މިއީ ހީބިހިނަގައިގެން ދާފަދަ ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
މި ލިޔުން ކިޔަމުންދާ ވަގުތު ވެސް ތިބާގެ މޫނުމަތީގައި ހުރި ލޯލިތަކުގެ ފޮލިކަލްތަކާއި ތެޔޮ އުފައްދާ ގްލޭންޑްތަކުގައި، މައިކްރޮސްކޯޕުން ބަލައިގެން މެނުވީ ނުފެންނަ ދިރޭ އެއްޗެހިތަކެއް އުޅެމުންދެ އެވެ. މިއަށް ކިޔަނީ ޑެމޮޑެކްސް މައިޓްސް އެވެ.
ބޮޑެތި މީހުންގެ މޫނުގައި މި ސޫފިތައް އާބާދުވެފައިވެ އެވެ. މި ކުޑަކުޑަ މަހުލޫގަކީ އޭގެ ހަށިގަނޑު އެތެރެ ފެންނަ ޓްރާންސްޕޭރެންޓު އެއްޗެކެވެ. މީގެ ބޮޑު އެއްޗެއްގެ ދިގުމިނުގައި ހުންނަނީ އެންމެ 0.3 މިލިމީޓަރެވެ. އާދައިގެ ކުޑަ ޕިނެއްގެ ކޮޅުގައި ހުރަހަށް މިފަދަ 5 އެތި، އެކެތި އަނެކެއްޗާ ޖެހިގެން އަތުރާލެވިދާނެ އެވެ. އެހާވެސް ކުޑައެވެ.
ސެން ފްރެންސިސްކޯގެ ކެލިފޯނިއާ އެކަޑެމީ އޮފް ސައިންސަސްގެ އެންޓޮމޮލޮޖިސްޓެއް ކަމަށްވާ މިޝޭލް ޓްރައުޓްވީން ސިފަކުރާ ގޮތުގައި، މީގެ ބައްޓަން ހުންނަނީ ފަންޏަކާ އެެއްގޮތަށެވެ.
ގްރީކް ބަހުން "ޑެމޮޑެކްސް" ގެ މާނައަކީވެސް "ފަލަ ފަންޏެވެ." ނަމަވެސް މިއީ ހަގީގަތުގައި ފަންޏެއް ނޫނެވެ. މިއީ މަކުނުގެ އާއިލާއަށް ނިސްބަތްވާ އެރެކްނިޑްސް އެވެ.
ސައިންސް ވެރިޔާ ޓްރައުޓްވީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 2,000 އަށްވުރެ ގިނަ މީހުންގެ މޫނުމަތިން ސާމްޕަލް ނަގައިގެން ތަހުލީލުކޮށްފަ އެވެ. އޭގެ ތެރެއިން ކޮންމެ މީހެއްގެ މޫނުންވެސް މި މައިޓްސްގެ ޑީއެންއޭ ފެނިފައިވެ އެވެ. އޭނާގެ ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެކި ސަރަހައްދުތަކުގެ މީހުންގެ މޫނުމަތީގައި އުޅެނީ ތަފާތު ވައްތަރުގެ މައިޓްސްއެވެ.
"މި ސޫފިތަކުން ކާބަފައިންގެ ވާހަކައާއި، އިންސާނުންގެ ހިޖުރަކުރުމުގެ ކުރީގެ ތާރީހު ކިޔައިދޭ،" ޓްރައުޓްވީން ވިދާޅުވިއެވެ.
ގާތްގަނޑަކަށް ދެ ހަފުތާގެ އުމުރެއް ލިބިފައިވާ މި ސޫފި ދުވާލުގެ ވަގުތުތަކުގައި ތިބެނީ ލޯލިތަކުގެ ބުޑުގެ އެތެރޭގަ އެވެ. ނަމަވެސް އިންސާނާ ނިދުމުން މިތަކެތި ހަންގަނޑުގެ މައްޗަށް އަރައި އާބާދީ އިތުރުކުރުމުގެ މަސައްކަތުގައި އުޅެ އެވެ.
މި ސޫފިތައް އާންމުގޮތެއްގައި ކާނާގެ ގޮތުގައި ބޭނުންކުރަނީ ހަންގަނޑުން ބޭރުވާ މަރުވެފައިވާ ސެލްތަކާއި ހަންގަނޑު ތެޔޮކޮށް ބެހެއްޓުމަށް އުފައްދާ "ސީބަމް" އެވެ.
އަހަރެމެންގެ ދިފާއީ ނިޒާމުން މީގެ އާބާދީ ވަކި ވަރެއްގައި ހިފަހައްޓަ އެވެ. މި ސޫފިތަކުގެ ސަބަބުން ހަންގަނޑަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް، ސޫފިތައް އާދަޔާ ހިލާފަށް ގިނަވެއްޖެ ނަމަ ހަންގަނޑު ރަތްވުމުގެ އިތުރުން ހަމުގެ ބަލިތައް ކުރިމަތިވުމަށް މެދުވެރިވެ އެވެ. މަދުން ނޫނީ ދިމާނުވާ ބައްޔެއް ކަމަށްވާ ޑެމޮޑިކޯސިސް ޖެހުމުން މީގެ އާބާދީ އިންތިހާއަށް އިތުރުވެ އެވެ.
މޫނުމަތީގައި ދިރިއުޅޭ ލޮލަށް ނުފެންނަ ސޫފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ