ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 16) - އިންޑިއަން ވެލްސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އިޓަލީގެ، ޖަނިކް ސިނާ، މި ކާމިޔާބާ އެކު، ލެޖެންޑަރީ ދެ ތަރި، ސާބިއާގެ ނޮވަކް ޖޮކޮވިޗާއި ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ އަތުގައި އޮތް ރެކޯޑަކާ ހަމަކޮށްފި އެވެ.
އިންޑިއަން ވެލްސް ފައިނަލުގައި، ސިނާ، 24، ވަނީ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އަތުން 7-6 (8-6) 7-6 (7-4) އިން މޮޅުވެފަ އެވެ. މެޑްވެޑޭވް ފައިނަލަށް ދަތުކުރީ، މި ފަހަރުގެ ޓެނިސް ސީޒަން ތަފާތު ފޯމެއްގައި ފެށި، ސްޕެއިނުގެ ކާލޯސް އަލްކަރާޒް، ސެމީ ފައިނަލުގައި ބަލިކޮށްފަ އެވެ. މެޑްވެޑޭވް އަތުން ބަލިވެ، އަލްކަރާޒް ވަނީ 16 މެޗަށް ފަހު، ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ.
އިންޑިއަން ވެލްސްގައި ހޯދި ކާމިޔާބަކީ، ސިނާގެ ކެރިއަރުގެ 25 ވަނަ ތަށްޓެވެ. މި މުބާރާތުގެ ޗެމްޕިއަންކަން، ސިނާ ހޯދީ ސެޓެއް ވެސް ނުގެއްލި އެވެ. މި ކާމިޔާބީ އިތުރަށް ފުރިހަމަވާ ސަބަބަކީ، ހާޑް ކޯޓުގައި ކުޅޭ މާސްޓާސް 1000 މުބާރާތްތަކުގެ ހަ މުބާރާތުގެ ތަށި ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށް ވުމެވެ. މީގެ ކުރިން، މިކަން ހާސިލްކުރި ހަމައެކަނި ކުޅުންތެރިންނަކީ، ފެޑެރާ އާއި ޖޮކޮވިޗް އެވެ.
މި ފަަހަރުގެ ޓެނިސް ސީޒަނުގައި، ފަށައިގެން، ސިނާގެ އެންމެ ރަނގަޅު ކުޅުން ނުދެއްކި ދިޔަ ނަމަވެސް، އިންޑިއަން ވެލްސްގައި މި ހޯދި ކާމިޔާބަކީ މި ސީޒަނުގެ ފެށުން ކަމަށް ހަދަން އޭނާ ހުރީ ބޭނުންވެފަ އެވެ.
އިންޑިއަން ވެލްސްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލަރޫސްގެ ތަރި އަރީނާ ސަބަލެންކާ އެވެ.
ސަބަލެންކާ ވަނީ ފައިނަލުގައި، ކަޒަކްސްތާންގެ އެލީނާ ރިބަކީނާ އަތުން މޮޅުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް، އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ސަބަލެންކާ ވަނީ ރިބަކީނާ އަތުން ބަލިވެފަ އެވެ.
އެކަމަކު، އިންޑިއަން ވެލްސް ފައިނަލުގައި ރިބަކީނާއާ ދެކޮޅަށް ނުކުމެ، ސަބަލެންކާ ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި، މެޗުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 3-6 6-3 7-6 (8-6) އިންނެވެ.
މި މެޗުގެ ކުރިން، ސަބަލެންކާ، 27، ވަނީ އެންމެ ފަހުން ކުޅުނު 10 ފައިނަލުގެ ތެރެއިން ހަ ފައިނަލުން ބަލިވެފަ އެވެ. އެހެންކަމުން، އިންޑިއަން ވެލްސްގެ ފައިނަލަަށް ސަބަލެންކާ ނުކުތީ ކޮންމެ ވެސް ވަރެއްގެ ޕްރެޝަރަކާ އެކު އެވެ.
ސަބަލެންކާ ބުނީ، އިންޑިއަން ވެލްސްގެ ކާމިޔާބީ ހަޔާތުގެ ބާކީބައިގައި ހަނދާން ހުންނާނެ ސަބަބުތައް ގިނަ ކަމަށެވެ. އެ ގޮތުން، މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، މި މުބާރާތުގެ ތެރެއިން، ލޯބިވެރިޔާއާ އެކު އެންގޭޖްވުމަކީ ވެސް ހާއްސަ ހަނދާނަކަށްވާނެ ކަމަށް ސަބަލެންކާ ވަނީ ބުނެފަ އެވެ.
އޮސްޓްރޭލިއަން އޯޕަންގެ ނާކާމިޔާބީ އަށް ފަހު، ޓެނިހުން ނެގި ބްރޭކުގެ ފައިދާ އިންޑިއަން ވެލްސްގައި ކުރި ކަމަށް ސަބަލެންކާ ވަނީ ބުނެފަ އެވެ.
ޖޮކޮވިޗާއި ފެޑެރާ އަތުގައި އޮތް ރެކޯޑަކާ ސިނާ ހަމަކޮށްފި ޖޮކޮވިޗާއި ފެޑެރާ އަތުގައި އޮތް ރެކޯޑަކާ ސިނާ ހަމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ