ސޯދިގު ހުވާކުރުން އަންނަ ހޯމަ ދުވަހު

ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ކުރެއްވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެެގެން ގެއްލުނު އެ ގޮނޑިއަށް ބޭފުޅަކު ހޮވުމަށް ބައި-އިލެކްޝަން ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ތަފްސީލު - މަޖިލީހުން މިރޭ ބުނި ގޮތުގައި:
މި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ސޯދިގުު މަގާމުގެ ހުވާކުރެއްވުން ހޯމަ ދުވަހު އޮންނާނެ
މި ރަސްމިއްޔާތު އޮންނާނީ އެ ދުވަހު ހެނދުނު 8:30ގައި މަޖިލިސް ކުރާ ގޭގައި
މިއީ މި ހިނގާ 20 ވަނަ މަޖިލީހުގައި މެންބަރެއްގެ ގޮނޑި ހުސްވެގެން ބޭއްވި ފުރަތަމަ ބައި-އިލެކްޝަނެވެ.
ފާހަގަކޮށްލެވޭ - އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ވަނީ މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފަ އެވެ.
އެ ނަތީޖާއިން ދައްކާ ގޮތުން:
ސޯދިގު ގޮނޑި ކާމިޔާބު ކުރެއްވީ 1،375 (%51.15) ވޯޓުން
ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އަހްމަދު ސައީދަށް ލިބިވަޑައިގެންނެވީ 1،313 (%48.85) ވޯޓު 
ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގީ 62 އެވެ. މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 4،100އެއްހާ މީހުންނަން ލިބުނުއިރު، ވޯޓުލާން ނުކުމެފައި ވަނީ 2،739 (%66) މީހުންނެވެ.
ސޯދިގު އިންތިހާބުވެވަޑައިގަތުމާ އެކު، މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު 13އަށް އެރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ