ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ޖެޓީތަކާއި ބައުޒަރުތަކުން ވިއްކާ ތެލުގެ އަގު ވަރަށް ބޮޑަށް ބޮޑުކުރުމާ ގުޅިގެން ރާއްޖޭގެ ރަށްރަށަށް ލޯންޗު ފެރީގެ ހިދުމަތްދޭ ކުންފުނިތަކުން ވިއްކާ ޓިކެޓުގެ އަގުތައް އުފުލިއްޖެ އެވެ.
މާލެ އާއި އަތޮޅުތެރެއާ ދެމެދު ދަތުރުކުރާ ގިނަ ލޯންޗުފަހަރުގައި ހުންނަ އިންޖީނަށް ބޭނުންކުރާ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 27.13ރ. މިއަދު ބޮޑުކޮށްފަ އެވެ. އަތޮޅު ތެރޭގެ ބައެއް ރަށްރަށުން ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަމުން އަންނަނީ 28ރ. އަށް ވުރެ ބޮޑުކޮށެވެ.
އަދަދު ނޫހުން ވާހަކަ ދެއްކި ބައެއް ފެރީ އޮޕަރޭޓަރުން ދިން މައުލޫމާތުތަކަށް ބަލާއިރު ލޯންޗު ފެރީ ޓިކެޓުގެ އަގުތައް ވަނީ ގާތްގަނޑަކަށް 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދު އުފުލިފަ އެވެ. އަދި، ކުރިން ކޮންމެ ދުވަހަކު ބާއްވަމުން އައި ފެރީ ދަތުރުތައް މަދުކޮށް ހަފްތާއަކު ދެތިން ދުވަހު ކުރުމަށް ވެސް ބައެއް ފެރީ އޮޕަރޭޓަރުން ވަނީ ނިންމާފަ އެވެ.
ވ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ ފެރީ އޮޕަރޭޓަރަކު މައުލޫމާތު ދިން ގޮތުގައި ކުރިން ކޮޅަކަށް 300ރ. އަށް ކުރި ދަތުރުގެ އަގު 500ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި 250ރ. އަށް ކުރަމުން އައި ދަތުރުތައް ވަނީ 450ރ. އަށް ބޮޑުކޮށްފަ އެވެ.
ކ. އަތޮޅުގެ ރަށްތަކަށް ދަތުރު އަޅާ ފެރީ އޮޕަރޭޓަރަކު ވެސް މައުލޫމާތު ދިން ގޮތުގައި އެ ކުންފުނީގެ ދަށުން ދުއްވާ ލޯންޗުފަހަރުން އަޅާ ދަތުރުތަކުގެ އަގު 50 ޕަސެންޓު ވަނީ ބޮޑުކުރަން ޖެހިފަ އެވެ.
އެހެން އޮޕަރޭޓަރަކު މައުލޫމާތު ދިން ގޮތުގައި ފ. އަތޮޅުގެ ރަށްތަކަށް ކޮޅަކަށް 550ރ. އަށް ކުރަމުން އައި ދަތުރުތަކުގެ އަގު ވަނީ 850ރ. އަށް ބޮޑުކޮށްފަ އެވެ.
ދ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރާ ފެރީ އޮޕަރޭޓަރަކު ވެސް ވަނީ ކުރިން ކޮޅަކަށް 600ރ. އަށް ކުރަމުން އައި ދަތުރުތައް 900ރ. އަށް ބޮޑުކޮށްފަ އެވެ.
ރ. އަތޮޅުގެ ރަށްރަށަށް ފުޅާ ދާއިރާއެއްގައި ފެރީ އޮޕަރޭޓުކުރާ ކުންފުންޏަކުން ވެސް ވަނީ 750ރ. އަށް ކުރަމުން އައި ދަތުރުގެ އަގުތައް 1،000ރ. އަށް ބޮޑުކޮށްފަ އެވެ.
މި އަތޮޅުތަކުގެ އިތުރުން ވެސް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ކަނޑުދަތުރުފަތުރު ކުރުމުގެ އަގުތައް މިވަނީ ވަރަށް ހަލުވިކޮށް އުފުލެން ފަށާފަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ލޯންޗު ފެރީގެ އަގުތައް މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ. މި ފެެރީތަކަކީ އެ އަތޮޅުތަކުގެ ރައްޔިތުންނާއި ލޯކަލް ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ބަރޯސާވާ ފެރީތަކެކެވެ.
ކުރިއަށް އޮތްް އީދު ބަންދުގައި ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ލޯންޗު ފެރީގެ އަގުތައް އުފުލެމުން އަންނާތީ އެ ބަންދުގައި މާލެއިން ބޭރަށް މީހުން ދާނެ މިންވަރު ކުރިއަށްވުރެ ދަށްވާނެ ކަމަށް ބެލެވެ އެވެ.
އަތޮޅު ތެރޭގައި ދަތުރުކުރުމަށް އާންމުން މިހާރު ބޭނުންކުރާ އާރުޓީއެލް ފެރީ ނިޒާމުގެ އަގުތައް އަދި ބޮޑެއް ނުކުރެ އެވެ.
ތެލުގެ އަގު ބޮޑުކުރުމުން ރަށްރަށަށް ދަތުރުކުރާ ލޯންޗު ފެރީގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެ ތެލުގެ އަގު ބޮޑުކުރުމުން ރަށްރަށަށް ދަތުރުކުރާ ލޯންޗު ފެރީގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ