މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ގެޒެޓުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި ކުޑަކަމުދާ އެއްޗެހި ނެގުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލައިފި އެވެ.
މިއަދު ގެޒެޓުކުރި އެ ގަވާއިދަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލައި މިއަދު އަމަލުކުރަން ފެށި ގަވާއިދެކެވެ. އެ ގަވާއިދުގެ ދަށުން މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ހިންގުމަށް ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
އެ ގަވާއިދުގައި ވާގޮތުން އެފަދަ އޮޕަރޭޝަނެއް ހިންގުމުގެ ހުއްދަ ދެވޭނީ ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށެވެ. ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގުމުގެ ހުއްދައަށް އެދެންވާނީ ކޮމިޝަންޑް އޮފިސަރެއްގެ ރޭންކުގެ ބޭފުޅެއް ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
އެފަދަ އޮޕަރޭޝަން ހިންގުމުގެ ކުރިން މަސްތުވާތަކެތީގެ ކުށެއް ހިނގާކަމުގެ ނުވަތަ ހިނގަން އުޅޭކަމުގެ އެކަށީގެންވާ ހެކި ހުރިތޯ ކަށަވަރުކުރަން އެ ގަވާއިދު ލާޒިމު ކުރެ އެވެ.އަދި، އެ  އޮޕަރޭޝަންގެ ހުރިހާ ހަރަކާތްތަކެއް ލިޔުމުން ނުވަތަ އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ރެކޯޑުކުރަން ވެސް އެ ގަވާއިދު ލާޒިމުކުރެ އެވެ.
ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް ނުވަތަ ސަބްސްޓިޓިއުޓެއް ބޭނުންކުރުމުގެ ބާރުވެސް ފުލުހުންނަށް އެ ގަވާއިދުން ލިބިދެ އެވެ. ގާނޫނީ ގޮތުން މި ސަބްސްޓިޓިއުޓް ބެލެވޭނީ މަސްތުވާތަކެތީގެ ގޮތުގައި ކަމަށާއި އެ އެއްޗަކާ ހަވާލުވާ ފަރާތުން ހަވާލުވީ މަސްތުވާތަކެއްޗާ ކަމަށް ގާނޫނީ ގޮތުން ބެލެވޭނެ ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތަކުގައި ފުލުހުންގެ އިތުރުން ކަސްޓަމްސް އޮފިސަރުންނާއި ފުލުހުން ކަނޑައަޅާ އެހެން އިދާރާތަކުގެ ބައިވެރިވުން ހިމެނިދާނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން މަސްތުވާއެއްޗެއްގެ މައްސަލައިގައި ހިންގާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއްގައި، އެ އެއްޗަކާ ހަވާލުވާނެ ކަމަށް އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތާ ފުށުއަރާ ގޮތަށް އެހެން މީހަކު އެ ތަކެއްޗާ ހަވާލުވެއްޖެ ނަމަ، އެ އޮޕަރޭޝަނެއް ހުއްޓާނުލައި ކުރިއަށް ގެންދިޔުމުގެ ބާރު އެ އޮޕަރޭޝަން ހިންގާ އޮފިސަރަށް ދީފައިވެ އެވެ.
މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުންގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމާ ގުޅޭގޮތުންވެސް މުހިންމު އުސޫލުތަކެއް އެ ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެގޮތުން މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް ނުވަތަ އަތުގައި ބެހެއްޓިކަމަށް ތުހުމަތުކުރެވޭ މީހުންނާއި، އަމިއްލައަށް އިއުތިރާފުވާ މީހުންގެ އަތުން ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމުގެ ބާރު ފުލުހުންނަށް އެ ގަވާއިދުން ދީފައިވެ އެވެ. އެގޮތަށް ނަގާ ސާމްޕަލްގައި މަދުވެގެން 20 މިލިލީޓަރު ހުންނަންޖެހޭއިރު، ސާމްޕަލް ދޭން ފުލުހުން އަންގާ ވަގުތުން ފެށިގެން 12 ގަޑިއިރު ހަމަވުމުގެ ކުރިން ސާމްޕަލް ނުދިނުމަކީ ނުވަތަ ސާމްޕަލް ގަޑުބަޑުކުރަން މަސައްކަތްކުރުމަކީ ސާމްޕަލް ދޭން އިންކާރުކުރުން ކަމުގައި ބެލެވޭނެ އެވެ.
ސާމްޕަލްތައް ބެލެހެއްޓުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރިހަމަކުރުމާއި، ސާމްޕަލްތައް ފިނިކޮށް ބެހެއްޓުމަކީ އެ ގަވާއިދުން ލާޒިމު ކުރާ ކަމެކެވެ. ސާމްޕަލް ނެގުމަށްފަހު ލެބޯޓަރީއާ ހަވާލުކުރަން ތިން ދުވަހަށްވުރެ ގިނަ ދުވަސްވާ ނަމަ އެ ސާމްޕަލް ބަހައްޓަންވާނީ ގަނޑުކޮށްފައި ކަމަށާއި އަތޮޅުތެރެއިން މާލެއަށް ސާމްޕަލް ފޮނުވާ ނަމަ ފޮނުވަންވާނީ އައިސް އެޅި ކޫލް ބޮކްސްގައި ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ