ޅެމުން ފަރުވާ ދިނުމުގެ ދިރާސާ، ޑެޕިއުޓީ މިނިސްޓަރަކު ނިންމައިފި: ނަސީރު
ދިވެހިބަހާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރަކު، ޅެމުން ފަރުވާ ހޯދުމުގެ ދިރާސާކުރައްވައި ނިންމަވާލައްވައިފި ކަމަށް ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި ވަޒީރު ވަނީ، ދިވެހި ޅެމުން ނަފުސާނީ ފަރުވާދެވޭތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރުމަށް ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށްޓަކައި މިދިޔަ އަހަރުގެ މެއި މަހު "ޕޮއެޓްރީ ތެރަޕީ"އަށް ދިވެހި ނަމެއްގެ ގޮތުގައި "ޅެން ފަރުވާ" ފާސްކޮށް، ދިރާސާ ހެދުމުގެ މަސައްކަތްވަނީ ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައެވެ. ނަމަވެސް މި މަސައްކަތުގެ އަދާހަމައެއް ނުލިބޭތީ މިއީ ކުރެވޭ ވަރުގެ ކަމެއް ކަމާ ދޭތެރޭ ވަރަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރެއް ވެސް ޅެމުން ފަރުވާ ހޯދުމާ ގުޅޭ ގޮތުން ދިރާސާ ހެއްދެވި ކަމަށެވެ. އަދި މިހާރުވެސް ގައުމީ ޔުނިވާސިޓީން މިކަމާ ގުޅޭ ދިރާސާތައް ކުރިއަށްގެންދާ ވާހަކަ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. "އަޅުގަނޑާ ހަމައަށް އައިސްފަ އެބަހުރި ދިރާސާގެ [ބައެއް] މަސައްކަތް. ދެން އާންމު ބައެއް ފަރާތްތަކުން ވެސް އެ މަސައްކަތް ކުރައްވާކަން އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތީ. އެެއް ބޭފުޅެއްގެ މަސައްކަތް މިހާރު އަޅުގަނޑާ ހަމައަށް އައިސްފަ ވަނީ" ވަޒީރު ވިދާޅުވެފައިވެއެވެ. https://sun.mv/192150 ޅެން ފަރުވާ ދިރާސާ ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން ގައުމީ ޔުނިވާސިޓީއާއެކު ހެދި އެއްބަސްވުމުގެ ދަށުން ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސާނީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތައް ހިމެނެއެވެ. ޅެން ފަރުވާ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެ ވުޒާރާއިން ވަނީ ދާއިރާގެ ފަންނީ ބޭފުޅުންނާ އެކުގައި ވެސް މަޝްވަރާކޮށްފައެވެ. އެގޮތުން، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓާ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓާ އަދި ދަމަަނަވެށީގެ ފަންނީ ބައެއް ބޭފުޅުންނާއެކު މީގެ ކުރިން މަޝްވަރާކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ