ތިން ކުއްޖަކަށް ގޯނާކުރި މައްސަލާގައި ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފި

އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ މައްޗަށް ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފަސް ދައުވާއެއް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައިފި އެވެ.
ވީކިހިނެއް؟ - މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއަކާއި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރު ހައްޔަރުކުރަނީ މިދިޔަ އަހަރު ފަހުކޮޅުގަ އެވެ.
މި ވަގުތު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ތަފްސީލް - ޕީޖީ އޮފީހުން ބުނި ގޮތުގައި ސަނީގެ މައްޗަށް އުފުލީ:
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ތިން ދައުވާއެއް
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާއެއް
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާއެއް
އޭގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ތިން ދައުވާއެއް އުފުލަނީ:
އެއް ދައުވާ އުފުލަނީ ކުޑަކުއްޖެއްގެ އުމުރުން ހަތް އަހަރުވުމުގެ ކުރިން ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ
ދެވަނަ ދައުވާއަކީ ކުޑަކުއްޖެއްގެ އުމުރުން 10 އަހަރު ނުވަތަ 11 އަހަރުގައި ޖިންސީ ނިޔަތެއް އޮވެގެން އުފުލާފައިވާ ދައުވާއެއް
ތިންވަނަ ދައުވާއަކީ ކުޑަކުއްޖެއްގެ އުމުރުން ނުވަ އަހަރު ނުވަތަ 10 އަހަރުގައި ޖިންސީ ނިޔަތެއް އޮވެގެން އުފުލާފައިވާ ދައުވާއެއް
އެ ކުދިންގެ ތެރެއިން ހަތް އަހަރު ނުވާ ކުއްޖާއަކީ ފިރިހެން ކުއްޖެއް، އަނެއް ދެ ކުދިންނަކީ އަންހެން ކުދިން
މިއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ 10 އަހަރާއި14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
ބާކީ ދެ ދައުވާގެ ތަފްސީލަކީ:
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލަނީ ސަނީގެ ފޯނު ހަވާލުކުރަް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ވެސް ފޯނު ގެއްލިފައިވާ ކަމަށް ބުނެ ހަވާލުނުކުރުމުން؛ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުން
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ އުފުލަނީ ސަނީ ގެންގުޅުނު ކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭ ގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ: މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުން
ޕީޖީ އޮފީހުން ބުނީ ސަނީގެ މައްޗަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބެއް ކަނޑައަޅައިދިނުމަށް އެ އޮފީހުން ކޯޓުގައި އެދޭނެ އެވެ. އެހެންވެއްޖެނަމަ އޭނާގެ މައްޗަށް 44 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅިގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ