މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑިސަލްތެޔޮ ލީޓަރެއްގެ އަގު "ރެކޯޑު" މިންވަރަކަށް މަތިކޮށްފި

މިއަދުން ފެށިގެން މިފްކޯއިން މަސްވެރި އޮޑިދޯނި ފަހަރަށް މިފްކޯއިން ވިއްކާ ޑީސަލްތެޔޮ ލީޓަރެއްގެ އަގު "ރެކޯޑު" މިންވަރަކަށް ބޮޑުކޮށްފިއެވެ. މިފްކޯއިން މިއަދު ނެރުނު މެމޯއެއްގައިވަނީ އަގަށް ގެނައި ބަދަލު އިއުލާނުކޮށްފައެވެ. މެމޯގައިވާ ގޮތުން މިފްކޯއަށް މަސްކިރާ މަސްދޯނިފަހަރަށް ލީޓަރެއް ވިއްކާ އަގު ބޮޑުކޮށްފައިވަނީ 27.24 ރުފިޔާއަށެވެ. އާންމު އެހެން ފަރާތްތަކަށް ވިއްކާ އަގުވަނީ 28.54 ރުފިޔާއަށް ބޮޑުކޮށްފައެވެ. މަސްވެރިން ބުނަމުން އަންނަ ގޮތުގައި، މިއީ މިފްކޯއިން ވިއްކާ ޑިސަލް އަގު މިހާ ބޮޑަށް މިފަހުން މަތިވި ފުރަތަމަ ފަހަރެވެ. މަސްވެރިންނަށް ޑީސަލްތެޔޮ ލީޓަރެއް ވިއްކާ އަގު މިފްކޯއިން ބޮޑުކުރިއިރު، އެންމެފަހުން ލިބެންހުރި މައުލޫމާތުން އެނގޭގޮތުގައި މިފްކޯއަށް މަސްކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. އަދި ދިހަ ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަނީ ވެސް 20 ރުފިޔާއަށެވެ. ފަނަރަ ކިލޯއިން މަތީގެ ކަންނެލި ގަންނަނީ 25 ރުފިޔާއަށެވެ. ތެލުގެ އަގު ބޮޑުވުމުން، މަހަށް ދިއުމުގެ އަގު ބޮޑުވުމާއެކު، ލިބޭ އާމްދަނީން ޚަރަދުތައް ދެކޮޅު ޖެއްސުމަށް ވެސް ދަތިވުމުގެ ކަންބޮޑުވުން މަސްވެރިން އަންނަނީ ފާޅުކުރަމުންނެވެ. މީގެ ކުރިން ވެސް މަސްވެރިން ފާޅުކުރި އެއް ކަންބޮޑުވުމަކީ ޑީސަލްތެލުގެ އަގު އެކަށީގެންވާ މިންވަރަކަށް ދަށްނުވުމާއި، އައިސް ލިބުމުގައި ވެސް ދަތިވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ