މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ވެސް ބޮޑުކޮށްފައިވާއިރު، އައްޑޫން ތެޔޮ ވިއްކާ އަގު ގަބޫލު ކުރެވޭ ވަރަށް ވުރެ ބޮޑުކަމަށް ވިދާޅުވެ މޭޔަރު އަލީ ނިޒާރު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އެ ކުންފުނިން ބޮޑުކުރީ މި މަހުގެ 5 ވަނަ ދުވަހު އެވެ. އެގޮތުން:
ޕެޓްރޯލް - ލީޓަރަކުން 2.51ރ. އަގުބޮޑުކޮށް، 16.01ރ.އަށް؛ މިއީ %18.6ގެ ބޮޑުވުމެއް
ޑީސަލް - ލީޓަރަކުން 3.62ރ. ބޮޑުކޮށް، 17.54ރ.އަށް؛ މިއީ %26ގެ ބޮޑުވުމެއް
ތަފްސީލް - އައްޑޫ މޭޔަރު މިއަދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރެއްވީ ހަނގުރާމައާ ގުޅިގެން އެސްޓީއޯ އިން ޑީސަލް އަދި ޕެޓްރޯލްގެ އަގަށް ގެނައި ބަދަލާ އެކު އައްޑޫން މިވަގުތު ތެޔޮ ގަންނަން ލިބޭ އަގު މާ ބޮޑުކަމަށް ވިދާޅުވެ އެވެ.
ނިޒާރު ވިދާޅުވީ އައްޑޫގައި:
ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.26ރ.އަށް
ޑީސަލް ލީޓަރެއް ވިއްކަނީ 30.13ރ.އަށް
"މި އަގުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ނިސްބަތުން މާ ބޮޑު އަގުތަކެއް. ގަލްފް ހަގުރާމައިގެ ދުވަސްވަރު ވެސް މި މިންވަރަށް ތެލުގެ އަގު ބޮޑުކޮށްފައި ނުވާއިރު މިކަމުގައި ސަރުކާރުން އިތުރަށް ވިސްނުން މުހިންމު ކަމަށް ދެކެން،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫ މޭޔަރު ވަނީ ހުރިހާ ރައްޔިތުން ވެސް އިސްރާފު ކުޑަކޮށް، ހަރަދުތައް ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އައްޑޫގައި ތެލުގެ އަގު މާ ބޮޑުކަމުން މޭޔަރުގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ