އޮނާއިން އާދަޔާޚިލާފު ބޮޑު ބެޓެރީއަކާއެކު ގޭމިން ފޯނުތަކެއް ނެރެފި

ޗައިނާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި 'އޮނާ'އިން, ގޭމް ކުޅޭ މީހުންނަށް ޚާއްސަކޮށްގެން އާދަޔާ ޚިލާފު ބެޓެރީއަކާއެކު ތައްޔާރުކޮށްފައިވާ "އޮނާ ވިން" އަދި "އޮނާ ވިން އާރްޓީ" ފޯނު ރަސްމީކޮށް ދައްކާލައިފިއެވެ. މި ދެ ފޯނަކީ މިހާރު މާކެޓުގައި ހުރި އެންމެ ވަރުގަދަ ފޯނުތަކާ ވާދަކުރެވޭނެ ފަދަ މަތީ ފަންތީގެ ފޯނުތަކެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ. މި ފޯނުތަކުގެ އެންމެ ތަފާތު އެއް ސިފައަކީ ގިނަ ވަގުތު ގޭމް ކުޅޭ މީހުންނަށް އަމާޒުކޮށް ހިމަނާފައިވާ 10,000 މިލީއެމްޕަޔާގެ ބިޔަ ބެޓެރީއެވެ. މިއީ މިހާރު އާންމުކޮށް ފޯނުތަކުން ފެންނަ ބެޓެރީތަކަށްވުރެ މާ ބޮޑު ބެޓެރީއެއް ކަމުން، ގިނަ ވަގުތު ބެޓެރީގެ ޗާޖު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ލިބިގެންދެއެވެ. ފޯނު ބޭނުންކުރާއިރު ހޫނުވިޔަ ނުދިނުމަށްޓަކައި، މިނެޓަކު 25,000 ފަހަރު އެނބުރޭ "އެކްޓިވް ކޫލިންގް ފޭން" އެއް މި ފޯނުތަކުގައި ވަނީ ހިމަނާފައެވެ. މިއީ ފޯނުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދީ، ގޭމް ކުޅޭއިރު ފޯނު މަޑުޖެހުމުން ރައްކާތެރިކޮށްދޭނެ ނިޒާމެކެވެ. ސްކްރީނަށް ބަލާއިރު، ދެ މޮޑެލްގައިވެސް ހިމަނާފައިވަނީ 6.83 އިންޗީގެ އޯލެޑް ޑިސްޕްލޭއެކެވެ. މަންޒަރުތައް އޮމާންކޮށް ދެއްކުމަށްޓަކައި މި ސްކްރީންތަކުގައި 185ހާޓްޒް ގެ ރިފްރެޝް ރޭޓެއް ހިމަނާފައިވާއިރު، މިއީ ގޭމް ކުޅުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެއެވެ. ޕާފޯމަންސްގެ ގޮތުން "އޮނާ ވިން" ގައި އެންމެ ފަހުގެ ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ޗިޕްސެޓް ބޭނުންކޮށްފައިވާއިރު، "އޮނާ ވިން އާރްޓީ" ގައި ހިމަނާފައި ވަނީ ސްނެޕްޑްރެގަން 8 އެލީޓް ޗިޕްސެޓެވެ. މި ދެ ފޯނު ވެސް 16ޖީބީއާ ހަމައަށް ރޭމް އަދި 1ޓީބީއާ ހަމައަށް ސްޓޯރޭޖް ހުންނަ އެކި މޮޑެލްތަކުގައި ލިބެން ހުންނާނެއެވެ. ފޯނުގެ ކެމެރާ ސިސްޓަމަށް ބަލާއިރު "އޮނާ ވިން" ގެ ފަހަތުގައި 50 މެގަޕިކްސެލްގެ މައި ކެމެރާއަކާއި، 50 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެއްގެ އިތުރުން 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއެއް ހިމެނެއެވެ. ނަމަވެސް "ވިން އާރްޓީ" މޮޑެލްގައި ޓެލެފޮޓޯ ކެމެރާ ނުހިމެނޭއިރު، ދެ ފޯނުގެ ކުރިމަތީގައި ވެސް ހުންނަނީ 50 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެކެވެ. ބާރު މިނުގައި ޗާޖުކުރުމަށްޓަކައި 100ވޮޓްގެ ވަޔާޑް ފާސްޓް ޗާޖިން، ދެ ފޯނަށް ވެސް ސަޕޯޓް ކުރެއެވެ. މީގެ އިތުރުން "އޮނާ ވިން" މޮޑެލްގައި 80ވޮޓްގެ ވަޔާލެސް ޗާޖިން ހިމަނާފައި ވާއިރު، މި ދެ ފޯނަކީ ވެސް ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ އައިޕީ68 އަދި އައިޕީ69 ރޭޓިން ލިބިފައިވާ ވަރުގަދަ ފޯނުތަކެކެވެ. އެންޑްރޮއިޑް 16ގެ މައްޗަށް ބިނާކޮށްފައިވާ މެޖިކް އޯއެސް 10ގައި ހިނގާ މި ފޯނުތައް މިހާރު ޗައިނާގެ މާކެޓަށް ނެރެފައިވަނީ ކަޅު، ހުދު އަދި ނޫ ކުލައިގައެވެ. އަގުތަކަށް ބަލާއިރު "އޮނާ ވިން" ފެށެނީ ގާތްގަނޑަކަށް 570 ޑޮލަރަށެވެ. އަދި "އޮނާ ވިން އާރްޓީ" ފެށެނީ ގާތްގަނޑަކަށް 385 ޑޮލަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ