ވަގު ވޯޓު އަޅާފައިވާ ކަމަށް ބުނެ، މައްޗަންގޯޅި އުތުރު ދާއިރާގެ ވޯޓު ފޮށި ގުނުން ހުއްޓުވައިފި

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ވަގު ވޯޓު އަޅާފައިވާ ކަމަށް ބުނެ، މައްޗަންގޯޅި އުތުރު ދާއިރާގެ ވޯޓު ފޮށި ގުނުން ހުއްޓުވައިފިއެވެ. ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ނުވައެއް ޖެހިއިރު ފަށައި، ހަވީރު ހަތަރެއް ޖަހަންދެން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ފަހުން ވެސް ބައެއް ދާއިރާތަކުގެ މީހުން ކިޔޫގައި ތިބުމުން އެ މީހުންނަށް ވެސް ފުރުސަތު ދީފައިވެއެވެ. ވޯޓުލުން ނިންމައި، މިހާރު ވޯޓު ފޮށިތައް ގުނަމުންދާއިރު، މައްޗަންގޯޅި އުތުރު ދާއިރާގެ ވޯޓު ފޮށި ކައިރީ ވަނީ ހަމަނުޖެހުން ހިންގައިފައެވެ. ސޯޝަލް މީޑިއާގައި ނޫހަކުން ހިއްސާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ވޯޓު ގުނަމުން ދަނިކޮށް އެކަމަށް ވަނީ ހުރަސްއަޅާފައެވެ. މަންޒަރު ދުށް މީހަކު 'ސަން' އަށް ކިޔައިދިން ގޮތުގައި އެތަނުގައި ހަމަނުޖެހުން ހިންގި މީހުން ތުހުމަތުކުރީ ވަގު ވޯޓު އަޅާފައިވާ ކަމަށް ބުނެއެވެ. މި ހަމަނުޖެހުން ހިނގިއިރު އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު މިއަދު 'ސަން'އަށް ވިދާޅުވީ، ޕްރައިމަރީ ފެށިގެން ނިމުމާ ހަމައަށް ދިޔައީ ވަރަށް އަމާންކޮށް ކަމަށެވެ. ޕީއެންސީން ނެރުނު ލިސްޓުން ދައްކާ ގޮތުގައި، 308 ކެންޑިޑޭޓުންގެ ތެރެއިން 183 ކެންޑިޑޭޓުން ވާދަކުރަނީ ކައުންސިލަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީތަކަށް 121 މީހަކު ވާދަކުރެއެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު 68،665 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާއިރު، އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއެވެ. ފަލާޙު މިއަދު ވިދާޅުވި ގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 73،000 އަށް މިހާރު އަރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ