މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި

ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު މީހަކަށް އަނިޔާކޮށް، ބިންމަތީގައި ދަމާފައި ގެންގޮސް މޫދަށް އެއްލާލި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފިއެވެ. ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު މީހަކަށް ބަޔަކު އަނިޔާކޮށް މޫދަށް އެއްލައިލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީގެ ދެތިން ދުވަސް ކުރިން ވަނީ އާއްމުވެފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. ޒިޔާރަތްފުށި އަހްމަދު ހާތިމް (49އ) އަދި ބ. ހިތާދޫ އަންދަލީބުގޭ އަހްމަދު ޝަރީފް (50އ)އެވެ. މި ދެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. https://sun.mv/215767 އެ ވީޑިއޯގައި ފެންނަނީ، ގިނަ ބަޔަކު ތިބި ސަރަހައްދެއްގައި ފިރިހެނަކު ބިންމައްޗަށް ވައްޓާލައިގެން ބިންމަތީގައި ދަމާފައި ގެންދާ ތަނެވެ. ހަމައެކަނި ޖިންސެއް ލައިގެން އެ މީހާ އޮތްއިރު، ގަންބޫޓަކަށް އަރައިގެން ހުރި މީހަކު ދަމާފައި ގެންދާ މީހާގެ އަތް މައްޗަށް އަރައެވެ. ދެން ފެންނަނީ އޭނާ ބިންމަތީ ދަމާފައި ގެންގޮސް މޫދަށް އެއްލައިލާ މަންޒަރެވެ. މޫދަށް އެއްލައިލި މީހާއާ އިތުރު މީހަކާ ދެމެދު ވާހަކަތަކެއް ދައްކާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ. އެކަމަކު، ވީޑިއޯގެ އަޑު ނެތުމުން ދައްކަނީ ކޮން ވާހަކަތަކެއް ކަމެއް ނޭނގެއެވެ. މި ވީޑިއޯ އާންމުކުރި މީހާ ބުނެފައިވާ ގޮތުގައި، މޫދަށް އެއްލާލި މީހާއަށް ކުރެވެނީ ވައްކަމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ