ހޮރްމޫޒް ކަނޑުއޮޅިއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަގްސަދުގައި، ސީރިއާއަށް ގުޅާލެވިފައިވާ މުހިންމު ތެޔޮ ހޮޅިއެއް މަރާމާތުކުރުމުގެ އެއްބަސްވުމަކާ އެކު، އިރާގުން އެމެރިކާގެ ކުންފުނިތަކާ އެކު 60 ބިލިއަން ޑޮލަރަށް ވުރެ އަގުހުރި އެއްބަސްވުންތަކެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
ވޮޝިންޓަންގައި ބޭއްވި އެމެރިކާ-އިރާގު ބިޒްނަސް ސަމިޓެއްގެ ތެރޭގައި ސޮއިކުރި މި އެއްބަސްވުންތަކުގެ ތެރޭގައި، ކިރްކުކްގެ ތެޔޮބިންތައް މެޑިޓަރޭނިއަން ކަނޑުގެ ބަނދަރެއް ކަމަށްވާ ބަނިޔާސްއާ ގުޅާލައިދޭ އިރާގު-ސީރިއާ ކްރޫޑް އޮއިލް ޕައިޕްލައިން އަލުން އާރާސްތުކުރުމުގެ ރޭވުންތައް ހިމެނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ޗެވްރޮން ކުންފުނިން އިސްވެ ހިންގާ މި މަޝްރޫއުގެ ދަށުން ފުރަތަމަ މަރުހަލާގައި ދުވާލަކު ދެ މިލިއަން ފީފާގެ ތެޔޮ އުފުލޭނެ އެވެ. އެ އިދާރާއިން މި މަޝްރޫއު ސިފަކުރީ އިރާގުގެ ތެޔޮ އުފެއްދުން މެޑިޓަރޭނިއަންގެ އެކްސްޕޯޓް މާކެޓްތަކަށާއި އޭގެ ބޭރަށް ގުޅާލައިދޭ މުހިންމު ހަކަތައިގެ ކޮރިޑޯއެއްގެ ގޮތުގަ އެވެ.
ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު ޓޮމް ބަރަކް ވިދާޅުވީ، އީރާނާ ގުޅުންހުރި ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކާ ހުރެ އިރާގުން ތެޔޮ ބޭރުކުރާނެ އިތުރު މަގުތައް ހޯދަމުން އަންނައިރު، މި މަޝްރޫއުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅިއަކީ ދެން މާ މުހިންމު ތަނަކަށް ނުވާނެ ކަމަށެވެ.
މި ތެޔޮ ހޮޅީގެ މަޝްރޫއުގެ އިތުރުން، އިރާގުން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ޗެވްރޮން ކުންފުންޏާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށް އަދި ސްޕޭސްއެކްސްގެ ސްޓާލިންކް ހިދުމަތް އެ ގައުމުގައި ހިންގުމަށް ރަސްމީކޮށް ހުއްދަ ދީފަ އެވެ.
ބޮޑުވަޒީރު އަލީ އައްޒައިދީ ވިދާޅުވީ، އިރާގުން ގެންގުޅެނީ ހުޅުވާލެވިފައިވާ ސިޔާސަތު ކަމަށެވެ.
"މަޝްރޫއެއް އޮތް ކޮންމެ މީހަކަށް ވެސް އައިސް އަޅުގަނޑުމެންނާ ވާހަކަދެއްކިދާނެ. އަޅުގަނޑުމެން އެއްވެސް ފަރާތަކަށް ކަންކަން އުނދަގުލެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ހޮރްމޫޒް ނޫން މަގެއް ހޯދަން އިރާގުން 60 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ