ސިނގިރޭޓު ކާޓަންތަކަކާއި 3،200 ޑޮލަރާއެކު، ބިދޭސީއަކު ހައްޔަރަށް
އާ އަހަރު ފެށުމާ ގުޅުވައި ފުލުހުން މާލޭގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަން "ރިވެލި"ގެ ތެރެއިން, ސިނގިރޭޓު ކާޓަންތަކަކާއި 3،200 ޑޮލަރާއި (49،344 ރުފިޔާ) ގިނަ އަދަދެއްގެ ރުފިޔާއެކު، ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ 44 އަހަރުގެ ޝުކޫރު އަލީއެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރު ކުރީ، ރޭ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެއްޗާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސިންނާއި އެ މީހުން ގަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ޝުކޫރު ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި 3200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި 2900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އޭގެއިތުރަށް، އޭނާ އުޅެމުންދާ ތަން ބަލައިފާސް ކުރުމުން 32 ކާޓަން ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓް ފެނުނު ކަމަށް އެ މުއައްސަސާއިން މައުލޫމާތުދެއެވެ. މި މައްސަލައިގައި ޝުކޫރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އޮޕަރޭޝަން "ރިވެލި" ގެ ތެރެއިން ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިތުރު ދެ ބިދޭސީން ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރު އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ މޮހަންދާސް ރަޖެންދިރަން (22އ) އާއި ބަލަސުބްރަމަނިޔަން ސެލަމް (41އ)އެވެ. https://sun.mv/215918 ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ގެ ބަލައިފާސްކުރިއިރު އެގޭގެ ތިން ފަންގިފިލާއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށެވެ. އެ ގެއަކީ އެ މީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއްކަން ފުލުހުން ފާހަގަކުރިއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ