އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނަ ދަނޑިވަޅެއްގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ޕެޓްރޯލާއި ޑީސެލް ލީޓަރެއް ވިއްކާ އަގު 28ރ. އިން މައްޗަށް ގޮސްފި އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެޑުތައް ފިޔަވައި ހުންނަ ޕަމްޕުހައުސްތަކާއި ބައުޒަރުތަކުން ތެޔޮ ވިއްކާ ރޭޓު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ހުޅުމާލެ ޖެޓީގެ ޕަމްޕުހައުސްތަކުންނާއި ބައުޒަރުތަކުން ޕެޓްރޯލް ލީޓަރެއް މިއަދު ވިއްކަނީ 26.81ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 28.94ރ. އަށެވެ.
މި އަގުތަކަށް ބަލާއިރު ޝެޑުތަކުން ވިއްކާ ތެލަށް ވުރެ ބައުޒަރުތަކުން ވިއްކާ ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 68 ޕަސެންޓުން އުފުލިފަ އެވެ. ކުރިން ތެޔޮ ވިއްކި އަގުތައް މިވަނީ ގާތްގަނޑަކަށް ދެ ގުނަވެފަ އެވެ.
އެފްއެސްއެމްގެ ކަސްޓަމަރުންނަށް އެ ކުންފުނިން ފޮނުވާފައިވާ އީމެއިލެއް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ހާމަކުރައްވާފަ އެވެ. އެ އީމެއިލްގައި ވަނީ ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ބޮޑުކޮށްފައިވާކަން އަންގާފަ އެވެ.
މި ބަދަލަކީ މިއަދުން ފެށީގެން އެ ކުންފުނީގެ ހުރިހާ ޑެލިވަރީއެއްގައި ކަސްޓަމަރުންގެ އަތުން ނަގަން ހަމަޖެހިފައިވާ އަގެވެ. ނަމަވެސް ރަސްމީކޮށް މި ބަދަލު ގެނައިކަން އެފްއެސްއެމްއިން ހާމައެއް ނުކުރެ އެވެ.
"ތަކެތީގެ އަގު އަތްނުފޯރާ ފަށައްގޮސް ރައްޔިތުން ވަރަށް ބިކަހާލުގައި ޖެހިގެންދާނެ..ސަރުކާރުން ވިއްކާ އެކި ބާވަތްތަކުގެ އަގު ބޮޑު ކުރަމުން ދާއިރު ހަރަދު ކުޑަ ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާތަނެއް ނުފެނެ..އޭގެ ބަދަލުގައި ފެނިގެން މިދަނީ ސަރުކާރުގެ ކުންފުނިތަކުން އެތައްސަތޭކަ ވަޒީފާ އިއުލާންކޮށް ބޭކަރު އެތަށް ހަރަދެއް ކުރާ މަންޒަރު،" މެންބަރު އައްބާސް ލިޔުއްވި އެވެ.
ޕެޓްރޯލް އާއި ޑީސަލްގެ އަގު ބޮޑުކުރުމުން މުދަލާއި ހިދުމަތުގެ އަގުތަކަށް ބަދަލު އަންނާނެ އެވެ. ވަކިން ހާއްސަކޮށް ބައުޒަރުތަކުން ތެޔޮ އަޅައިގެން ހިދުމަތް ދޭ ފެރީގެ ހިދުމަތްތަކާއި ޓޫރިސްޓު ބައެއް ވިޔަފާރިތަކުގެ ހަރަދު ބޮޑަށް އިތުރުވާނެ އެވެ. މިކަމުގެ ސަބަބުން ފެރީތަކުގެ އަގުތައް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
މިވަގުތު އައްޑޫ ސިޓީން ޕެޓްރޯލް ލީޓަރެއް 29.26ރ. އަށް އަދި ޑީސަލް ލިޓަރެއް 30.13ރ. އަށް ހުރުމުން މޭޔަރު އަލީ ނިޒާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"މި އަގުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުއަގު ހުރި ނިސްބަތުން މާ ބޮޑު އަގުތަކެއް. ގަލްފު ހަނގުރާމައިގެ ދުވަސްވަރު ވެސް މި މިންވަރަށް ތެލުގެ އަގު ބޮޑުކޮށްފައި ނުވާއިރު މި ކަމުގައި ސަރުކާރުން އިތުރަށް ވިސްނުން މުހިންމު ކަމަށް ދެކެން،" ނިޒާރު ފޭސްބުކްގައި ލިޔުއްވި އެވެ.
މީގެ ކުރިން ތެލުގެ އަގު އެންމެ މައްޗަށް އުފުލުނީ ރަޝިއާ-ޔޫކްރޭން އަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުންނެވެ. ނަމަވެސް 2023 ގެ ކުރީގެ ކޮޅުން ފެށިގެން މިހާތަނަށް ތެލުގެ އަގުތައް އައީ މައިގަނޑު ގޮތެއްގައި ހެޔޮ ވަމުންނެވެ.
އިރާން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުކުރުމުގެ ކުރިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނައީ މާޗް 23، 2025، ގަ އެވެ. އެ ދުވަހު ޕެޓްރޯލް ލީޓަރަކުން 48 ލާރި ހެޔޮކުރި ނަމަވެސް، ޑީސަލްގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
މުއިއްޒުގެ ސަރުކާރު ފެށުނުއިރު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 14.73ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ހުރީ 15.07ރ. އަށެވެ.
ތެލުގެ އަގު ބޮޑުވަމުން މި އަންނަނީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށް ދުނިޔޭގެ ސަޕްލައިގެ ބޮޑު ބައެއް ހުއްޓިފައި އޮތުމުންނެވެ. އެމެރިކާއިން އަރަބި ގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން އިރާނަށް ހަމަލާ ދޭތީ އިރާނުން އެ ގައުމުތަކަށް ދޭ ރައްދު ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތެޔޮ އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އެސްޓީއޯއިން ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އޮމާނުންނެވެ. އެ ބަދަލު ގެނައީ 2019 ވަނަ އަހަރު އެވެ. އޮމާނުން ތެޔޮ އެކްސްޕޯޓު ކުރުމަށް ހޮރުމޫޒު ކަނޑުއޮޅި ބޭނުންކުރަން ނުޖެހެ އެވެ.
އޭރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސެއިން އަމްރު އެކްސްގައި ލިޔުއްވި ގޮތުގައި އޮމާނުން ތެޔޮ ގަންނަން ނިންމީ އެއީ ރާއްޖެއަށް ތެޔޮ ގެނައުމަށް އަގުހެޔޮ އަދި ވަގުތު ސަލާމާތްވާނެފަދަ ސިޔާސީ ގޮތުން ހަމަޖެހޭ ގައުމަކަށް ވާތީ ކަމަށެވެ.
މި ހަނގުރާމައިގައި އިރާނުން އޮމާނަށް ވެސް ދަނީ ހަމަލާ ދެމުންނެވެ. މި ހަނގުރާމަ ފެށުމުގެ ކުރިން ސާފުކުރި ޑީސަލް ފީފާއެއްގެ އަގު 80 ޑޮލަރަށް ހުރި ނަމަވެސް މިހާރު ފީފާއެއް އުޅެނީ 150 ޑޮލަރަށް ވުރެ މަތީގަ އެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ މާލީ ގެއްލުން ފޫބެއްދުމަށް 100 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވަމުން އަންނާތީ އޭޭޝިއާގެ ގައުމުތަކުން ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އެފަދަ ފިޔަވަޅުތަކެއް ރާއްޖޭގެ ސަރުކާރުން ނާޅާތީ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބައެއް ރަށްރަށުގައި ޕެޓްރޯލާއި ޑީސަލް ލީޓަރެއް ވިއްކާ އަގު 28ރ. އިން މައްޗަށް ބައެއް ރަށްރަށުގައި ޕެޓްރޯލާއި ޑީސަލް ލީޓަރެއް ވިއްކާ އަގު 28ރ. އިން މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ