ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި ހިޒްބުއްލޯ ހަތިޔާރު އެޅުވުމަށް އަމާޒުކޮށްގެން ކުރިއަށް އޮތް ދުވަސްތަކުގައި އިޒްރޭލާއި ލުބުނާނުން މަޝްވަރާތައް ފަށާނެ ކަމަށް ބެލެވޭ ކަމަށް އިޒްރޭލުގެ އޮފިޝަލުން އިއްޔެ ވިދާޅުވެއްޖެ އެވެ.
ނަމަވެސް މި މަޝްވަރާތައް ބާއްވާނެ ވަގުތަކާއި އޭގެ ޝަރުތުތައް އަދި ސާފެއް ނުވެ އެވެ.
ލުބުނާނުން މި މަޝްވަރާތަކަށް ވަފުދެއް ތައްޔާރުކުރަމުންދާ ކަމަށާއި ނަމަވެސް އިޒްރޭލުގެ ފަރާތުން އަދި ރަސްމީ އެންގުމެއް ލިބިފައިނުވާ ކަމަށް ލުބުނާނުގެ އޮފިޝަލުން ވިދާޅުވި އެވެ. އަދި މަޝްވަރާތައް ފެށުމުގެ ކުރިން އިޒްރޭލުން ފުރިހަމައަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާނެ ކަމުގެ ޔަގީންކަމަށް ބެއިރޫތުން ވަނީ އެދިފަ އެވެ.
އިޒްރޭލުގެ އޮފިޝަލުން ބުނާ ގޮތުގައި، މި މަޝްވަރާތަކުގައި އިޒްރޭލުގެ ފަރާތުން އިސްކޮށް ހުންނަވާނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަރިސް މުޝީރު ރޮން ޑާމާ އެވެ. އަދި މި ޑިޕްލޮމެޓިކް މަސައްކަތުގައި ފްރާންސުން ވެސް ބައިވެރިވާނެ އެވެ.
މި ހަމަނުޖެހުން އިތުރަށް ގޯސްވީ މި މަހުގެ 2 ވަނަ ދުވަހު، އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން އީރާނުގެ ތާއީދު އޮންނަ ހިޒްބުއްލޯ ޖަމާއަތުން އިޒްރޭލަށް ހަމަލާދޭން ފެށުމުންނެވެ. މީގެ ރައްދުގައި އިޒްރޭލުން ވަނީ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަނގުރާމައިގައި ލުބުނާނުން 800އަށް ވުރެ ގިނަ މީހުން މަރުވެ، 800،000އަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ ހަނގުރާމަ ހުއްޓާލުމަށްޓަކައި އިޒްރޭލާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފަ އެވެ. ހަމަ އެއާ އެކު، ހިޒްބުއްލޯގެ ހަތިޔާރު އެޅި ދައުރާ މެދު ލުބުނާނުގެ އެތެރޭގައި ވަނީ ނުތަނަވަސްކަން ބޮޑުވެފަ އެވެ. ލުބުނާނުގެ ސަރުކާރުން ދާދި ފަހުން ހިޒްބުއްލޯގެ އަސްކަރީ ހަރަކާތްތައް މަނާކުރި ނަމަވެސް، އެ ޖަމާއަތުން އެ ނިންމުމަށް އިންކާރުކޮށް އިޒްރޭލަށް ރޮކެޓް ހަމަލާދިނުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އިޒްރޭލުގެ އޮފިޝަލުން ވިދާޅުވީ ހިޒްބުއްލޯއާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ކެމްޕޭން އިތުރަށް ވަރުގަދަވެދާނެ ކަމަށާއި އީރާނަށް ދޭ ހަމަލާތައް މަޑުޖެހުމަށް ފަހު ވެސް މި ހަރަކާތްތައް ކުރިއަށް ގޮސްފާނެ ކަމަށެވެ.
އިޒްރޭލާއި ލުބުނާނުން ވަރަށް އަވަހަށް މަޝްވަރާތައް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ