ހުއްދަ ނުނަގައި ހަރުކުރި ކަމަށް ބުނެ، އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކެއް އެޗްޑީސީން ނަގައިފި
އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން ހުޅުމާލޭގައި ހަރުކޮށްފައިވާ ޕޯސްޓަރުތަކެއް، އެ ސިޓީ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނަގައިފިއެވެ. ސޯޝަލް މީޑިއާގައި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ވަނީ އެ ޕާޓީގެ ޕޯސްޓަރުތައް އެޗްޑީސީން ނަގަމުން އަންނަ ކަމަށް ބުނެފައެވެ. އެމްޑީޕީން ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) ވަނީ، ހުޅުމާލޭގައި ހަރުކޮށްފައި ހުރި އޭނާގެ ޕޯސްޓަރެއް އެޗްޑީސީން ނަގައިފައިވާ ކަމަށާއި އޭގެ ބަދަލުގައި، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ޕޯސްޓަރު އެ ތަނުގައި ހަރުކޮށްފައިވާ ކަމަށް ބުނެފައެވެ. ޒާޔާގެ ޕޯސްޓަރު މީގެ ކުރިން ހުރި ތަން: އޭނާ ވަނީ އޭނާގެ ޕޯސްޓަރު ނަގައިފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ ފާތިމަތު ޒަހިއްޔާ (ޒާޔާ)، ފޭސްބުކް މީގެ އިތުރުން، ދައުރު ނޫހުގެ ނޫސްވެރިޔާ މުޒައްޔިން ނާޒިމް އެކްސްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން، އެޗްޑީސީގެ މުވައްޒަފުންތަކެއް އެމްޑީޕީގެ ޕޯސްޓަރުތަކެއް ނަގާ މަންޒަރު ފެނެއެވެ. އެ ވީޑިއޯއާ ގުޅޭ ގޮތުން އެޗްޑީސީއާ ސުވާލުކުރުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވަނީ، ޕޯސްޓަރުތައް ނަގައިފައިވަނީ ހުއްދަ ނުނަގައި ހަރުކޮށްފައި ހުރުމުން ކަމަށް ވިދާޅުވެފައެވެ. މިދިޔަ ޖަނަވަރީ މަހު އެޗްޑީސީން ވަނީ، ހުޅުމާލޭގައި ބިލްބޯޑާއި ބެނާ ހަރުކުރުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅައިފައިވާކަން އިއުލާންކޮށްފައެވެ. އަދި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި އެ ކޯޕަރޭޝަންގެ ހުއްދަ ނެތި ބެނާއާއި ޕޯސްޓަރު ފަދަ ތަކެތި ހަރުކުރުމަކީ މަނާ ކަމެއް ކަމަށް އެ ކުންފުނިން އެކި ފަހަރު މަތިން އިއުލާންކޮށްފައިވެއެވެ. މީގެ ކުރީ އިންތިޚާބުތަކާ ދިމާކޮށް ވެސް، ހުއްދަ ނުނަގައި ޕޯސްޓަރާއި ބެނާ ޖަހައިފައިވާ ކަމަށް ބުނެ، އެ ތަކެތި އެޗްޑީސީން ނަގައިފައިވެއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ