އީރާނު ހަނގުރާމައާ ހެދި ސަޕްލައިއަށް ބުރޫއަރައި ދެކުނު އޭޝިއާއަށް ގޭހުގެ ދަތިކަން

އެމެރިކާ، އިޒްރޭލު އަދި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ދެކުނު އޭޝިއާއަށް ހަކަތައިގެ ބޮޑު ދަތިކަމެއް ކުރިމަތިވެ، ގަލްފް ސަރަހައްދުން ފޮނުވާ ޝިޕްމަންޓްތަކަށް ބުރޫއެރުމާ ގުޅިގެން ގޭސް ކޮންޓްރޯލްކޮށް، ކުއްލި ފިޔަވަޅުތައް އެޅުމަށް ސަރުކާރުތަކަށް މަޖުބޫރުވެއްެޖެ އެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން، ގަލްފްގެ ހަކަތައަށް ބޮޑަށް ބަރޯސާވާ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.
އިންޑިއާގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) މަދުވުމުގެ ސަބަބުން، މަރުވާ މީހުންގެ ހަށިގަނޑު އަންދާ ތަންތަނުގައި ގޭސް ބޭނުންކުރުން ހުއްޓާލުމަށާއި ރެސްޓޯރަންޓްތަކުން ކާބޯތަކެތި ތެލުލުން މަދުކުރުމަށް ވަނީ މަޖުބޫރުވެފަ އެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބިރުގަންނަންޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެ، ހަމަޖެހިގެން ތިބުމަށް އިލްތިމާސްކުރައްވާފަ އެވެ. ނަމަވެސް، މުދާ ފޮރުވުމާއި އަގު ބޮޑުކުރުމުގެ ރިޕޯޓްތައް ވަނީ ފެތުރިފަ އެވެ.
ވިޔަފާރިތަކުން ބުނާ ގޮތުގައި، މި ދަތިކަމުގެ އަސަރު މިހާރު ވެސް ވަނީ ކުރަން ފަށާފަ އެވެ.
"ގޭސް މަދުވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އަސަރުކޮށްފި،" ޕޫނޭގެ ކްރެމަޓޯރިއަމްތައް ބަލަހައްޓާ އޮފިޝަލެއް ކަމަށްވާ މަނީޝާ ޝެކަޓްކަރް ވިދާޅުވި އެވެ.
ރެސްޓޯރަންޓްތަކަށް ވަނީ ހުޅުވާފައި ހުންނަ ވަގުތު ކުރުކުރުމަށާއި ގޭސް ބޭނުންކޮށްގެން ކެއްކުމުން ދުރުހެލިވުމަށް ލަފާދީފަ އެވެ. މުމްބާއީގައި، ހޮޓާ އަދި ރެސްޓޯރަންޓް އެސޯސިއޭޝަނުން ވަނީ ސަޕްލައި ރަނގަޅު ނުވެއްޖެ ނަމަ ސިޓީގެ ދެބައިކުޅަ އެއްބައި ހޮޓާތައް ބަންދުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.
ޕާކިސްތާނާއި ބަންގްލަދޭޝްއިން ވެސް ވަނީ ހަކަތަ އިގްތިސާދު ކުރަން ފަށާފަ އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިންޒާރު ދެއްވި ގޮތުގައި، މި ހާލަތު އިތުރަށް ގޯސްވެދާނެ އެވެ.
"މިގޮތަށް ހާލަތު ގޯސްވަމުންދާ ނަމަ، މި އަގުތައް ކޮންޓްރޯލުން ނެއްޓިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުން ވަނީ ސިވިލް ސާވަންޓުންނަށް ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖައްސައި ވަގުތީ ގޮތުން ސްކޫލްތައް ބަންދުކޮށް، ޕެޓްރޯލްގެ އަގު %20 ބޮޑުކޮށްފަ އެވެ.
ބަންގްލަދޭޝްގައި ކަމާ ބެހޭ ފަރާތްތަކުން ވަނީ ސިނާއަތްތަކަށް ދޭ ގޭސް ކަނޑާލައި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ޔުނިވާސިޓީތައް ބަންދުކޮށްފަ އެވެ. އޮފިޝަލުން ވިދާޅުވީ މި ފިޔަވަޅުތަކަކީ ކުއްލިއަކަށް ސަޕްލައިއަށް އައި ލޮޅުން މެނޭޖްކުރުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅުތަކެއް ކަމަށެވެ.
ހަކަތައާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ބުރޫއެރުމުގެ ސަބަބުން މި ސަރަހައްދުގެ ގައުމުތައް ގަލްފްގެ ހަކަތައަށް ބަރޯސާވެފައިވާ މިންވަރު ވަނީ ހާމަވެފަ އެވެ. އިންޑިއާއަށް ބޭނުންވާ އެލްޕީޖީގެ ގާތްގަނޑަކަށް %60 ގަލްފްގެ ގައުމުތަކުން ހޯދާއިރު، ބަންގްލަދޭޝްއިން ހަކަތައިގެ ބޭނުންތަކުގެ %95 އިމްޕޯޓްކުރެ އެވެ. އަދި ޕާކިސްތާނުން އެލްއެންޖީގެ ބޮޑު ބައެއް ހޯދަނީ ގަތަރުންނެވެ.
ހަމަނުޖެހުންތައް ކުރިއަށްދާއިރު، ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް މުދާ އުފުލުމަށް ހުރަސްތައް ކުރިމަތިވެފައި އޮންނަ ނަމަ، މުޅި ދެކުނު އޭޝިއާގައި ތަކެތީގެ ދަތިކަމާއި އަގުތައް އުފުލުން އިތުރަށް ގޯސްވެދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރު ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ