އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ޒަރީރު އައްޔަންކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އައްޔަން ކުރައްވައިފި އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އެލްޖީއޭގެ ރައީސްކަމަށް އައްޔަން ކުރައްވާނީ ރައީސެވެ. އަދި އެ މަގާމުގައި އެންމެފަހުން ހުންނެވީ ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ޒަރީރު ވަނީ އައްޔަން ކުރައްވައިފަ އެވެ. އަދި އެލްޖީއޭގެ ރައީސް ކަމަށް ވެސް އޭނާ ވަނީ އައްޔަން ކުރައްވައިފަ އެވެ. 
ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޒަރީރު ވަނީ ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. 
މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރަކީ ޑރ. މުހައްމަދު ޝަފީގެވެ. ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު އޭނާ އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު، 2024 ގަ އެވެ. އޭގެ ފަހުން އެ މަގާމު އަދާކުރެއްވީ ޒަމީރެވެ.
މި ސަރުކާރުން އެލްޖީއޭގެ ރައީސް ކަމަށް ފުރަތަމަ އައްޔަން ކުރީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ނަމުގައި އުފެއްދި މިނިސްޓްރީގެ މިނިސްޓަރު އާދަމް ޝަރީފެވެ. އެހެން ނަމަވެސް ފަހުން ކެބިނެޓަށް ގެންނެވި ބަދަލުގައި އެ މިނިސްޓްރީ ވަނީ އުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ