ކެމްޕެއިން ބެނާތަކަށް ގެއްލުންދިނުން: އާޒިމް ގޮވާލެއްވީ އަދާވާތްތެރި ނުވުމަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީން ހުޅުމާލޭގައި ހަރުކޮށްފައިވާ ބެނާތަކާއި ޕޯސްޓަރުތަކަށް ގެއްލުންދީފައިވާއިރު، އަދާވާތްތެރި ނުވުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. ރަމަޟާން މަހުގެ 27 ވިލޭރޭގެ ފަތިހުގެ ބަޔަކު ވަނީ ހުޅުމާލޭގެ މަގުތަކުގައި އެމްޑީޕީން ދަމާފައިވާ ކެމްޕެއިން ބެނާތަކަކަށް ގެއްލުންދީފައެވެ. މިގޮތުން، އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ މާލެ ސިޓީގެ މޭޔަރު އާޒިމްގެ ކެމްޕެއިން ބެނާތަކަށެވެ. ފަތިސް ނަމާދަށް މީހުން މިސްކިތްތަކަށް ދިޔަ ވަގުތާ ދިމާކޮށް ހިންގި މި އަމަލުގައި، އާޒިމްގެ ފޮޓޯ ޖަހާފައިވާ ގިނަ އަދަދެއްގެ ބެނާތައް ވަނީ ވީދާލައި، މަގުމައްޗަށް ވައްޓާލައި، އަދި ބައެއް ތަކެތި ނައްޓާލާފައި ކަމަށް އާޒިމްގެ ކެމްޕެއިން ޓީމުން ބުނެއެވެ. ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސިޔާސީ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައި ހިނގައިދިޔަ މި ހާދިސާގެ ސަބަބުން، ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތާމެދު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައި ކަމަށް އެ ޓީމުން ބުންޏެވެ. މި ހާދިސާ ހިނގި ގޮތް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ވަރަށް ސާފުކޮށް ފެނެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހައެއްކަ މީހުން ހިމެނޭ ގްރޫޕަކުން އާޒިމްގެ ބެނާތައް ވީދައި، ތިރިކުރަމުން ދަނިކޮށް، އެ ސަރަހައްދުން ދިޔަ އާންމުންގެ މީހަކު ވަނީ އެއީ ކޮން ބައެއްތޯ ސުވާލުކޮށްފައެވެ. އެ މީހުންނަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންތޯ އެހުމުން، އެތަނުން އެކަކު ވަނީ އެއީ އެޗްޑީސީގެ ބައެއް ކަމަށް ބުނެ ޖަވާބުދީފައެވެ. https://sun.mv/219273 ފަހުން އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވެސް ވަނީ ބެނާތައް ނެގީ އެޗްޑީސީންކަން ކަށަވަރުކޮށްދެއްވާފައެވެ. އެ ކުންފުނިން ބުނިގޮތުގައި ބެނާތައް ނެގީ ހުއްދަ ނުނަގާ ދަމާފައި ހުރުމުންނެވެ. އެމްޑީޕީގެ ބެނާތަކާއި ޕޯސްޓަރުތައް ނެގި ނަމަވެސް ޕީއެންސީގެ ކެމްޕެއިން ސާމާނު ހުރީ ބަހައްޓައިފައެވެ. މިކަމާ ގުޅިގެން މޭޔަރު އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކެމްޕެއިން ކުރުމުގައި ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި، އެޗްޑީސީން ގަސްތުގައި ހުއްދަ ނުދީ ހިފެހެއްޓުމަށްފަހު މިފަދަ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑުމެން އެންމެންނަށް ހަމަހަމަކޮށް ކެމްޕެއިންކޮށް، ވާދަވެރި ވިޔަސް އަދާވާތްތެރި ނުވެ މަސައްކަތް ކުރެވެން ވާނެ. މިއީ ނިކަން ދެރަ ކަމެއް. އަޅުގަނޑުގެ ފޮޓޯ ހުރި އެއްޗެއް ވީދާނުލައި، އަޅުގަނޑަށް ނޫނީ ޕާޓީއަށް ގުޅުއްވާފައި ނަގަން އެންގިދާނެ. މިއީތޯ ތަހުޒީބީ ގޮތަކީ؟" އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން، އާޒިމް ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް، މުދަލަށް ގެއްލުންދީ، ނަފްރަތު އުފެއްދުމަކީ ޑިމޮކްރެސީގެ ރޫހާ ޚިލާފު ކަމެކެވެ. އޭނާ ވަނީ ކަމާބެހޭ ފަރާތްތަކުން މި މައްސަލަ އިންސާފުވެރިކަމާއެކު ބަލައިދިނުމަށް ގޮވާލައްވާފައެވެ. އާޒިމް އިތުރަށް ވިދާޅުވީ މި ކުރާ މަސައްކަތަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށާއި، ވާދަވެރިކަމުގެ ތެރެއިންވެސް ބަލަންވީ ކަންކަން ރަނގަޅުކޮށް، އަމާނާތްތެރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. ސިޔާސީ މަސައްކަތަކީ ޒާތީ ހަސަދަވެރިކަމަށް ވެގެން ނުވާނެކަން އޭނާ ތަކުރާރުކުރެއްވިއެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން، ޚާއްޞަކޮށް އިލެކްޝަންސް ކޮމިޝަނުންނާއި ފުލުހުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ވަކި ފަރާތެއްގެ ބެނާތަކަށް އަމާޒުކޮށް ދައުލަތުގެ ކުންފުންޏެއްގެ ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ އަމަލުތައް ހިންގުމަކީ ސިޔާސީ މަޝްރަހުގައި އުފެދޭ ނުތަނަވަސްކަމެއްގެ ގޮތުގައި އެމްޑީޕީން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ