އިނގިރޭސިވިލާތުގެ ވެރިކަންކުރާ ލޭބަރ ޕާޓީގެ ލީޑަރު ކަމަށް މެންޗެސްޓަރގެ ކުރީގެ މޭޔަރު، އޭންޑީ ބާންހަމް ހޮވިވަޑައިގެންފިއެވެ. އެއާއެކު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް އޭނާ ޢައްޔަނު ކުރާނެއެވެ.
ބޮޑުވަޒީރުގެ މަޤާމަށް ބަރންހަމް ޢައްޔަނުކުރުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 20ވަނަ ދުވަހުއެވެ. ބާންހަމް ވަނީ ބޮޑުވަޒީރުގެ މަޤާމުގައި އެންމެ ފަހުން ހުންނެވި ކީރް ސްޓާމަރގެ މަސައްކަތްތައް ފާހަގަކުރައްަވައިފައެވެ. މިދިޔަ ޖޫން މަހުގެ 22ވަނަ ދުވަހު ބޮޑުވަޒީރުގެ މަޤާމުން ސްޓާމަރ އިސްތިޢުފާ ދެއްވާފައި ވަނީ މެދުއިރުމަތީގެ ހަނގުރާމައާއި ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއި އިނގިރޭސިވިލާތުގައި ދިރިއުޅުމުގެ އަގު މަތިވަމުން ދިޔުމުގެ ސަބަބުން ކުރިމަތިވި އުނދަގޫ ޙާލަތުގައި ޢާންމުންގެ މެދުގައި މަޤުބޫލު ކަން ކުޑަވުމާ ގުޅިގެންނެވެ.
ބާންހަމް ވަނީ އިނގިރޭސިވިލާތަށް އަލުން އުންމީދު އައުކޮށްދިނުމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ޤައުމު އެކަތިގަނޑަކަށް ހަދައި، ރިފޯމް ޕާޓީގެ ފަރާތުން ކުރިމަތިކޮށްފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ބާންހަމް އިތުރަށް ވިދާޅުވީ ސްޓާމަރގެ ވެރިކަމުގައި ލޭބަރ ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަތައް ޙައްލުކުރުމަށް ވަޒީރުންގެ މަޖިލީސް ޢައްޔަނު ކުރުމުގައި ޕާޓީގެ ހުރިހާ ފެކްޝަނެއް ވެސް ތަމްޞީލްވާ ފަދަ ގޮތަކަށް ޢަމަލުކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ އެންމެންގެ ވެސް އަގު ވަޒަންކުރާ، އެންމެންގެ އަޑު އަހާ މާހައުލެއް އޭނާ ޤާއިމްކުރައްވާނެ ކަމަށެވެ. ބޮޮޑެތި މައްސަލަތަކުގައި ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ ގޮތުގައި ޢައްޔަނުކުރައްވާނީ ޕާޓީއަށް ޚިދުމަތްކޮށްފައިވާ ތަޖުރިބާކާރު އަދި މަސައްކަތްތެރި ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުމުގެ އަގު އުފުލުމާ ގުޅޭގޮތުން ބާންހަމް ވިދާޅުވީ އެ މައްސަލައަކީ ސަރުކާރުން އެންމެ އިސްކަންދޭ މައްސަލައަށް ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުން ގެދޮރުވެރިކަމާއި ހަކަތައާއި ފެން ފަދަ ޒަރޫރީ ޚިދުމަތްތައް ދިނުމުގައި ޢަމަލުކުރަމުން ދިޔައީ އެންމެ އެދެވޭ ގޮތަށް ކަމަށް އޭނާ ޤަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އޭނާއަކީ ވިޔަފާރިތަކާ ރައްޓެހި، ވިޔަފާރުތަކަށް ފަހި ފުރުޞަތު ހޯދައިދެއްވާނެ ބޭފުޅެއް ކަމަށެވެ. އޭނާ ވަނީ މައި ސަރުކާރުން ބާރުތައް ލާމަރުކަޒުކުރައްވާނެ ކަމަށް ވެސް ވަޢުދުވެވަޑައިގެންފައެވެ.
އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީގެ ވެރިއަކަށް އޭންޑީ ބާންހަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ