މާޒިޔާ އިން އޭއެފްސީ ޗެލެންޖު ލީގު ކޮލިފައިންގައި ތަޖިކިސްތާންގެ އެފްސީ ރެގާރުއާ ދެކޮޅަށް

އޭޝިއާގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖު ލީގުގެ އަންނަ ސީޒަނުގެ ކޮލިފައިން ބުރުގައި، ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ތަޖިކިސްތާންގެ އެފްސީ ރެގާރު ޓަޑާޒް ބައްދަލުކުރަން ޖެހިއްޖެ އެވެ. 
މި ފަހަރުގެ ސީޒަނުގައި ވެސް މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެ އެވެ. މިއީ، މާޒިޔާ އިން ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. އޭއެފްސީން ޗެލެންޖު ލީގު ތައާރަފްކުރި ފަހުން މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. 
އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި މާޒިޔާ އިން ވާދަކުރަން ޖެހޭ އެފްސީ ރެގާރު އަކީ މިދިޔަ ސީޒަނުގައި ތަޖިކިސްތާންގެ ކަޕް ޗެމްޕިއަނުންނެވެ. މިދިޔަ އަހަރު ރެގާރު ވަނީ އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. މިދިޔަ ފަހަރުގެ ކޮލިފައިންގައި މާޒިޔާ ކަޓުވާލުމަށް ފަހު ގްރޫޕް ސްޓޭޖަށް ކޮލިފައިވި ކުވެއިތުގެ އަލް އަރާބީން ވަނީ ގްރޫޕް ސްޓޭޖުގައި ރެގާރު އަތުން 2-1 އިން މޮޅުވެފަ އެވެ. 
މީގެ ކުރިން އޭއެފްސީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ރެގާރުން މިދިޔަ އަހަރުގެ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެ ގޮތުން، އެ ޓީމުން ޕޮއިންޓެއް ހޯދީ ފުރަތަމަ މެޗުގައި ކިރްގިސްތާންގެ މުރާސް ޔުނައިޓެޑާ އެއްވަރުކޮށްފަ އެވެ. 
އޭއެފްސީން އާންމުކުރި ގައުމުތަކަށް އޭއެފްސީގެ ކްލަބް މުބާރާތްތަކުން ޖާގަ ލިބޭ މިންވަރަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަަހައްދުން އިންޑިއާ އަށް އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ އިން ދެ ޖާގަ ލިބޭއިރު، އެއް ޖާގަ އަކީ ގްރޫޕް ސްޓޭޖުގެ ޖާގަ އެކެވެ. ދެން، އޮތް ޖާގަ އަކީ ކޮލިފައިން ބުރުގެ ޖާގަ އެކެވެ. ރާއްޖެ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނަށް ފުރުސަތު ލިބެނީ ކޮންމެ ގައުމަކަށް އެއް ޖާގަ އެވެ. މި ހުރިހާ ޖާގަ އަކީ ވެސް އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުންނެވެ. 
އޭއެފްސީ ޗެެލެންޖު ލީގު ފުރަތަމަ ބޭއްވި އަހަރު މާޒިޔާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެއީ، 2024 ވަނަ އަހަރު، ކުވެއިތުގައި ސެންޓްރަލައިޒްކޮށް ބޭއްވި ގްރޫޕް ބީގެ މެޗުތަކުގަ އެވެ. އެ ފަހަރު މާޒިޔާ ވަނީ ފުރަތަމަ މެޗުގައި، ތުރުކުމެނިސްތާން ޗެމްޕިއަން، އަދި އެ މުބާރާތުގެ ވެސް ފުރަތަމަ ތަށި އުފުލާލި ޓީމު، އަކްރަޑަގް އަތުން 2-1 އިން ބަލިވެފަ އެވެ. ދެ ވަަނަ މެޗުގައި، ކުވެއިތުގެ އަލް އަރަބިއާ ބައްދަލުކޮށް މާޒިޔާ ބަލިވީ 2-0 އިންނެވެ. ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި، ކިރްގިސްތާންގެ އަބްދީޝް އަތުން މާޒިޔާ ބަލިވީ 3-0 އިންނެވެ. 
މީގެ ކުރިންް، އޭއެފްސީ ކަޕްގައި ރާއްޖޭން ކުޅުނުއިރު، ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް، އަދި އެފްއޭ ކަޕް ޗެމްޕިއަން އަށް ކޮލިފައިން ޖާގައެއް ދިނެވެ. އެކަމަކު، އޭއެފްސީން ކްލަބް ފުޓްބޯޅަ މުބާރާތްތަކުގެ ފޯމެޓް ބަދަލުކުރި ފަހުން، ގައުމުތަކުގެ ލީގުތަކުގެ ފެންވަރާއި ކޯއެފިޝަންޓް ޕޮއިންޓް ސިސްޓަމަށް ބަލައި، ފުރުސަތު ދޭން ފެށި ފަހުން ރާއްޖެ އަށް ލިބެނީ އެންމެ ޖާގައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ