ބާދްޝާ ނެރެނު އާ ލަވައާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރުތަކެއް

އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދްޝާ "ޓަޓީރީ"ގެ ނަމުގައި ރިލީޒްކުރި އާ މިއުޒިކް ވީޑިއޯއާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރުތަކެއް ދީފިއެވެ. ބާދްޝާ ނެރުނު މި ލަވައިގައި އިންޑިއާގެ ހަރިޔާނާގެ އަންހެނުންނަށް ނިސްބަތްކޮށް އިހުތިރާމް ކުޑަވާފަދަ ވާހަކަތެއް ހިމަނާފައިވާ ކަމަށް ބުނެ އޭނާއަށް މަރުގެ އިންޒާރުދީފައި ވަނީ އިންޑިއާގެ ނުރައްކާތެރި ގޭންގެއް ކަމަށްވާ ބިޝްނޯއީ ގޭންގުންނެވެ. ބިޝްނޯއީ ގޭންގުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މި އިންޒާރުގައި ބުނެފައި ވަނީ، މީގެ ކުރިން ފޯނުން ގުޅައިގެން ވެސް އެފަދަ ކަންކަން ނުކުރުމަށް އޭނާއަށް އިންޒާރު ދީފައިވާނެ ކަމަށެވެ. ބިޝްނޯއީ ގޭންގުގެ މެންބަރަކު ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ބާދްޝާ މަސައްކަތް ކުރީ ހަރިޔާނާގެ ސަގާފަތް ކިލަނބުކޮށްލުމަށް ކަމަށެވެ. އަދި 2024 ވަނަ އަހަރު އޭނާގެ ކްލަބުގައި ދިން ހަމަލާއަކީ ހަމައެކަނި "ޓްރެއިލާ" އެއް ކަމަށާއި، މިފަހަރު ސީދާ ނިތްކުރިއަށް ބަޑިޖަހައި އޭނާ މަރާލާނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. މި ނުރައްކާތެރި އިންޒާރާ ގުޅިގެން ބާދްޝާގެ ޓީމުގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. އިންޑިއާގެ ރެޕް ލަވަކިޔުންތެރިޔާ ބާދްޝާ އަދި ބިޝްނޯއީ ގޭންގްގެ އިސް ލީޑަރެއް ކަމަށްވާ ލޯރެންސް ބިޝްނޯއި--ފޮޓޯ/އެންޑީޓީވީ މިކަމާ ގުޅިގެން ބާދްޝާ ފަހުން ސޯޝަލް މީޑިއާގައި މައާފަށް އެދިފައިވާއިރު ނަން ހާމަކުރަން ބޭނުންނުވާ އިންޑިއާގެ ލަވަކިޔުންތެރިއަކު ބުނި ގޮތުގައި، ބައެއް ފަހަރު ހަމައެކަނި މާފަށް އެދުމަކުން ނުފުދެއެވެ. އެ ލަވަކިޔުންތެރިޔާ ސުވާލު އުފެއްދީ، ލަވަ ހަދާނެ ކިތަންމެހާ ވެސް ރީތި މައުޟޫޢުތަކެއް ހުއްޓައި، އަންހެނުންނާ ބެހޭގޮތުން ނޭދެވޭ މާނަ ދޭހަވާ ފަދަ ވާހަކަތައް ލަވަތަކުގައި ހިމަނަނީ ކީއްވެގެންތޯއެވެ. ވަކިން ހާއްސަކޮށް ސްކޫލް ކުދިންގެ ޔުނީފޯމުގައި ތިބޭ ކުދިން ލަވަތަކުގައި ހިމެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން ގުރޫ ރަންދާވާ ވެސް އޭނާގެ 'އަޒޫލް' ލަވައިގައި މިފަދަ ކަމެއް ކުރުމުން ބޮޑެތި ކުރިމަތިލުންތަކަކާ ކުރިމަތިލާން ޖެހުނުކަން އޭނާ ފާހަގަކުރިއެވެ. މި މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރި މި ލަވަ ތައްޔާރުކޮށްފައިވާ މައުޟޫގެ ޅެމާއި ލަވައިގެ މަންޒަރުތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ހަރިޔާނާ ސްޓޭޓް ކޮމިޝަން ފޯ ވުމަންއިން މިދިޔަ ހުކުރު ދުވަހު ލަވަކިޔުންތެރިޔާ އެ ކޮމިޝަނަށް ހާޒިރުވުމަށް އަމުރު ނެރުނެވެ. ނަމަވެސް، އެ އެންގުމާ އެއްގޮތަށް އޭނާ ހާޒިރުވެފައި ނުވާތީ، އޭނާ ހައްޔަރުކުރުމަށް ކޮމިޝަނުން މިހާރު ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، އަންހެނުންގެ އިއްފަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ސިފަކުރުން މަނާކުރާ ގާނޫނާއި، އިންޑިއާގެ ގާނޫނުލްއުގޫބާތު (ބާރަތިޔާ ނިޔާޔާ ސަންހިތާ)ގެ ދަށުން، ޕަންޗްކުލާގެ ސައިބަ ކްރައިމް ޕޮލިސް ސްޓޭޝަނުގައި އޭނާއާ ދެކޮޅަށް މައްސަލައެއް (FIR) ވަނީ ރަޖިސްޓްރީކޮށްފައެވެ. މި މައްސަލައިގައި އާންމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، ބާދުޝާ ވަނީ ޔޫޓިއުބުން އެ ވީޑިއޯ ނަގައި، އިންސްޓަގްރާމް މެދުވެރިކޮށް މައާފަށް އެދިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި، އޭނާއަކީ ހަރިޔާނާގެ ދަރިއަކަށް ވާތީ، އެއްވެސް މީހެއްގެ އިހުސާސްތަކަށް އަސަރުކުރާނެ ފަދަ ކަމެއް ކުރުމުގެ އެއްވެސް ގަސްތެއް އޭނާގެ ނެތެވެ. އަދި އެ ލަވައިގެ ޅެމަކީ "ކޮމްޕެޓިޓިވް ރެޕް" (ވާދަވެރި ރެޕް މިއުޒިކް)ގެ ތެރެއިން ބޭނުން ކުރެވުނު ބަސްތަކެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އިންޑިއާގެ އެންމެ ނުރައްކާތެރި ގޭންގުތަކުގެތެރޭ ހިމެނޭ ބިޝްނޯއީ ގޭންގަކީ ތަކުރާރުކޮށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަށް މަރުގެ އިންޒާރުތައް ދެމުން އަންނަ ގޭންގެއްކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި ފިލްމީ ތަރިން ކަމަށްވާ ސަލްމާން ޚާން، ދިޝާ ޕަޓާނީ، ރަންވީރު ސިންގް، ޝާހްރުކް ޚާން، ރޯހިތު ޝެޓީ އަދި ކަންގަނާ ރަނައުތުގެ އިތުރުން ކަޕިލް ޝަރުމާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ