އެންޑީ ބާންހަމް ލޭބަ ޕާޓީގެ ލީޑަރަކަށް؛ އިނގިރޭސި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވަނީ

ގްރޭޓަ މެންޗެސްޓާގެ ކުރީގެ މޭޔަރު އެންޑީ ބާންހަމް، އިނގިރޭސިވިލާތުގައި ވެރިކަންކުރާ ލޭބަ ޕާޓީގެ ލީޑަރުކަމަށް އިއްޔެ އިންތިހާބުވެއްޖެ އެވެ.
ޕާޓީގެ ލީޑަޝިޕް ކާމިޔާބުކުރެއްވުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާދެއްވާ ކިއަރު ސްޓާމާގެ ބަދަލުގައި އަންނަ ހޯމަ ދުވަހު ބާންހަމް ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.
ލީޑަރުކަން ލިބިވަޑައިގަތުމުން ދެއްވި ހިތޯބުގައި ބާންހަމް ވަނީ ސިޔާސީ ދާއިރާއަށް އޮތް އިތުބާރު އަލުން ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފަ އެވެ. އަދި ލޭބަ ޕާޓީން އުންމީދެއް ގެނެސްދޭނެ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ، ޕާޓީން ހިދުމަތްކުރާނީ ސިޔާސީ ދާއިރާއިން އަލުން އުންމީދެއް ލިބޭނެ ދުވަހަކަށް ވަރަށް ގިނަ ދުވަސްވަންދެން އިންތިޒާރުކުރަމުން އަންނަ ރައްޔިތުންނާއި ސަރަހައްދުތަކަށް ކަމަށެވެ.
ބާންހަމް ވިދާޅުވީ، އޭނާގެ ސަރުކާރުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އިސްކަންދޭނެ ކަމަށާއި، ބާރުތައް މަރުކަޒީކުރުން ދޫކޮށް ލާމަރުކަޒީ ކުރާނެ ކަމަށެވެ. އަދި ހުރިހާ ފިކުރެއް ހިމެނޭ ކެބިނެޓެއްގެ ބޭނުން ހިފައިގެން ޕާޓީ އެއްބައިވަންތަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން، ލޭބަ ޕާޓީގެ އަމިއްލަވަންތަކަން ދޫކޮށްނުލައި، ނުފޫޒު ގަދަވަމުންދާ ޕޮޕިއުލިސްޓް ރިފޯމް ޔޫކޭ ޕާޓީއާ ކުރިމަތިލައްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފަ އެވެ.
"އަޅުގަނޑުމެން ގްރީން ޕާޓީއަށް ވުރެ ބޮޑަށް 'ގްރީން' ވާން ނުވަތަ ރިފޯމް ޕާޓީއަށް ވުރެ ބޮޑަށް 'ރިފޯމް' ވާން މަސައްކަތް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކާމިޔާބު ހޯދާނީ ކެރިގެން، ޔަގީންކަމާ އެކު އަދި ތެދުވެރިކަމާ އެކު އަޅުގަނޑުމެންގެ އަމިއްލަ ގޮތުގައި ދެމިތިބެގެން. އެއީ ލޭބަ ޕާޓީގެ ގޮތުގައި ތިބެގެން."
ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި ބައިނަލްއަގުވާމީ ހަމަނުޖެހުންތަކުގެ ތެރެއިން މަގްބޫލުކަން ކުޑަވެގެންދިޔަ ސްޓާމާއަށް ބާންހަމް ޝުކުރު އަދާކުރެއްވި އެވެ. އަދި ވެސްޓްމިންސްޓަރަށް ޖަމާވެފައިވާ ބާރުތައް އަވަށު ފެންވަރަށް ބަދަލުކޮށް، ޒަމާނީ އިނގިރޭސި ތާރީހުގައި ބާރުތައް އެންމެ ބޮޑަށް ހަމަހަމަކުރާނެ ސަރުކާރަށް އޭނާގެ ސަރުކާރު ވެގެންދާނެ ކަމަށް ވައުދުވެވަޑައިގަންނަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ