ކުރިއަށް އޮތް ތިން މަސް ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް ކުޑަކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ޕީސީބީން މިދިޔަ އޭޕްރީލް މަހު ސާކިއުލާއަކުން އެންގި އެވެ. އެ ސާކިއުލާއާ ހަވާލާދީ ޕީސީބީން މިދިޔަ އާދިއްތަ ދުވަހު ނެރެނު ސާކިއުލާގައި ވަނީ އެ ލަނޑުދަނޑި ހާސިލުކުރަން މުއްދަތެއް ކަނޑައަޅައިފަ އެވެ.
އެގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ވަނީ އަންގަައިފަ އެވެ.
މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު ވެސް ބައެއް ކުންފުނިތަކުން އެކި ފިޔަވަޅުތައް އަޅައިފައިވެ އެވެ. އެގޮތުން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާ އެކު އެ ފުރުސަތު އެޗްޑީސީ އާއި ފެނަކައިން ދީފައިވެ އެވެ.
ޕީސީބީން ބުނި ގޮތުގައި ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރަނީ އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމަށެވެ.
ކުންފުނިތަކުން މުވައްޒަފުން މަދުކުރާ ގޮތް ގާތުން މޮނިޓަ ކުރުމަށް ޕީސީބީން ވަނީ ނިންމައިފަ އެވެ. އެގޮތުން ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަން ސާކިއުލާގައި އަންގާފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އެވެ. އެ އިންތިހާބުގެ ނަތީޖާއިން އެކަމަކީ ރައްޔިތުން ރުހޭ ކަމެއް ނޫން ކަން އެނގިގެން ދިޔަ ކަމާއި އެހެންވެ، އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ނެގި އެވެ. އޭގެ ކުރިން ވެސް އެކި ސަރުކާރުތަކުން ކުންފުނިތަކަށް ނުކުތާވަރަށް މުވައްޒަފުން ވައްދާފައިވެ އެވެ.
ތިން މަސް ތެރޭ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ