ކުޅުދުއްފުށީގަ ކޮނެފަ ހުރި މަގުތަކުގެ ތާރު ނޭޅެންޏާ އިހަށް ގާ އަޅަައިދޭން ކައުންސިލުން އަންގައިފި

ކުޅުދުއްފުށި ސިޓީގައި ކަރަންޓު ކޭބަލް ވަޅުލުމުގެ މަސައްކަތަށް އެ ރަށުގައި ތާރު ކެނޑި މަގުތަކުގައި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ތާރު ނޭޅޭ ނަމަ އެ ތަންތަނުގައި ގާ އަތުރައިދޭން ކޮންޓްރެކްޓަރާ އެއްބަސްވެފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ. 
ކުޅުދުއްފުށީގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތަކީ ވާލްޑް ބޭންކުން ފަންޑުކޮށްގެން، ދިވެހި ސަރުކާރުން ކުރިއަށް ގެންދާ "އެރައިސް" މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ގްރިޑު އަޕްގްރޭޑުކޮށް، ހައި ވޯލްޓޭޖު ކޭބަލް ވަޅުލުމާއި ނުވަ ސަބްސްޓޭޝަން ބެހެއްޓުމެވެ.
ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކޮންޓްރެކްޓު ކޮށްފައި ވަނީ ޗައިނާގެ ސިނޯ ސޮއާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުނިން މި މަސައްކަތް ސަބް ކޮންޓްރެކްޓް ކޮށްފައި ވަނީ ބަނގުޑާ އިންވެސްޓްމަންޓް ކިޔާ ދިވެހި ކުންފުންޏަކަށެވެ. 
ކުޅުދުއްފުށީ ކައުންސިލުން ބުނި ގޮތުގައި މި މަޝްރޫއު ރާވާފައި އޮތީ، ވަޅުލާ ކޭބަލްތައް ވަޅުލާ ނިމުމުން، ތާރުގަނޑު ކެނޑި ތަންތަނުގައި އަލުން ތާރުއަޅާ ގޮތަށެވެ. ނަމަވެސް އެކަން ނުކުރާތީ، ތާރު ކަނޑާފަ ހުރި މަގުތައް ބޭނުންކުރުމުގައި ކުޅުދުއްފުށީގެ ރައްޔިތުންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ. 
މިކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނެއްގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި ކޭބަލްތައް ވަޅުލާން ކޮނުނު ސަރަހައްދުތަކަށް ފަސްއެޅިއިރު ރަނގަޅަށް ކޮމްޕެކްޓްކޮށްފަ ނެތުމާއި ތާރުގަނޑު ކަނޑާފައި ހުރި ސަރަހައްދުތަކުގައި ވަޅުގަނޑުތައް ހެދި ގަލާއި ވެލި މަގަށް އެޅުން ހިމެނެ އެވެ. 
ކުޅުދުއްފުށީ ކައުންސިލުން ބުނީ މި މައްސަލަތައް ހައްލުކުރަން ކޮންޓްރެކްޓާއި މި ޕްރޮޖެކްޓުގެ މަސްއޫލުވެރި މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީއާ،  ތަކުރާރުކޮށް ބައްދަލުކުރި ކަމަށެވެ. 
"އެގޮތުން 07 މެއި 2026 ގައި މިނިސްޓްރީއާއިއެކު ކުރެވުނު ބައްދަލުވުމުގައި ކޮނެފައިވާ ސަރަހައްދުތައް ދިގުމުއްދަތަކަށް ފަސްނާޅާ ހުރުމާއި އެތަންތަން ފާހަގަވާނޭހެން ޓޭޕް އަދި ފްލޭޝިން ލައިޓް ހަރުކޮށްފައި ނެތުމުން އެކަންކަން ހައްލުކުރުމަށާއި ކޮނެފައިވާ ސަރަހައްދުތަކުގައި ފެންގަނޑު ހެދި މަދިރި އާލާވަމުންދާތީ އެތަންތަން އަވަހަށް ފޮރުވުމަށް އަންގާފައި ވާނެ،" ކުޅުދުއްފުށީ  ކައުންސިލުގެ ބަޔާނުގައި ބުންޏެވެ. 
ކައުންސިލުގެ ޝަކުވާތަކާ ގުޅިގެން ކޭބަލްގެ ޖޮއިންޓް ހަދަން ކޮނެފަ ހުރި ވަޅުގަނޑުތައް ވަނީ ވަގުތީ ގޮތުން ފޮރުވާފަ އެވެ. އެ ފަހުން ވެސް އެހެން މައްސަލަތައް މިނިސްޓްރީއަށް ހިއްސާކޮށް، ހައްލުކުރަން އެދުނު ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުންޏެވެ. 
އެންމެ ފަހުން ކައުންސިލާއި މިނިސްޓްރީ އާއި ކޮންޓްރެކްޓަރު ވަނީ އެއްބަސްވީ ގޮތަށް ތާރުނޭޅުނަސް މި ވަގުތަށް ވަރިހަމަ ކަމަށް ނިންމާ، އެހެން ނަމަވެސް ގާ އަޅައި ދީގެން ވިޔަސް އެ މަގުތައް ބޭނުންކުރެވޭ ވަރު ކުރަން އެއްބަސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ