ޖީޕީއީ އިން ރާއްޖެއަށް ދެ ލައްކަ ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ފާސްކޮށްފި

ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ އިސް އެއް ޖަމްޢިއްޔާ ކަމަށްވާ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ) އިން, ރާއްޖެއަށް ދެ ލައްކަ އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ފާސްކޮށްފިއެވެ.
މިއީ ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، އަދި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ޤާބިލްކަން ލިބިފައިވާ ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކައި ޖީޕީއީ އިން ދޫކުރާ ގްރާންޓެކެވެ.
ޖީ.ޕީ.އީގެ ކްލައިމެޓް ސްމާޓް އެޑިއުކޭޝަން ސިސްޓަމްސް (ސެސީ) ޓެކްނިކަލް އިނިޝިއޭޓިވްގެ ދަށުން ދެއްވާ މި ގްރާންޓްގެ މަޝްރޫޢު ރާއްޖޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓަރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ބެލުމުގެ ދަށުން، ޔުނެސްކޯ އަދި ސޭވް ދަ ޗިލްޑްރަން އޮސްޓްރޭލިއާގެ އެއްބާރުލުމާއެކުގައެވެ. މި މަޝްރޫޢު ކުރިއަށްދާނީ 2027 މެއި މަހުގެ ނިޔަލަށެވެ.
ޖީޕީއީ އަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި މުހިންމު ބައިވެރިއެކެވެ. އެގޮތުން މިހާރުވެސް އެ ޖަމްޢިއްޔާގެ އެހީގައި "ތަޢުލީމަށް އިންގިލާބީ ބަދަލު" (ތައިބަ) ގެ ނަމުގައި މުހިންމު މަޝްރޫޢެއް ރާއްޖޭގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ