މާލޭގައި އަލަށް ހުޅުވި ޖީޕީ ކްލިނިކުގައި ކުޑަކުދިންގެ ޚިދުމަތްތައް މާދަމާ ފަށަނީ
މިދިޔަ މަހު ރަސްފަންނު ސަރަހައްދުގައި ހުޅުވި މާލޭގެ ފުރަތަމަ އާބަން ހެލްތު ކެއާ ސެންޓަރުން ކުޑަކުދިންނަށް ޚާއްސަ "ޗައިލްޑް ހެލްތު ކްލިނިކް"ގެ ޚިދުމަތްތައް މާދަން ފަށާނެ ކަމަށް، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން މިރޭ ބުނެފިއެވެ. އައިޖީއެމްއެޗުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ކުޑަކުދިންނަށް ވިޓަމިން އޭ ދިނުމާއި، އެ ކުދިންގެ ހެދިބޮޑުވުން މޮނިޓާކުރުމާއި، ތުއްތު ކުދިންނަށް ގާތުން ކިރު ދިނުން ފަދަ ޚިދުމަތްތައް މާދަމާއިން ފެށިގެން ހުކުރު ދުވަސް ފިޔަވައި، ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން 12އަށް، އަދި މެންދުރު 13:00އިން 15:30 އަށް ލިބޭނެއެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10އިން މެންދުރު 14:00 އާ ހަމައަށް އެ ކުލިނިކުން މި ޚިދުމަތްތައް ދޭނެއެވެ. https://x.com/igmhmv/status/2004925060801609844 މި ގަޑިތަކުގައި ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޚިދުމަތް ވެސް، އާބަން ކްލިނިކުން ދޭނެއެވެ. އެކަމަކު އައިޖީއެމްއެޗުން މައުލޫމާތުދޭ ގޮތުގައި ވެކްސިން ޖެހުމުގެ ޚިދުމަތް ދޭނީ އެޕޮއިންޓްމަންޓުގެ އުސޫލުންނެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރަސްފަންނު ބީޗު ސަރަހައްދުގައިި އިމާރާތްކުރަން ފެށި ކޮރަލް ބޮލެވާޑުގެ އިމާރާތް, ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށް ހުޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހެވެ. ފުރަތަމަ އާބަން ހެލްތު ކެއާ ސެންޓަރު --- ފޮޓޯ/ ރައީސް އޮފީސް އެ ސެންޓަރު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ ފަސޭހަކަމާއެކު ރައްޔިތުންނަށް ސިއްހީ ޚިދުމަތް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. https://sun.mv/214145 "މި ސެންޓަރުގައި ޖެނެރަލް ޕްރެކްޓިޝަނާ، ނުވަތަ ޖީޕީ ކްލިނިކްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ، މި ކްލިނިކްގައި އެކަމަށް ތަމްރީނުވެފައިވާ ޖެނެރަލް ޕްރެކްޓިޝަނަރުންގެ އެހީގައި ޚިދުމަތް ހޯދާ ފަރާތްތަކުގެ ސިއްހީ ހާލަތު ދެނެގަނެވިގެން ދާނެ،" ޙަލީމް ވިދާޅުވިއެވެ. "އަދި އިތުރު ފަރުވާއަށް އެ ދާއިރާއަކާ ގުޅޭ ޚާއްސަ ޑޮކްޓަރުންގެ ލަފަޔާއި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ފަސޭހައިން ގުޅުންހުރި ދާއިރާތަކުގެ ކޮންސަލްޓަންޓުންނަށް ދެއްކޭނެ އިންތިޒާމުތައް މި ކްލިނިކްގެ ފަރުވާގެ ނިޒާމުގެ ތެރެއިން ހަމަޖެހިފައިވާނެކަން ވެސް އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،" ހަލީމް އިތުރަށް ވިދާޅުވިއެވެ. ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ހަ ޖެނެރަލް ޕްރެކްޓިސް ކްލިނިކެއް ހުޅުވަން ނިންމައި، މާލޭގައި ކްލިނިކެއް މިއަދު ހުޅުވައިފައެވެ. އެއަށްފަހު މާލޭގައި އިތުރު ތިން ކްލިނިކަކާއި ހުޅުމާލޭގައި އިތުރު ކްލިނިކެއް ހުޅުވުމަށް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ