ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެސްއޯއީތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރަންޖެހޭނެކަން އަންގައި، މަދުކުރާ މުވައްޒަފުންގެ އަދަދު ކޮންމެ ހަފުތާއަކު ފޮނުވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އަންގައިފި އެވެ.
ޕީސީބީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ 33 ޕަސެންޓު މުވައްޒަފުން މަދުކުރަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
ޕީސީބީން މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ ސާކިއުލާއަކާ ހަވާލާދީ، މި ހިނގާ ޖުލައި 13، ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު ވަނީ އަންގާފަ އެވެ.
މި ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން މޮނިޓަ ކުރުމަށް ޕީސީބީން ވަނީ ނިންމާފަ އެވެ. އެގޮތުން، ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ފޮނުވަމަށް ވެސް ޕީސީބީގެ ސާކިއުލަގައި ބުނެފައިވެ އެވެ.
ޕީސީބީން ބުނި ގޮތުގައި، މި އެންގުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެ ބޯޑަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން ނެރެފައިވާ އެންގުމެކެވެ.
އެހެންކަމުން، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވިޔަފާރި އުސޫލުން ހިންގާ ދައުލަތުގެ ހުރިހާ ތަންތަނަކުން ވެސް މި އެންގުމަށް އަމަލުކުރުން ގަނޫނުން ލާޒިމުވާނެ ކަމަށް ބުނެފައިވެ އެވެ.
މި ފިޔަވަޅަކީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެކެވެ.
އޭޕްރީލް މަހު އަންގާފައިވާ އެންގުމަށް ހަރުކަށި ގޮތެއްގައި އަމަލުކުރަން މި ނިންމީ ސަރުކާރު ހިންގަ ޕީއެންސިގެ އެތެރޭގެ އިންތިހާބު ނިމުމާއެކު އެވެ.
ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު އަމިއްލައަށް ވަކިވުމުގެ ފުރުސަތު ދިން ނަމަވަސް އެ ފުރުސަތު ހޯދުމަށް ހުށަހަޅާފައިވަނީ މަދު ބަޔެއްކަން އެނގިފައިވެ އެވެ.
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް ކުރީގެ ސަރުކާރުތަކުން ވެސް ގިނަ އަދަދަކަށް މުވައްޒަފުން ވައްދާފައިވެ އެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުންފުނިތަކުގެ މުވައްޒަފުން އަދަދު އިންތިހާއަށް އިތުރުކޮށް، ސިޔާސި މަގާމުތަކަށް ވެސް ގިނަ ބަޔަކު އައްޔަންކުރި އެވެ.
މުއިއްޒު ވަޒީފާ ދީފައިވާ ސިޔާސި މުވައްޒަފުންގެ އަދަދު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަންގާފައިވެ އެވެ. ނަމަވެސް އަދިވެސް އެ މައުލޫމާތު ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ތިން މަސްތެރޭގައި 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން ޖެހޭނެކަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ