ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވި ޞާދިގު އަންނަ ހޯމަ ދުވަހު ހުވާ ކުރައްވަނީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވި އަބްދުﷲ ޞާދިގު (ސޯބެ) އަންނަ ހޯމަ ދުވަހު ހުވާކުރައްވައި، މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިއްޖެއެވެ. ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ޞާދިގު އިންތިޚާބު ކާމިޔާބުކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ސޯބެއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް ލިބުނީ 1،313 ވޯޓެވެ. މަޖިލީހުގެ އިދާރާއިން މިރޭ ބުނީ، ޞާދިގު މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ހެނދުނު 08:30ގައި މަޖިލީސް ކުރާ ގޭގައި އޮންނާނެ ކަމަށެވެ. ހޯމަ ދުވަހު ޞާދިގު ހުވާކުރައްވާއިރު، މި ހަފުތާގައި ފަށަން ބުނި މި ދައުރުގެ ޖަލްސާތައް ވެސް ވަނީ އަންނަ ހޯމަ ދުވަހު ފަށަން ލަސްކޮށްފައެވެ. https://sun.mv/222982 ސާދިގު މެންބަރުކަމުގެ ހުވާ ކުރެއްވުމުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެންބަރުންގެ އަދަދު 13އަށް އިތުރުވާނެއެވެ. މަޖިލީހުގައި މިހާރު ވެރިކަން ކުރާ ޕީއެންސީގެ 74 މެންބަރުން ތިއްބަވައެވެ. ފާހަގަކުރެވޭ ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)ގެ ގޮނޑި ގެއްލުމުންނެވެ. އެއީ އޭނާއާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ