ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖޫބިލީ އިންޓަނޭޝަަނަލް މުބާރާތުގެ ފައިނަލް މެޗުގައި މިރޭ 2-0 އިން އަފްގާނިސްތާން ބަލިކޮށް، ޕާކިސްތާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި ބަންގްލަދޭޝްއާ އެއްވަރުވި، ޕާކިސްތާނުން ވަނީ ދެން ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެެވެ. މިއި، 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓަށް ފަހު، މިދިޔަ 35 އަހަރު ތެރޭ ޕާކިސްތާނަށް ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. މި މުބާރާތާ ޕާކިސްތާނުން ކުރިމަތިލިއިރު، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން މިވީ މުއްދަތުގައި އެ ޓީމުން ބައިނަލްއަގުވާމީ މެޗަަކުން މޮޅުވީ މި މުބާރާތުގަ އެވެ. އަދި، މޮޅެއް ނުލިބި ދިޔަ ދިގު އިންތިޒާރު ނިންމާލައި، ޕާކިސްތާނުން މުބާރާތް ކާމިޔާބުުކުރީ ޖެހިޖެހިގެން ތިން މޮޅު ހޯދައިގެންނެވެ.
އަފްގާނިސްތާން އާއި ޕާކިސްތާން ފައިނަލަށް ދަތުރުކުރިއިރު، ލީގު ބުރުގެ ފަހު މެޗުތަކުގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ވެސް ފެނިގެންދިޔަ އެވެ. އެ މެޗުން ޕާކިސްތާން ވަނީ 2-0 އިން މޮޅުވެފަ އެވެ. އެ މެޗުގައި ސަސްޕެންޝަންގެ ސަބަބުން ޕާކިސްތާންގެ ކެޕްޓަން، އަބްދުﷲ އިގުބާލް ނުކުޅުނު ނަމަވެސް، މިރޭގެ ފައިނަލުގައި އޭނާ ވަނީ ކުޅެފަ އެވެ. އެކަމަކު، ލީގު ބުުރުގެ ތިން މެޗުގައި ވެސް ޕާކިސްތާންގެ ގޯލު ބެލެހެއްޓި ކީޕަރު، ޔޫސުފް އިޖާޒް ބަޓް، ދެ ކާޑު ހަަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރިއިރު، އޭނާގެ ބަދަލުގައި ޕާކިސްތާންގެ ގޯލު ބެލެހެއްޓީ ރާއްޖޭގެ ގިނަ ޓީމުތަކަކަށް ކުޅެފައިވާ ކީޕަރު ސާގިބު ހަނީފް އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 24 ވަނަ މިނިޓްގައި ޕާކިސްތާނުން ލީޑުނެގީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ކުޅޭ ފޯވާޑް، ޝާޔަކް ދޯސްތު ޖެހި ގޯލުންނެވެ. މިއީ، އޭރިއާތެރެއިން ޕާކިސްތާންގެ އޯޓީޒް ހާން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ފައިގައި ޖެހިފައި އޭރިއާތެރެއިން މައްޗަށް އެރި ވަގުތުގައި އެކްރަބެޓިކް ކިކަކުން ގޯލަށް ބޯޅަ ފޮނުވާލައިގެން ޝާޔަކް ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ އަފްގާނިސްތާންގެ ކީޕަރު، ފައިސަލް އަހުމަދު ހަމީދީ އަތުގައި ޖެހިފަ އެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އަފްގާނިސްތާނުން އެއްވަރުކުރުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އެ ޓީމުގައި ހިމެނޭ މެލޭޝިއާގެ ލީގުގެ ޕެނާންގަށް ކުޅޭ އޮމިދު މުސާވީ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އަދި، ދެ ވަނަ ހާފު ފެށިގެން، ދެ މިނިޓް ތެރޭ ޕާކިސްތާނުން ފޮނުވާލި ޝޮޓެއް ވެސް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. އެ ގޮތުން، ޕާކިސްތާންގެ މެދުތެެރެއަށް ކުޅޭ، އިނގިރޭސި ހަ ވަނަ ޑިވިޝަނުގެ ހާބޮރޯ ޓައުންގެ އާދިލް ނާބީ ޖެހި ޝޮޓް ޖެހުނީ ހުރަސްދަނޑީގަ އެވެ.
އަފްގާނިސްތާނުން މެޗުގެ 73 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އެ ޓީމަށް ކުޅޭ އިނގިރޭސި ޔޫތު ގައުމީ ޓީމުތަކުން ފެނުނު އަމީން ނަބީޒާދާ، އަމިއްލަ އަށް ފެށި އެޓޭކެއްގައި، އޭރިއާތެރެއިން ތަނަވަސްވި ފުރުސަތަކުން ފޮނުވާލި ޝޮޓް ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.
ބަދަލަކަށް ކުޅެން އަރައި، ޕާކިސްތާނަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ އަލީ ހައިދަރު ޝާހު އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓް ތެރޭ އަފްގާނިސްތާނުން ލަނޑެއް ޖަހައި، އެއްވަރުކުރެވޭތޯ ގިނަ ކުޅުންތެރިންތަކެއް އެޓޭކަށް ޖެހިގެން ކުޅެމުންދިޔައިރު، އޭގެ ފައިދާނަގައި، ކައުންޓަ އެޓޭކުގައި ޕާކިސްތާނުން ދެ ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ، ޕޮލެންޑް ލީގުގައި ކުޅެމުން އަންނަ ހާރޫން ރަޝީދު އެވެ. މިއީ، އޭނާ ބެންޗުން އަރައި މި މުބާރާތުގައި ލަނޑު ޖެހި ތިން ވަނަ މެޗެެވެ. އެ ގޮތުން، އޭނާ ވަނީ ލީގު ބުރުގައި ރާއްޖެ އާއި އަފްގާނިސްތާން ކޮޅަށް ވެސް ލަނޑު ޖަހައި، ތަށި ޔަގީންކޮށްދީފަ އެވެ.
ޕާކިސްތާނުން މެޗަކުން ބަލިނުވެ ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ