މާދަމާރޭ ފަށާ ފީފާ ވޯލްޑް ކަޕް 2026ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސަޕޯޓުކުރައްވަނީ އެންމެފަހުގެ ޗެމްޕިއަން، އާޖެންޓީނާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ވޯލްޑް ކަޕުގެ ރަސްމީ ބޯޅަތަކެއްގައި ސޮއިކުރުމަށް ރައީސް އޮފީހުގައި ބޭއްވި ޙަރަކާތެއްގައި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އާޖެންޓީނާއަށް ސަޕޯޓުކުރައްވަން ފެއްޓެވީ، އެ ޤައުމާއި ދުނިޔޭގެ ފުޓުބޯޅައިގެ ވެސް ލެޖެންޑު މަރަޑޯނާއަށް ސަޕޯޓުކުރައްވަން ފެއްޓެވި ހިސާބުން ކަމަށެވެ.
އާޖެންޓީނާއަށްފަހު ދެން ސަޕޯޓުކުރައްވަނީ އިނގިރޭސިވިލާތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިނގިރޭސިވިލާތަށް ސަޕޯޓުކުރައްވާ ސަބަބު ހާމަކުރައްވަމުން ރައީސް ވަނީ، ކިޔަވާވިދާޅުވާން ގިނަދުވަސްތަކެއް ވަންދެން އެގައުމުގައި އުޅެންޖެހުނުކަން ފާހަގަކުރައްވައި، އިނގިރޭސިވިލާތުގެ މެންޗަސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރަކަށްވުން ވެސް އެއީ އެކަމުގެ ސަބަބެއްކަމަށް ވިދާޅުވެފައެވެ.
ވޯލްޑް ކަޕް ކާމިޔާބުކުރާނެކަމަށް ލަފާކުރެއްވޭ ޓީމަކާ ގުޅޭގޮތުން ވަޒީރު ރާފިއު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެ ފުރުޞަތު ފްރާންސަށް އޮތްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، ހައިރާންކުރަނިވި ޗެމްޕިއަނެއްގެ ގޮތުގައި ނެދަލެންޑްސް (ހޮލެންޑް) ވެސް ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތު އޮތްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިފަހަރުގެ މުބާރާތުގެ މެޗުތައް އޮތީ މެޗުތައް ބައްލަވަން އުނދަގޫ ވަގުތުތަކެއްގައިކަން ފާހަގަކުރައްވައި، ބައެއް މެޗުތައް ނުބެލުމުގެ ފުރުސަތު ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވޯލްޑް ކަޕް ބެލޭނެ އިންތިޒާމުތައް ފުރިހަމައަށް ހުންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ފަހިކޮށްދިން ފުރުސަތާއެކު، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަނީ ދިވެހި ރައްޔިތުންނަށް މުޅިން ހިލޭ ވޯލްޑް ކަޕުގެ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މީޑިއާނެޓާއި ޕީއެސްއެމްއިން ގުޅިގެން ދިވެހިންނަށް ވޯލްޑް ކަޕް ގެނެސްދޭއިރު، މީޑިއާނެޓްގެ ކަނެކްޝަނެއް އޮތް އެއްވެސް ފަރާތަކަށް، އިތުރު އެއްވެސް ޗާޖަކާ ނުލައި މެޗުތައް ބެލޭނެއެވެ.
ޕީއެސްއެމް އިން ވޯލްޑް ކަޕަށް ގެނެސްދޭ ކަވަރޭޖުގައި، މެޗު ޝޯތަކާއި، އާންމުންނަށް ބައިވެރިވެވޭނެ އެކިއެކި ހަރަކާތްތަކާއި، ގުޅުންހުރި ގިނަ ޕްރޮގްރާމްތަކަކާއި ކޮންޓެންޓް ގެނެސްދޭނެއެވެ.
ވޯލްޑް ކަޕުގައި ރައީސް ސަޕޯޓުކުރައްވަނީ އާޖެންޓީނާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ