީއަށް ކުރެވުނުކަން އެ މެންބަރުންނަށް ވެސް އިހުސާސް ކުރެވުމުން ކަމަށް މީކާއިލް ފާހަގަ ކުރެއްވި އެވެ. އަދި ހަމަހަމަކަމާއި އިންސާފުވެރިކޮށް ކަންކަން ހިނގާނެ ކަމުގެ އިތުބާރު އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗެއާޕާސަން ރޭހުގައި މީކާއިލްއާ ވާދަ ކުރައްވަނީ، އެ ޕާޓީގެ ފުރަތަމަ ޗެއާޕާސަންގެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. މީކާއިލް ވިދާޅުވި ގޮތުގައި، މީގެ އެތައް މަހެއް ކުރިން އޭނާ ޗެއާޕާސަންގެ މަގާމަށް ކެންޑިޑެސީ އިއުލާނު ކުރެއްވީ ނަޝީދާ ވާދަކުރައްވާކަށް ނޫނެވެ.
"އަޅުގަނޑު މީގެ އެތައް މަހެއް ކުރިން މި އިންތިހާބަށް ނުކުތީ، އަޅުގަނޑު ނުހަނު އިހުތިރާމް ކުރާ، އަޅުގަނޑުގެ އެދުރަކާ ވާދަކުރާކަށް ނޫން. އެހެން ނަމަވެސް ބައެއް ބޭފުޅުންގެ ވިސްނުމަށް އައި ކުއްލި ބޮޑު ބަދަލަކުން އަޅުގަނޑަށް މި އިންތިހާބުގައި ވާދަ ކުރަން މި ޖެހެނީ ރާއްޖޭގެ ކުރީގެ ރައީސަކާ،" 19 ވަނަ މަޖިލީހުގައި ނަޝީދުގެ ފެކްޝަނާ އެކު ފުރަތަމަ މަސައްކަތް ކުރެއްވި މީކާއިލް ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އުމުރުން 59 އަހަރުގެ ނަޝީދާ މި އިންތިހާބުގައި ވާދަކުރައްވަން ޖެހުން މީކާއިލް ސިފަ ކުރެއްވީ، އެމްޑީޕީގައި "ޒުވާނުންނަށް ކުރިމަގު ހޯދުމަށް، ޖާގަ ހޯދުމަށް ކުރަން ޖެހިފައި އޮތް މަސައްކަތް" ކަމަށެވެ. އެއީ މި ތަޖުރިބާއަށް އޭނާއަށް ކުރެވޭ އިހުސާސް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ އާބާދީގެ %40 އަކީ ޒުވާނުން ކަމަށްވާއިރު، އަޅުގަނޑު އެ ޒުވާނުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ، އަޅުގަނޑުގެ ޗެއާޕާސަންކަމުގައި ތިބޭފުޅުންނަށް މި ޕާޓީގެ އެންމެ އިސް މަގާމަށް ވެސް ވާސިލުވާން ޖާގަ ހުޅުވާލާދޭނަން،" އުމުރުން 32 އަހަރުގެ މީކާއިލް ވިދާޅުވި އެވެ.
"ޒުވާނުންނަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި ހައްގު މިންވަރަކީ، ސިޔާސީ ލީޑަރުންގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓު ޖެހުން އެކަންޏެއް ނޫން. އެންމެ މަތީ މަގާމާ ހަމައަށް ދިޔުން މި ޕާޓީތަކުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަށަވަރުކޮށްދޭނަން."
މިރޭގެ ޖަލްސާގައި މީކާއިލް ނަޝީދަށް ބަހުގެ ހަމަލާތަކެއް ވެސް ދެއްވި އެވެ. އެގޮތުން، އެ މަނިކުފާނާ ގުޅުންހުރި ދެ ކަމަކަށް މީކާއިލް ފާޑުވިދާޅުވި އެވެ. އެގޮތުން:
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ނަޝީދުގެ ތާއީދު އޮތީ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި އެ މަނިކުފާނުގެ މި ކެމްޕެއިންގައި އެންމެ އަރިސްކޮށް މަސައްކަތް ކުރައްވަމުންގެންދަވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަށް
މި އިންތިހާބުން ބަލިވާ ބޭފުޅުން ޕާޓީގެ ކަންކަމުގައި "ތަންކޮޅެއް ދުރުގައި، އެހެނަސް ފަހަތުގައި ތިއްބަވާނެ ކަމަށް އުންމީދު ކުރަން" ކަމަށް އެ މަނިކުފާނު ވިދާޅުވި 
"މި ފެންނަނީ އަނެއްކާވެސް 2023 އިއާދަވެދާނެ މަންޒަރު. މި އިންތިހާބުން އެކަނި ވެސް އަޅުގަނޑު ހިތާމަކުރަން 2023 އިއާދަވެދާނެ ފަދަ ވާހަކަތައް ބޭފުޅުން ދައްކަވާތީ އަޅުގަނޑު ހަމަ ހިތާމަކުރަން،" ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވަން ފައްޓަވަމުން މިކާއިލް ވިދާޅުވި އެވެ.
"މި ޕާޓީގައި އަޅުގަނޑާ އެކުގައި ނުތިބޭ އެންމެން ތިބެންޖެހޭނީ އެންމެ ފަހަތު ސަފުގައި ކަމަށް ބުނާ ސިޔާސަތަކީ އަޅުގަނޑު ގަބޫލުކުރާ އެމްޑީޕީވަންތަ ސިޔާސަތެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޗެއާޕާސަންކަމެއްގައި އަޅުގަނޑާ އެކު ތިބޭފުޅުން ތިއްބެވިޔަސް، އަޅުގަނޑާ އެކު ނުތިބެވިޔަސް އެންމެ ކުރީ ސަފުގައި އެކުއެކީ ތިބޭފުޅުންނަށް ޖާގަ ކަށަވަރު ކޮށްދޭނަން."
މީކާއިލް ވިދާޅުވީ އެއީ އޭނާ ތަސައްވުރު ކުރާ އެމްޑީޕީ ކަމަށެވެ. ބޭނުންވަނީ 2028ގެ ރިޔާސީ އިންތިހާބަށް ދާއިރު، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ގެންދިޔުން ކަމަށް ވިދާޅުވި އެވެ. އެކަން ކުރެވެނީ، އެމްޑީޕީގެ ސިޔާސީ ކުޅިބައި އެތުރިފައިވާ ގޮތް ހެޔޮ ހިތުން ގަބޫލުކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޝައުގުވެރިވާ 5-4 ބޭފުޅުން ތިބިކަން އެއީ މިއަދުގެ ހަގީގަތް. އަދި އެއިން ކޮންމެ ބޭފުޅެއްގެ ފަހަތުގައި މި ޕާޓީގެ އެތައް ހާސް މެންބަރުން ތިބިކަން އެއީ ހަގީގަތް،" ނަޝީދު ވަކިކޮޅެއް ނަންގަވައިގެން ހުންނެވުމުން އެ އެއްބައިވަންތަކަން ނުހިފެހެއްޓޭނެކަން ފާހަގަ ކުރައްވައި މީކާއިލް ވިދާޅުވި އެވެ.
ނަޝީދު އެގޮތަށް ވަކިކޮޅެއް ނެންގެވުމުން 2028އަށް ދާއިރު، "އަނެއްކާވެސް ޕާޓީގެ ސަފުތައް ރޫޅުމުގެ ފުރުސަތު އެބައޮތް" ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި އޭނާގެ ޗެއާޕާސަން ކަމުގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އޮތް ކޮންމެ މީހަކަށް ޕާޓީގައި ހަމަހަމަ ފުރުސަތު އޮންނާނެކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން މިރޭ ވެސް މީކާއިލް ދެއްވި އެވެ.
"އަޅުގަނޑުމެން ދެން އެ ދުވަސް ދެކޭކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން އަނެއްކާ މި ޕާޓީ ރޫޅާލާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން އަނެއްކާވެސް ވަކިވެގަންނާކަށް ބޭނުމެއް ނޫން. ލީޑާޝިޕް ވަކިވެގަންނާކަށް ބޭނުމެއް ނޫން. މި އިންތިހާބުގައި ކުރާ ހަމައެކަނި މަސައްކަތަކީ 2028އަށް ދާއިރު މި ޕާޓިގެ ސަފުތައް އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކު ބޭއްވުން،" މީކާއިލް ވިދާޅުވި އެވެ.
މީކާއީލްގެ 12 މިނެޓުގެ ތަގުރީރު އޭނާ ނިންމާލެއްވީ، "ފަހު މީހާއާ ޖެހެންދެން ވެސް ޕާޓީގައި ދެމި ހުންނާނެ"ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ