ޗެއާޕާސަން އިންތިހާބުގައި ހޮވިއްޖެނަމަ މުންޑު އަނދެގެން ގޭގައި އޮންނަވަން ޖެހެވަޑައިގަންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޗެއާޕާސަން ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޗެއާޕާސަންގެ އިންތިހާބުން ބަލިވެއްޖެ ނަމަ މުންޑު ލައްވައިގެން ގޭގައި އޮންނަވާނީ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ސަންގުޓީވީގެ ”ހެލޯ އަންނި“ ޝޯވްގައި އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ގޭގައި އުޅުއްވާއިރު އާންމުކޮށް އުޅުއްވަނީ މުންޑު އަނދެގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީއެއްގައި ބަލިވާ މީހާ މާ ބޮޑަށް ގަދަ ދައްކައިގެން އުޅެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އިންތިހާބުން ބަލި ނުވާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އެކަމަކު ބަލިވާ މީހާ ޖެހޭނީ ގޭގައި މުންޑު އަނދެގެން އޮންނަން ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި އިންތިހާބުގައި ވާދަކުރައްވަނީ މީކާއިލްއަށް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ ޗެއާޕާސަން އިންތިހާބު އެމަނިކުފާނަށް ގެއްލުވާލަންވެގެން ޕީއެންސީން މަސައްކަތް ކުރާ މިންވަރަށް ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މީކާއިލްއާއި ގާތްވެސް ނުކުރާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު އަދި ޕީއެންސީން އެކަން ކުރަން އުޅޭ މިންވަރު މާބޮޑު ކަމަށެވެ.
އެހެންކަމުން، އެމަނިކުފާނު މުޅޮވީމާ މުންޑު އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނީ ރައީސް މުއިއްުޒު ކަަމަށް ނަޝީދު ވިދާޅުވިއެވެ.
”އެހެންވީމާ އަޅުގަނޑު މޮޅުވީމާ ޑރ. މުއިއްޒު މުންޑު އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނީ،. އެއްގޮތަކަށްވެސް ބޭރަށް ނުކުމެ އުޅުއްވައިގެން ނުވާނެ،“
މި ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ 100 ޕަސެންޓު ޔަގީންކަން އޮތް ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ޕާޓީގައި އުޅުއްވަނީ އެއްވެސް ގޮތަކަށް ތަން ދޮރު ނޭނގޭ މީހުން ނޫން ކަމަށެވެ. ރާއްޖޭގައި ސިޔާސީ ވިސްނުމެއް ވިސްނާ ބަޔަކު އުޅޭ ކަމަށްވާނަމަ ތިބީ އެމްޑީޕީގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޕީއެންސީއަކީ ސިޔާސީ ސްޓްރެޓެޖީއެއް އޮވެގެން ސިޔާސީ ވިސްނުމެއް އޮވެގެން އުޅޭ ބައެއް ނޫން ކަމަށެވެ. ޕީއެންސީން އެހެންނަމަވެސް މިހާރު ބައެއްކަންކަން އެމްޑީޕީން ދަސްކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑު މޮޅުވީމާ މުންޑު އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނީ ރައީސް މުއިއްޒު: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ