ބޭސް ލިބުމުގައި ހުރި މައްސަލަ ހައްލުކުރެވޭނީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން ކަމަށާއި އެކަން އެނގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ޑރ. ޝާހު މިހެން ވިދާޅުވީ، ސްޓޭޓް ފާމާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުންނެވެ. މި ޕްރޮގްރާމްގައި ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށް އެ ކުންފުނިން ކުރައްވަމުންދާ މަސައްކަތްތައް ހިއްސާކުރެއްވިއެވެ.
ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ބޭސް ލިބުމުގައި ދަތިތައް އެބަހުރި ކަމަށާއި އެކަމަށް މުޅި ޖުމްލަ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަނެވިގެން ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ.
ޑރ. ޝާހް ވިދާޅުވީ، މި ސިސްޓަމާއެކު ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ކުރިއާލާ ދެނެގަނެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ރާއްޖެއަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ އަދަދަށް، ކޮލެޓީ ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރެވޭނެ ކަމަށާއި ހުސްނުވެ ކޮންމެ ރައްޔިތަކަށްވެސް ބޭސް ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ކުދި އާބާދީގައި ޚާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތަށް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ. އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި. އެނބަ އިނގޭ އެ ބޭސްތައް ބޭނުން ކުރާނެކަން. އެހެންވީމަ އެ ލެވެލްއަށް އަޅުގަނޑުމެންގެ މަސައްކަތް ދެނެގަތުމަށްޓަކައި އަޅުގަނޑު މިދެންނެވި އިލެކްޓްރޯނިކް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. ކުރީމަ އަޅުގަނޑުމެންނަށް ނަންބަރސްތައް ދިމާކޮށް، އެތަންތަނަށް ބޭނުންވާ ބޭސް ސްޓޯ ކުރެވޭނެ." ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
ޑރ. ޝާހް ވިދާޅުވީ، ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭސް ދެނެގަނެވިއްޖެނަމަ ދިގުމުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ގެނެސް ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މިހާރު ޤާއިމުކުރާ ނިޒާމުގެ ތެރެއިން އާންމުންނަށް ޚާއްސަ ޕޯޓަލެއް ޤާއިމުކޮށް، ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ލިބެން ހުރި ތަންތަން ފަސޭހަކަމާއެކު ވަގުތުން ބަލައިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަން ފާހަގަކުރައްވައި ޑރ. ޝާހް ވިދާޅުވީ ރާއްޖޭގައި މިވަގުތު މަދު އަދި ނެތް ކަމަށް ރިޕޯޓްކޮށްފައިވާ ބޭސްތަކަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ބޭސް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންދާ ކަމަށެވެ. އަދި މިގޮތަށް ނުލިބި ހުރި ގިނަ އަދަދެއްގެ ބޭސް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށްވެސް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގޭނެ ނިޒާމެއް ޤާއިމުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ